އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިފިއެވެ.
މިކަން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރު އިބްރާހީމް ޒަޔާން ވަނީ "ވަން" އަށް ކަށަވަރުކޮށްދެއްވައިފައެވެ.
ޒަޔާން ވިދާޅުވީ އެ ހޮސްޕިޓަލުގައި ކޮވިޑަށް ޓެސްޓު ކުރުމުގެ ސެޓްއަޕް ނިމިފައިވަނީ މިއަދު ކަމަށެވެ. އަދި މިހާރު އެ ހޮސްޕިޓަލުން އޮތީ އެ ސަރަހައްދުން ނަގާ ކޮވިޑް ސާމްޕަލްތައް ޓެސްޓުކުރުމަށް ތައްޔާރަށް ކަމަށް ޒަޔާން ވިދާޅުވިއެވެ.
އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ކޮވިޑް 19 އަށް ޓެސްޓު ކުރަން ފެށުމަށް ބޭނުންވީ ހަމައެކަނި ކާޓްރީޖު ކަމަށް ޒަޔާން ވިދާޅުވިއެވެ. ޒަޔާން ވިދާޅުވީ އެ ހޮސްޕިޓަލުގައި އެހެން ޓެސްޓުތައް ހެދުމަށް ހޮސްޕިޓަލަށް މެޝިން ގެނެސްފައިވަނީ މިއަހަރުގެ ޖެނުއަރީ މަހު ކަމަށެވެ. އަދި ކޮވިޑަށް ޓެސްޓު ކުރުމަށް ތައްޔާރުވެފައިވަނީ ޑަބްލިއުއެޗްއޯ އިން ކާޓްރީޖް ހަދިޔާ ކުރުމުން ކަމަށް ޒަޔާން ވިދާޅުވިއެވެ.
ޒަޔާން މައުލޫމާތުދެއްވި ގޮތުގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ހުރި މެޝިނުން ދުވާލަކު 80 ސާމްޕަލް ޓެސްޓު ކުރެވޭނެއެވެ. އަދި ކޮވިޑް 19ގެ ހާލަތު ދިމާވި އިރުން ފެށިގެން އެ ހޮސްޕިޓަލުގެ މުވައްޒަފުން އެކި ތަމްރީނު ހޯދަމުން އަންނަ ކަމަށާއި އައިޖީއެމްއެޗްގެ އެކި ތަމްރީނުތަކުގައި ބައިވެރިވެފައިވާނެ ކަމަށް ވެސް ޒަޔާން ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކޮވިޑަށް ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މާލެ ސަރަހައްދުގެ އިތުރުން އައްޑޫ އާއި ކުޅުދުއްފުށީގައިވެސް ޕީސީއާރު މެޝިނު ބަހައްޓައި، ކޮވިޑަށް ޓެސްޓު ކުރުމުގެ މަސައްކަތް ވަނީ ފަށައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު