މާލޭ ސިޓީގެ މޭޔަރު ޝިފާ މުހައްމަދާއި ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް، ކައުންސިލް މެންބަރަކު ހުށަހަޅުއްވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުގެ މެންބަރު، މުހައްމަދު ފިޝާވީން "ވަން" އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުބާރު ނެތް މައްސަލަ އެޖެންޑާ ކޮށްދިނުމަށް އެދި ކައުންސިލް އެހެން މެންބަރަކު ހުށަހަޅުއްވާފައިވާ ކަމަށެވެ. ނަމަވެސް އެއީ ކޮން މެންބަރެއް ކަމެއް އޭނާ ވިދާޅެއް ނުވެއެވެ.
ފިޝާވީން ވިދާޅުވީ، އެ މައްސަަލަ އަންނަ އަންގާރަ ނޫނީ ބުދަ ދުވަހު ކައުންސިލް ބައްދަލުވުމަށް އެޖެންޑާ ކުރާނެ ކަމަށެވެ.
އެ މައްސަލަ ބައްދަލުވުމަށް އެޖެންޑާ ކުރުމަށްފަހު، ފާހަގަކުރެވޭ ކަންކަން ރަނގަޅުކުރަން އެއިން ކޮންމެ ބޭފުޅަކަށް ގާނޫނުގައި ބުނެފައިވާގޮތަށް ދިހަ ދުވަހުގެ މުހުލަތެއް ދޭން ޖެހޭނެ ކަމަށާއި އިތުބާރު ނެތްކަމަށް ވޯޓު ނެގުން އޮންނާނީ އެ ދިހަ ދުވަހުގެ މުއްދަތު ހަމަވުމުން ދެން އޮންނަ ޖަލްސާއަށް އެޖެންޑާކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ. އަދި އެ ދިހަ ދުވަހަށްފަހު ބާއްވާ ބައްދަލުވުމުގައި، އެ މުއްދަތުގައި ރަނގަޅު ކުރަން ފުރުސަތު ދިން ކަންތައްތައް ރަނގަޅުކޮށްފައިވާ ކަމަށާއި ކައުންސިލަރުގެ މަގާމުން ވަކިނުކުރަން ފާސްކޮށްފިނަމަ އެ ބޭފުޅުންނަށް އެ މަގާމުތަކުގައި ތިބެވޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ތޭރަ މެންބަރުން ހިމެނޭ މާލޭ ސިޓީ ކައުންސިލުގައި މުޅިންވެސް ތިއްބަވަނީ އެމްޑީޕީ މެންބަރުންނެވެ.
ނަމަވެސް އެ މެންބަރުންގެ މެދުގައި އެކި ކަންކަމުގައި ބޮޑެތި ހިޔާލު ތަފާތުވުންތަކެއް އުފެދި ދޭތެރެ ދޭތެރެއިން އެކި ކަންކަމުގައި ބޮޑެތި ދެބަސްވުންތަކެއް އުފެދެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު