މަނީ ލޯންޑަރިންގެ ދެ ދައުވާއަކާއެކު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ ޝަރީއަތް ކުރިމިނަލް ކޯޓުގައި މިަދު ކުރިއަށް ގެންދަން ތާވަލުކޮށްފިއެވެ.

މަނީ ލޯންޑަރިންގެ ދެ ދައުވާއެއްގެ އިތުރުން އަދީބުގެ މައްޗަށް ދެން އުފުލާފައިވަނީ، ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާ އެކެވެ.

މި ދައުވާތައް ކުރިމިނަލް ކޯޓުގައި އެކު އެކީގައި ކުރިޠާށް ގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު 1:00 ގައެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ހިޔާނާތް އަލުން ތަހުގީގުކޮށް، އެ މައްސަލައިގައި އަދީބުގެ މައްޗަށް އާ ދައުވާތަކެއް ކުރަން ކުރިމިނަލް ކޯޓަށް ފޮނުވީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން އެ މައްސަލަތައް ކުރިމިނަލް ކޯޓަށް ފޮނުވަމުން ބުނެފައިވަނީ، އަދީބުގެ މައްޗަށް ހަތް ދައުވާއެއް އުފުލީ 2014 އަދި 2015 ގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ކޮރަޕްޝަނާއި ހިޔާނާތާއި މަނީ ލޯންޑަރިންގެ މައްސަލަތަކާ ގުޅިގެން ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަދި އެސެޓް ރިކަވަރީ ކޮމިޝަން ގުޅިގެން ހިންގި ތަހުގީގާ ގުޅިގެން ކަމަށެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައަކާއި އިތުރު ދެ މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމެއް އަދީބުގެ މައްޗަށް ކުރިން އިއްވިއެވެ. ނަމަވެސް އެ ދައުވާތައް ގޯސްކޮށް އުފުލާފައިވާ ކަމަށް ބުނެ ކޯޓުތަކުން ވަނީ އަދީބު މިނިވަން ކޮށްފައެވެ.