މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑައި ހިލާފަށް އަމަލުކުރާ މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް ހަދަން ރައްޔިތުންގެ މަޖިލީހުން، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް އަންގައިފިއެވެ.

އެމްއެމްސީއަށް އެކަން އެންގުމަށްޓަކައި، ރައްޔިތުންގެ މަޖިލިހުގެ އަމީން އާއްމު ފާތުމަތު ނިއުޝާ ސޮއި ކުރައްވައި މީޑިއާ ކައުންސިލަށް ފޮނުއްވާފައިވާ ސިޓީގައި ބުނެފައިވަނީ، ވަކި ގާނޫނެއްގެ ދަށުން ގަވާއިދު ހެދުމުގެ ބާރު ވަކި ފަރާތަކަށް ދީފައި ވާނަމަ، އެހެން ގޮތަކަށް އެ ގާނޫނުގައި ބަޔާންކޮށްފައި ނުވާހާ ހިނދަކު ގަވާއިދު ހެދުމަށް ދެވޭ ބާރުގެ ތެރޭގައި އެ ގަވާއިދާ ހިލާފު ވެއްޖެނަމަ 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމަށް އެ ގަވާއިދުގައި ހިމެނިދާނެ ކަމަށް، މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރުމުގެ ގާނޫނުގައި ބުނެފައިވާ ކަމަށެވެ.

އެހެންކަމުން މީޑިއާތަކުގެ ހަމަތަކާއި އަހުލާގީ މިންގަނޑާ ހިލާފަށް އަމަލު ކުރާ މީޑިއާތަކާމެދު ގާނޫނުގައި ވާގޮތަށް ފިޔަވަޅު އެޅޭނެ އިޖުރާއަތު ބަޔާންކުރާ ގަވާއިދު އެކުކަވާލައި މިމަހު އަށެއް ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން މަޖިލީހަށް ފޮނުވައި ދިނުމަށް، މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އެދޭ ކަމަށްވެސް ސިޓީގައި ބުނެފައި ވެއެވެ.

މިކަމާގުޅިގެން ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވީ އެ ފަދަ ގަވާއިދެއް ހެދުމަށް އެދި ރައްޔިތުންގެ މަޖިލީހުން ސިޓީއެއް ފޮނުވާފައިވާ ކަމަށާއި އެއީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއާއެކު ބޭއްވި ބައްދަލުވުމަކަށްފަހު ފޮނުވާފައިވާ ސީޓީއެއް ކަމަށެވެ. އެމްއެމްސީން ގަވައިދަށް އިސްލާހު ގެންނަން ނިންމާނީ މެންބަރުންގެ މެދުގައި އެކަމާމެދު މަޝްވަރާކޮށް ފާސްކުރުމުން ކަމަށްވެސް ވިދާޅުވިއެވެ.

މަޖިލީހުން އެމްއެމްސީއަށް ފޮނުވި ސިޓިގައި، ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނެއް ރޭޕް ކޮށްފައިވާ ކަމަށް ބުނާ މައްސަލައިގައި، އަނިޔާ ލިބުނު ފަރާތުން ހިއްސާ ކޮށްފައިވާ މައުލޫމާތުތަކެއް ކަމަށް ބުނެ ތަފާތު ގޮތްގޮތަށް އެކި މީޑިއާތަކުން ހަބަރު ފަތުރަމުން ދިއުމުގެ ސަަބަބުން އާއްމުންގެ ތެރޭގައި ނުތަނަވަސްކަމާއި ނަފުރަތު އެފެދެމުންދާކަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާހަގަ ކޮށްފައިވާ ކަމަށްވެސް ބުނެފައި ވެއެވެ.

އެހެންކަމުން އެ މައްސަލައާ ގުޅޭގޮތުން ހަގީގަތާ ހިލާފު ހަބަރުތައް އެއްވެސް މީޑިއާއަކުން ފަތިރާފައި ވާނަމަ އެކަން ބައްލަވައި ދެއްވުމަށް އެ ކޮމިޓީން އެދޭ ކަމަށްވެސް ބުނެފައި ވެއެވެ.

މީޑިއާތައް ޖޫރިމަނާ ކުރެވޭނެ މި ފަދަ ގަވައިދެއް ނިންމޭނީ މެންބަރުންގެ މެދުގައި މަޝްވަރާކުރައްވައިގެން ކަމަށް އެމްއެމްސީގެ ރައީސް ވަން އަށް ވިދާޅުވި ނަމަވެސް، އެ ގަވައިދު އެކުލަވާލައި، ނިމިފައިވާ ކަމަށާއި ގެޒެޓުކުރަން މަސައްކަތްކުރަމުން އަންނަ ކަމަށް އެމްއެމްސީގެ ރައީސް މަޖިލީހަށް އަންގަވައިފައިވާ ކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ އާންމުވެފަ އެވެ.

މި ކަމުގައި ސުވާލު ދެންނެވުމުން އެމްއެމްސީގެ ރައީސް ވިދާޅުވީ މަޖިލީހުން ފޮނުވާފައިވާ މައްސަލަ އެ ކައުންސިލްގެ އިއްޔެގެ ބައްދަލުވުމަށް އެޖެންޑާ ކުރެއްވި ކަމަށެވެ. ނަމަވެސް އެ މައްސަލަ ކައުންސިލްގެ އެތިކްސް އެންޑް ލީގަލް ކޮމިޓީއަށް އަނބުރާ ފޮނުވާލުމަށް މެންބަރުން ފާސްކުރުމުން އެ މައްސަލަ އެ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވިއެވެ.