ތިން ބާރުގެ އިމާރާތުގައި ހުޅުޖަހަން ގޮވާލި މައްސަލައިގައި ހައްޔަރުކުރި ހަސަން ޒިހާންގެ ބަންދަށް އިތުރު 14 ދުވަސް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުން މިއަދު އިތުރުކޮށްފިއެވެ.
ޒިހާން އިތުރު 14 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކުރީ، ހައްޔަރުކޮށް ފުރަތަމަ ޖަހާފައިވާ 15 ދުވަހުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންނެވެ. މިކަން ފުލުހުން ވެސް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފައެވެ.
ޒިހާން ހައްޔަރުކޮށްފައިވަނީ ރާއްޖޭގެ ސްޕްރީމް ކޯޓާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް އަދި ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ހުޅުޖެހުމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި މައްސަލައިގައި އޮކްޓޯބަރު 20 ގައެވެ.
އޭނާގެ ފޭސްބުކް އެކައުންޓުން އިނގިރޭސި ބަހުން ކުރި އެ ޕޯސްޓުގައި، ސްޕްރީމް ކޯޓާއި ރައީސް އޮފީހާއި މަޖިލިސް އިމާރާތުގައި ހުޅުޖެހުމުގެ ފުރުސަތު ދިވެހިންނަށް ނުލިބެނީ ކީއްވެތޯ ވަނީ ސުވާލުކޮށްފައެވެ. "ރޯކޮށްލައިފިއްޔާ މަޖާވާނެ،" އޭނާގެ ސްޓޭޓަސްގައިވެއެވެ. ނަމަވެސް، އެ ސްޓޭޓަސް ޖެހިތާ ގަޑިއިރެއް ފަހުން އޭނާ ވަނީ އެ ޕޯސްޓު ޑިލީޓްކޮށްލައިފައެވެ. ފުލުހުން ބުނެފައިވަނީ އެ މައްސަލަ އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި، އެ މައްސަލަ ބަލަމުންދާ ކަމަށެވެ.
ޒިހާންއަކީ އެމްއެންޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކްޓް ފަސްޓް ލެފްޓިނެންޓް އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކޮށްފައިވާ މީހެކެވެ. އެމްއެންޑީއެފްގެ ނޭވަލް އާކިޓެކްޓަކަށް މަސައްކަތްކުރި ޒިހާން އެތަނުން ވަކިކުރީ މިދިޔަ ސަރުކާރުގެ ފަހުކޮޅުއެވެ. އަދި މި ސަރުކާރުގައި އޭނާއަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދިނުމަށް ފަހު، ފަހުން ވަނީ އެ މަގާމުން ވެސް ވަކިކޮށްފައެވެ. އެ މަގާމުން ވަކިކުރި ފަހުން އޭނާ ދަނީ މި ސަރުކާރަށް ފާޑުކިޔަމުންނެވެ.
ޕޮލިސް
ޕޮލިސް
ޕޮލިސް
ކޮމެންޓް