ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު ނަރުހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ، ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު ކޭސްއެއް ފެނިފައިވާ ކަަމަށާއި އެއީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ ނަރުހެއް ކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ، އެ ނަރުސް ހިމެނެނީ މިއަދު ޕޮޒިޓިވްވި ކޭސްތަކުގެ ތެރޭގައި ކަމަށެވެ. ނަމަވެސް އެކަމާ ބެހޭ އިތުރު ތަފްސީލެއް ޑރ. ނަޒްލާ ނުދެއްވައެވެ.

މީގެ ކުރިންވެސް ޓްރީޓޮޕް ހޮސްޕިޓަލުގެ މުވައްޒަފެއް ކޮވިޑަށް ވަނީ ޕޮޒިޓިވްވެފައެވެ. ކުރިން ޕޮޒިޓިވްވި ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ނުވަ މުވައްޒަފަކު ވަނީ އެކަހެރިކޮށްފައެވެ. ޕޮޒިޓިވްވި މުވައްޒަފެއްގެ ކޮންޓެކްޓުންގެ ތެރޭގައި އެއްވެސް ބަލި މީހަކު ނުހިމެނޭ ކަމަށް މީގެ ކުރިން ޑރ. ނަޒްލާ ވިދާޅުވިއެވެ.

މިއަދު ޓްރީޓޮޕްގެ އިތުރުން އައިޖީއެމްއެޗް އައިޖީއެމްއެޗްގައި މަސައްކަތް ކުރާ ނަރުހެއް ވެސް ވަނީ ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ހޮސްޕިޓަލުން ޕޮޒިޓިވްވި މީހުންގެ އަދަދު ޖުމްލަ 16 ވަނީ އަރައިފައެވެ. އޭގެ ތެރޭގައި ހަތް މުވައްޒަފުން ހިމެނެއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 33 ދިވެހިންނާއި ބަންގުލަދޭޝްގެ ދެ މީހުންނާއި އިންޑިއާގެ މީހެކެވެ.