ޚަބަރު

ލޮކްޑައުންގައި ގޭގައި ތިބެން ޖެހުމުން ސްޓްރެސްވީ 46 ޕަސެންޓް މީހުން: ދިރާސާ

މަރިޔަމް ޝަހުދާ

ލޮކްޑައުންގައި ގޭގައި ތިބެން ޖެހުމުން ރާއްޖޭގައި 46 އިންސައްތަ މީހުން ސްޓްރެސްވި ކަމަށް ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އަދި އެޗްޕީއޭއާ ގުޅިގެން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެމްއެންޔޫ އާއި އެޗްޕީއޭ ގުޅިގެން ކުރިއަށް ގެންދިޔަ މި ދިރާސާއަކީ "ސްޓަޑީ އޮފް ސޯޝިއޯ އިކޮނޮމިކް އެސްޕެކްޓްސް އޮފް ކޮވިޑް-19 އިން މޯލްޑިވްސް" ގެ ނަމުގައި ކުރިއަށް ގެންދިޔަ ދިރާސާއެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެގޮތުން މި ދިރާސާގައި ޖުމުލަ 2871 މީހުން ބައިވެރި ވި ކަމަށާއި، މީގެ ތެރެއިން ދިރާސާ ފޯމު އެއްކޮށް ފުރިހަމަ ކޮށްފައިވަނީ 2674 މީހުން ކަމަށް އެޗްޕީއޭއިން ބުނެއެވެ. މިއީ މެއި މަހު ކުރިޔަށް ގެންދިޔަ ދިރާސާއެއް ކަމަށް އެޗްޕީއޭއިން ފާހަގަ ކުރެއެވެ.

އެޗްޕީއޭއިން މައުލޫމާތު ދިން ގޮތުގައި މި ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން %90 މީހުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާ އޯވަލޯޑް ވެދާނެ ކަމުގެ ބިރު އޮތްކަން ފާހަގަ ކޮށްފައެވެ. އަދި މި ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %67 މީހުންނަށް ލޮކްޑައުން މުއްދަތުގައި އެއްވެސް ސިއްހީ އެހީތެރިކަމެއް ބޭނުންވެފައި ނުވާ ކަމަށާއި، %21 މީހުން އޮންލައިންކޮށް ޑޮކްޓަރަށް ދެއްކުން ހިޔާރު ކުރި ކަމަށް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން ލޮކްޑައުންގައި ގޭގައި ބަންދުވެފައި ތިބެން ޖެހުމުގެ ސަބަބުން މި ސާވޭގައި ބައިވެރި ވި މީހުންގެ ތެރެއިން %46 މީހުން ސްޓްރެސްވި ކަމަށް އެޗްޕީއޭގެ މި ސާވޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން ލޮކްޑައުން މުއްދަތުގައި ޑެލިވަރީގެ ހިދުމަތް ހޯދީ %72 މީހުން ކަމަށާއި، %46 މީހުން ފިހާރަތަކަށް ދިޔަ ކަމަށާއި %10 މީހުން ކާތަކެއްޗާއި ކޮންމެހެން ބޭނުންވާ ތަކެތި ހޯދުމުގައި ހިޔާރު ކުރީ ކޮންމެވެސް އެހެން ގޮތެއް ކަމަށް އެޗްޕީއޭއިން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކައެވެ. ސާވޭގެ ބައިވެރިންގެ ތެރެއިން %26 މީހުންނަކީ އެއްވެސް ވަރަކަށް ޑެލިވަރީ ހިދުމަތް ނުހޯދާ މީހުން ކަމަށްވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ގައުމީ ޔުނިވާސިޓީގެ ރިސާޗް ސެންޓަރުގެ ޑީން، ޑރ. ރަހީމާ އަބްދުއްރަހީމް މީގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެޗްޕީއޭ އަދި އެމްއެންޔޫ ގުޅިގެން އެކި ދިރާސާތައް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންޓެކްޓް ޓްރޭސިންގް، މޮޑެލިންގް، ސޯޝިއޯ އިކޮނޮމިކް ހަރަދުތަކުގެ އިތުރުން ސޯޝިއޯ އިކޮނޮމިކް ހެލްތަށް އަންނަ ބަދަލުތަކާއި މެންޓަލް ހެލްތަށް އަންނަ ބަދަލުތައް އަދި ކޮވިޑް 19ގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތައް ދެނެގަތުމުގެ ދިރާސާއެއްވެސް ކުރާނެ ކަމަށް ޑރ. ރަހީމާ ވިދާޅުވެފައި ވެއެވެ.