ކުޅިވަރު

އިޓާލިއަން ލީގް: އޭސީ މިލާނުން ފަހަތުން އަރައި ޔުވެންޓަސް ބަލިކޮށްފި

އައިދާ އަބްދުލް ހަކީމް

އިޓާލިއަން ލީގުގައި ރޭ ތާވަލުގެ އެއްވަނައިގައި އޮތް ޔުވެންޓަސް އާއި ތާވަލުގެ ފަސްވަނައިގައި އޮތް އޭސީ މިލާން ކުޅުނު މެޗް ފަހަތުން އަރައި 4-2 ގެ ނަތީޖާ އަކުން މިލާން އިން ކާމިޔާބު ކޮށްފިއެވެ.

ރޭގެ މެޗްގައި ދާދި ހަމަ ހަމަ ކުޅުމެއް ދެޓީމުގެ ފަރާތުން ފެނިގެން ދިޔައިރު، ފުރަތަމަ ހާފް ނިމުނީ ދެޓީމުން ކުރެ ޓީމަކަމަށް ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ. ރޭގެ މެޗްގެ ފުރަތަމަ ލަނޑު 47 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ކާމިޔާބު ކޮށްދިނީ އެޑްރިއަން ރަބިއޮޓް އެވެ. އޭގެ ހަ މިނެޓް ފަހުން އަނެއްކާވެސް ޔުވަންޓަސް އިން ވަނީ ލަނޑެއް ކާމިޔާބު ކޮށް ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނަލްޑޯ އެވެ.

ޔުވެންޓަސް އިން ދެގޯލްގެ ލީޑެއް ނެގުމާ އެކު އެސީ މިލާން އިން ވަނީ އެމީހުންގެ ކުޅުން ރަނގަޅުކޮށް މެޗްގެ 62 ވަނަ މިނެޓުގައި އެމީހުންގެ ފުރަތަމަ ގޯލް ކާމިޔާބު ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޒްލެޓަން އިބްރޮހަމޮވިޗް އެވެ. އޭސީ މިލާންގެ ދެވަނަ ލަނޑު އަދި މެޗްގެ ނަތީޖާ ހަމަހަމަ ކުރި ލަނޑު އިބްރޮހަމޮވިޗްގެ އެހީތެރިކަމާ އެކު މެޗްގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ފްރޭންކް ކެސީއެވެ.

ކެސީ ލަނޑު ޖެހިތާ ދެމިނެޓް ނުވަނީސް މެޗްގެ 67 ވަނަ މިނެޓުގައި ރަފޭލް ލީއޯ ވަނީ އޭސީ މިލާނަށް ލީޑު ނަގައިދީފައެވެ. އެޓީމުގެ ހަތަރުވަނަ ލަނޑު ފެނިގެންދިޔައީ މެޗް ނިމެން 10 މިނެޓަށް ވެފައި ވަނިކޮށެވެ. އެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީ ރެބިކް އެވެ.

މިނަތީޖާ އާ އެކު އޭސީ މިލާން ވަނީ ތާވަލުގެ ފަސްވަނަޔަށް ޖެހިލާފައެވެ. ނަމަވެސް ތާވަލުގެ ހަވަނައިގައި މިހާރު އޮތް ރޯމާ ދެން ކުޅޭ މެޗުން މޮޅުވެއްޖެ ނަމަ އަނެއްކާވެސް އޭސީމިލާން ތާވަލުގެ ހަވަނަ އަށް ވެއްޓޭނެ އެވެ. އޭސީ މިލާނަށް 31 މެޗް ކުޅެގެން 49 ޕޮއިންޓް ލިބިފައިވާ އިރު އެޓީމާ ވިއްދާފައި އޮތް ރޯމާއަށް އެއް މެޗް މަދުން ކުޅެ ލިބިފައިވަނީ 48 ޕޮއިންޓެވެ.

ލީގުގެ އެއްވަނައިގައި ޔުވެންޓަސް އޮތީ ބޮޑު ލީޑަކާއި އެކުއެވެ. އެޓީމުންވަނީ 31 މެޗުން 75 ޕޮއިންޓް ހޯދައިފައެވެ.