ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ރައީސްއާއެކު ހަތަރު މެންބަރުން ވަކިކުރަން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

ނޫސްވެރިޔާ އަހުމަދު ރިލްވާން މަރާލި މައްސަލާގަ އާއި ބަޔަކަށް އަނިޔާކުރި ފުލުހުންތަކެއްގެ ދިފާއުގައި ސޯޝަލް މީޑިއާ ކެމްޕޭނެއް ކުރި ފުލުހުންގެ މައްސަލަތަކުގައި އެންއައިސީން އަމަލުކުރި ގޮތް ބަލާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ތެރެއިން ސަބް ކޮމިޓީއަކުންނެވެ.

މިއަދު ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް އެ މައްސަލައިގެ ރިޕޯޓް ހުށަހަޅުއްވަމުން ސަބް ކޮމިޓީގެ މުގައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު ހަސަން އަހުމަދު (ހަސަންޓޭ) ވިދާޅުވީ، އެންއައިސީގެ ހަތަރު މެންބަރުންނަށް މަތިކޮށްފައިވާ ގާނޫނީ ޒިންމާތައް އަދާކުރުމަށް އެބޭފުޅުން ނުކުޅެދިފައިވާ ކަމަށެވެ.

އެ ބޭފުޅުންނަކީ ކޮމިޝަންގެ ރައީސް އަހުމަދު ސުލައިމާނާއި ކޮމިޝަންގެ ނައިބު ރައީސް ހައްސާން ހަމީދުގެ އިތުރުން މެންބަރު އަހުމަދު އަމީން އަދި މެންބަރު ހަދީޖާ އަބްދުﷲއެެވެ.

މި ހަތަރު މެންބަރުން ވަކިކުރަން ފެންނަ ކަމަށް ރައީސް އަށް ލަފާ ދެއްވުމަށް ކޮމިޓީގެ ހުށަހެޅުމެއްގެ ގޮތުގައި މަޖިލީހުގެ ތަޅުމަށް އަރުވަން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ހުށަހެޅުއްވީ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު ހަލީމް (ދޮންބިލެތް) އެވެ.

އެގޮތުން އެއިން ކޮންމެ މެންބަރަކަށް ވަކިން ވޯޓަށް އަހައި، އެ ހުށަހެޅުން ކޮމިޓީން ފާސް ވެސް ކުރިއެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މި ނިންމުން ހިމެނޭ ގޮތަށް ރިޕޯޓެއް އެކުލަވާލައި ތަޅުމަށް ފޮނުވުމުން ތަޅުމުގައި ކޮމިޓީގެ ރިޕޯޓަށް ބަހުސެއް ކުރާނެއެވެ. އަދި މަޖިލީހުން ރައީސަށް އެ ގޮތަށް އަންގަން ފާސްވާނީ ތަޅުމުގައި، ކޮމިޓީގެ ރިޕޯޓަށް އަހާ ވޯޓުގައި ބައިވެރިވާ މެންބަރުންގެ އަޣުލަބިއްޔަތުން ފާސް ކުރުމުންނެވެ.

އެންއައިސީގެ މެންބަރުން ވަކިކުރަން ރައީސަށް ލަފާ އަރުވާ ގޮތަށް ކޮމިޓީން ނިންމީ، އެ ކޮމިޝަންގެ ގާނޫނުގައި ބުނާ ގޮތުން އެ ކޮމިޝަންގެ މެންބަރުން ވަކި ކުރުމުގެ އިހްތިޔާރު ރައީސަށް އޮންނާތީއެވެ.