ޖިންސީ ގޯނާގެ ތުހުމަތުކުރެވޭ ސައުދުﷲ އަހުމަދު ހަސަން ދީދީ، ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ސެކްރެޓަރީ ޖެނެރަލް ކަމުންނާއި މެންބަރުކަމުން ވަކިކޮށްފިއެވެ.
ގޭމް އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ސައުދުﷲ ވަކިކުރަން ފާސްކޮށްފައިވަނީ މިރޭ ބޭއްވި އެ އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ބައިވެރިވި 14 މެންބަރުންގެ އިއްތިފާގުން ގޭމްގެ އެސްޖީގެ މަގާމުންނާއި ހިންގާ ކޮމިޓީގެ މެންބަރުކަމުން ސައުދުﷲ ވަކިކުރަން ފާސްކޮށްފައިވާ ކަމަށް އެ އެސޯސިއޭޝަނުން ނެރުނު ނޫސްބަޔާނުގައި ބުނެފައިވެއެވެ.
ސައުދުﷲގެ ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅުމުން އެ މައްސަލަ ނުބެލޭ ކަމަށް ވިދާޅުވެ، ގޭމްގެ ރައީސްކަމުގެ މަގާމުގައި ހުންނެވި މޫސާ ނާސިހު ވެސް ވަނީ މިދިޔަ ބުދަ ދުވަހު އަމިއްލައަށް އިސްތިއުފާދެއްވައިފައެވެ. އިސްތިއުފާ ދެއްވުމަށްފަހު ނާސިހު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ، މިދިޔަ މަހުގެ 23 ގައި ގޭމްގެ ހިންގާ ކޮމިޓީއަށް ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް އިތުރަށް ކުރިއަށްގެންދާނެ މާހައުލު ނެތް ކަމަށް އެ މައްސަލަ ބެލި ކޮމިޓީން ނިންމުމުން ކަމަށެވެ.
ނާސިހު ވިދާޅުވީ ގެސްޓްހައުސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމިޓީންވެސް ބެލި ކަމަށެވެ. އަދި އެ މައްސަލަ އިތުރަށް ކުރިއަށްގެންދާނެ މާހައުލު ނެތުމުން އިތުރަށް އެ އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުރުމަކީ އަމިއްލަ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ނާސިހު ވިދާޅުވިއެވެ.
"ވަން"އަށް އެނގިފައިވާ ގޮތުގައި އެ އެސޯސިއޭޝަނުގެ މުވައްޒަފަކަށް ސައުދުﷲ ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މައްސަލަ ހުށަހަޅާފައިވެއެވެ. ސައުދުﷲ އަކީ އެމްޑީޕީ ގައުމީ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ ރައީސްކަމުގެ މަގާމު ވެސް އަދާކުރައްވާ ބޭފުޅެކެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު