ކޮވިޑް-19އާ ގުޅިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރާ ކޭސްތައް އިތުރުވަމުން އަންނަ ކަމަށް ޓެކްނިކަލް އެޑްވައިޒަރީ ޓީމް (ޓެގް) ގެ ލީޑަރު ޑރ. އަލީ ލަތީފު ވިދާޅުވެއްޖެއެވެ.

ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަލީ ލަތީފު ވިދާޅުވީ ތަފާސް ހިސާބަށް ބަލާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރާ ކޭސްތައް އިތުރުވަމުން އަންނަ ކަމަށެވެ. އަދި އެ އަދަދު އިތުރުވުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށް ވިދާޅުވިއެވެ.

"ޖޫން މަހުގެ ފަހު ހަފްތާއަށް ބަލާއިރުގައި ގާތްގަނޑަކަށް ހަތަރު ޕަސެންޓް އަޅުގަނޑުމެން އެޑްމިޓް ކުރިން ހޮސްޕިޓަލްގައި، އެހެން ނަމަވެސް ޖުލައިގެ ފުރަތަމަ ހަފްތާއަށް ބަލާއިރުގައި 15 ޕަސެންޓަށް މައްޗަށް ގޮސްފި،" ޑރ. އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މީހުންގެ ކޮންޓެކްޓްސް ވެސް ޖޫން މަހާ އަޅާބަލާއިރު އިތުރުވާން ފަށާފައިވާ ކަމަށެވެ. އެގޮތުން ޖޫން މަހުގައި އެވަރެޖް ކޮންޓެކްޓްގެ ގޮތުގައި ހިމެނެނީ ނުވަ މީހުން ކަމަށާއި ނަމަވެސް ޖުލައި މަހު އެ އަދަދު 15 އަށް އަރާފައިވާ ކަމަށެވެ. އަދި ބައެއް މީހުން ބަލި ނުޖެހޭނެ ކަމަށް ނިންމައި އުޅެމުންދާ ކަމަށް ވެސް ޑޮކްޓަރު ފާހަގަކުރެއްވިއެވެ.

އަލީ ލަތީފު ވިދާޅުވީ ބަލި ޖެހިގެން އެޑްމިޓް ކުރާ މިންވަރު އިތުރުވި ނަމަވެސް އެޑްމިޓް ކުރަމުންދަނީ ސިމްޓަމްސް ތަކަށް ބެލުމަށްފަހު ކަމަށެވެ. އަދި ހޮސްޕިޓަލްތަކުގައި އެޑްމިޓް ކުރެވޭ ވަރަށް ފެސިލިޓީތައް މިހާރު ތަރައްގީ ކުރެވިފައިވާއިރު އެޑްމިޓް ކޮށްގެން އަދި ފަރުވާ ދެވޭނެހާ ގާބިލުކަން އެބަހުރި ކަމަށް ވިދާޅުވިއެވެ.