ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ދެ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

އެޗްއީއޯސީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ނަޒްލާ ވިދާޅުވީ، ބީއެމްއެލްގެ ދެ މުވައްޒަފަކު މިއަދު ފެނުނު ޕޮޒިޓިވް ކޭސްގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

"އެމީހުންގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރެވެމުން އެބަދޭ،" ޑރ. ނަޒްލާ ވިދާޅުވިއެވެ.

ބީއެމްއެލް ކޭސްގެ އިތުރުން އައިޖީއެމްއެޗާއި ޓްރީޓޮޕްގެ ނަރުހެއް ވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އަދި ދަރުމަވަންތަ ސްކޫލުގެ މުވައްޒަފަކާއި ރައްޔިތުން މަޖިލީހުގެ ޑްރައިވަރަކާއި އެފްއޭއެމްގެ މުވައްޒަފަކާއި ހުޅުމާލޭގައި ހުރި ޖިމަކާއި ގުޅުންހުރި އަށް ކޭސްއެއް ފެނިފައިވާ ކަަމަށްވެސް ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގްލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ މީހެކެވެ. އޭގެ ތެރޭގައިވެސް އެއްވެސް ކްލަސްޓާއަކަށް ނިސްބަތް ނުވާ މީހުން ގިނަ ކަމަށް އެޗްއީއޯސީން ބުނެއެވެ.