ވިސްނާ ފިކުރު ކުރާ ބަޔަކަށް ކޮވިޑް 19ގެ ސަބަބުން އެނގިގެންދިޔައީ އިންސާނާގެ ނިކަމެތިކަމާއި، އާރެއް ބާރެއް ނެތްކަން ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފިއެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ އަށް ތަގުވާވެރިވުމުގައި އެކަލާނގެ ނިއުމަތްތަކަށް ސިއްރާއި ފާޅުގައި ޝުކުރުވެރިވުން ހިމެނޭ ކަމަށާއި އެ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އަމަންއަމާންކަމާއި ހަމަޖެހުމުގެ އަސާސް ކަމަށެވެ. އެއީ ﷲގެ ރުހިވޮޑިގަތުމާއި، ﷲގެ ރިޒުގު ތަނަވަސްވުމުގެ ސަބަބެއް ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އެކަލާނގެ ދެއްވާ ނިއުމަތްތަކަށް ޝުކުރުވެރިވުމަކީ އެ ނިއުމަތްތައް ދެމިއޮންނާނެ ކަމުގެ ޖާމިނުވުމެކެވެ. އެކަލާނގެ ކޯފާއިން ސަލާމަތްކޮށްދެއްވާނެ ކަމެކެވެ. ވިސްނާ ފިކުރު ކުރާ ބަޔަކަށް ކޮވިޑް 19ގެ ސަބަބުން އެނގިގެންދިޔައީ އިންސާނާގެ ނިކަމެތިކަމާއި، އާރެއް ބާރެއް ނެތްކަމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ ދުވަސްކޮޅެއް ކުރިން ތަހައްމަލުކުރަމުން ދިޔައީ ދަތި އުނދަގޫ ދުވަސްތަކެއް ކަމަށާއި ފުރަބަންދުވެ، ވަރަށް ގިނަ ހިދުމަތްތަކުން މަހުރޫމުވެ، އާންމު ހާލަތަށް ބޮޑެތި ބަދަލުތަކެއް އައުމުގެ ސަބަބުން ހިތްދަތިކަމާއި ނުތަނަވަސްކަން ވެރިވި ދުވަސްތަކެއް ކަމަށެވެ. އަދި ބައެއް ސަރަހައްދުތަކުގެ މިސްކިތްތަކުގައި ގާއިމުކުރެވޭ ފަރުޟު ފަސްނަމާދާއި، ހުކުރު ނަމާދުގެ ޖަމާއަތް ވަގުތީގޮތުން މެދުކަނޑާލަން ޖެހުމުގެ ސަބަބުން އެތައް ބަޔަކަށް ފުން އަސަރުތަކެއް ކޮށްފައިވާ ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"ނަމަވެސް ﷲގެ ތަނަވަސް ރަހުމަތުން މިއަދު މިވަނީ މިސްކިތްތައް ހުޅުވި، ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފަރުޟު ފަސް ނަމާދާއި، ހުކުރު ނަމާދުގެ ޖަމާއަތް ގާއިމުކުރުމުގެ ފުރުސަތު ފަހިވެފައެވެ. އަދި އާންމު ދިރިއުޅުމަށް ވެސް ލުއިތަކެއް ލިބިފައެވެ. މިކަމުގައި ކަމާބެހޭ ފަރާތްތަކުން ދެއްވި އިރުޝާދުތަކަށް ރައްޔިތުން ދިން އެއްބާރުލުން ފާހަގަކުރަން ޖެހެއެވެ. ހަމައެއާއެކު ކުރިއަށްއޮތް ތަނުގައި އާންމު ސިއްހަތު ހެޔޮގޮތުގައި ދެމެހެއްޓުމަށްޓަކައި ތޮއްޖެހިގެން ނޫޅުމަށް ނަސޭހަތްތެރިވަމެވެ. ހަމަ މި މޭރުމުން ގިނަގިނައިން އަތް ދޮވުމާއި، އާންމު ސާފުތާހިރުކަމާއި، ގައިދުރުކަމާއި، މާސްކު އެޅުން ފަދަ ކަންކަމަށް ސަމާލުވުން އިންތިހާ ދަރަޖައަށް މުހިންމެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ މާތްﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ ތެރެއިން އެންމެ ބޮޑު ނިއުމަތަކީ އިސްލާމުކަމުގެ ނިއުމަތް ކަމަށާއި މީގެ 900 އަހަރު ކުރިން މާތްﷲ މިވަނީ އިސްލާމްދީނުގެ ހިދާޔަތު ދައްކަވައި އެކަލާނގެއަށް އީމާންވާ މުސްލިމުން ކަމުގައި ލައްވައިފައި ކަމަށެވެ. އަދި އެދުވަހުން ފެށިގެން މި ލޮބުވެތި ފަސްގަނޑު މިވަނީ ސައްތައިން ސައްތަ ތާހިރު އިސްލާމީ ފަސްގަނޑަކަށް ވެފައި ކަމަށް ވެސް ހުތުބާގައި ބުނެފައިވެއެވެ.

"މާތްﷲ މި ދެއްވި ނިއުމަތަށް އަޅުގަނޑުމެން ޝުކުރުކުރަން ޖެހޭނެއެވެ. މިކަމަށްޓަކައި އަޅުގަނޑުމެންގެ ކާބަފައިން ވަނީ އެމީހުންގެ ނަފުސުތަކުން ގުރުބާންތަކެއް ވެފައެވެ. އެމީހުން ވަނީ މި ދީން ރައްކާތެރިކަމާއެކު އަޅުގަނޑުމެންނާ ހަމައަށް ވާސިލުކޮށްދީފައެވެ..،" ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި މި ދީބު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ދިވެހި ކޮންމެ ފަރުދެއްގެ ޒިންމާއެއް ކަމަށެވެ.