މިހާރު ބަލި ފެތުރެމުން އަންނަ ނިސްބަތަށް ބަލާނަމަ އެޑްމިޓް ކޮށްގެން ފަރުވާ ދެވޭނެ ވަރަށް ވަސީލަތް އެބަހުރި ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް)ގެ ލީޑަރު ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ބަލި ޖެހިގެން އެޑްމިޓްކުރާ މިންވަރު މިހާރު އިތުރުވަމުން އަންނަ ކަމަށެވެ. ނަމަވެސް މީހުން އެޑްމިޓް ކުރަމުން އަންނަނީ ސިމްޓަމްސް ތަކަށް ބެލުމަށްފަހު ކަމަށާއި އެގޮތުން ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވޭ ވަރަށް ފެސިލިޓީތައް މިހާރު ހުރީ ތަރައްގީ ކުރެވިފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވިއެވެ.

"އެޑްމިޝަންތައް ގިނަ ވަމުންދަނީ އެހެން ނަމަވެސް މިހާރަށް ބަލާއިރު ފުދޭވަރަކަށް ގިނަ ބެޑްތައް އެބަހުރި، އެހެން ކަމުން މި ރޭޓުން ދާކަމަށްވާނަމަ އަދި އަޅުގަނޑުމެންނަށް މެނޭޖް ކުރެވޭނެ އިނގޭތޯ،" ޑރ. އަލީ ލަތީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ތަފާސް ހިސާބުތަކަށް ބަލާއިރު ޖޫން މަހުގެ ފަހު ހަފްތާގައި ގާތްގަނޑަކަށް ހަތަރު ޕަސެންޓް މީހުން އެޑްމިޓް ކުރިއިރު ޖުލައި މަހުގެ ފުރަތަމަ ހަފްތާގައި އެ އަދަދު 15 ޕަސެންޓަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ހޮސްޕިޓަލްގައި އެޑްމިޓްކުރާ މިންވަރު މިމަހު އިތުރުވެފައިވުމަކީ ވަރަށް ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

ޑރ. އަލީ ލަތީފު އިތުރަށް ވިދާޅުވީ ޖޫން މަހުގައި އެވަރެޖް ކޮންޓެކްޓްގެ ގޮތުގައި ހިމެނެނީ ނުވަ މީހުން ކަމަށާއި މިހާރު އެ އަދަދު ވެސް 15 އަށް އަރާފައިވާ ކަމަށެވެ. އަދި ބައެއް މީހުން ބަލި ނުޖެހޭނެ ކަމަށް ނިންމައިގެން އުޅެމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.