ޖިންސީ ގޯނާގެ މައްސަލަ ހުށަހެޅުމުން ނުބެލޭކަމަށް ވިދާޅުވެ ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް)ގެ ރައީސް މޫސާ ނާސިހު މަގާމުން އިސްތިއުފާދެއްވައިފި އެވެ.

ނާސިހު މަގާމުން އިސްތިއުފާ ދެއްވިކަކަން އިއުލާނުކުރައްވައި އިއްޔެ ވަނީ ބަޔާނެއް ނެރުއްވައިފަ އެވެ.

މަގާމުން އިސްތިއުފާ ދެއްވީ، ޖޫން 23ގައި ގެސްޓްހައުސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް ހުށަހެޅުނު، މަސައްކަތުގެ މާހައުލުގައި ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލައެއް އިތުރަށް ކުރިއަށް ގެންދާނެ މާހައުލު ނެތް ކަމަށް އެ މައްސަލަ ބެލި ކޮމެޓީން ނިންމުމުން ކަމަށްވެސް ނާސިހު ވިދާޅުވިއެވެ.

ނާސިހު ވިދާޅުވީ ގެސްޓްހައުސް އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުމަށްފަހު، މައްސަލަ އެ އެސޯސިއޭޝަނުގެ އިންޓާނަލް ކޮމިޓީންވެސް ބެލި ކަމަށެވެ. އަދި މި މައްސަލަ އިތުރަށް ކުރިޔަށް ގެންދާނެ މާހައުލު ނެތުމުން އިތުރަށް އެ އެސޯސިއޭޝަނުގެ ރައީސް ކަމުގެ މަގާމުގައި ހުރުމަކީ އަމިއްލަ ޒަމީރު ގަބޫލު ކުރާ ކަމެއް ނޫން ކަމަށް ނާސިހު ވިދާޅުވިއެވެ.

މިކަމާ ގުޅިގެން ގެސްޓްހައުސް އެސޯސިއޭޝަންގެ ބަހެއް ހޯދުމަށް "ވަން" އިން ގުޅާލުމުން އެސޯސިއޭޝަނުން ވަނީ އެސޯސިއޭޝަނުން މި މައްސަލައިގައި ބަޔާނެއް ނެރުމަށް ތައްޔާރުވަމުން އަންނަ ކަމަށް ބުނެފައެވެ.