ޚަބަރު

މިނިސްޓަރު އަސްލަމަށް އިދިކޮޅުގެ ރައްދު: ދެވަނަ ފިޔަވަހީގައި އެއް ކޮޓަރީގެ ފްލެޓުތައް އެބަހުރި

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް އިއުލާނުކުރެއްވި އެއް ކޮޓަރީގެ އެޕާޓްމެންޓުތަކުގެ މަސައްކަތް ކުރިއަށްނުދާ ކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވުމުން، އެކަމަށް އިދިކޮޅުން ރައްދު ދީފިއެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުުވުމުގައި މިނިސްޓަރު އަސްލަމް ވިދާޅުވީ 18-40 އަހަރާ ދެމެދުގެ އުމުރު ފުރާ އާއި މާލެ ރަށްވެހިންނާއި، ދަފުތަރުގައި ތިބި މީހުންނާއި އަލަތު ކައިވެނި ކުރާ ފަރާތްތައް އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭން އިއުލާން ކުރި އެއް ކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ކުރީ ސަރުކާރުން ފަށާފައި ނުވާ ކަމަށެެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސައްކަތް ކުރިއަށްދާ ގޮތް ބަލައިލުމަށް ޕްރޮގްރެސިވް ކޯލިޝަނުގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ހުޅުމާލެ ދެވަނަ ފިޔަވައްސަށް މިއަދު ކުރި ޒިޔާރަތަށްފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކުރީ ސަރުކާރުން އެއް ކޮޓަރީގެ ފްލެޓު ލިބޭނެކަމަށް އެކި ފަރާތްތަކަށް ލިޔުން ދިން ނަމަވެސް އެތަންތަން ނެތް ކަމަށް މިހާރުގެ ހައުސިން މިނިސްޓަރު އިއްޔެ ވިދާޅުވި ކަމަށެވެ. ނަމަވެސް އެތަންތަނުގެ ސްޓްރަކްޗާ ނިމިފައި ހުރި ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އެއް ކޮޓަރީގެ އެޕާޓުމަންޓުތައް މިހާރުވެސް އެހުރީ ފެންނަން. އެތަންތަނުގެ ސްޓްްރަކްޗާ އެހުރީ ނިމިފައި،" މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ، އެއް ކޮޓަރީގެ ފްލެޓުތައް ހަދަން ނިންމީ އެއް ކުއްޖަކާއެކު އުޅޭ ދެމަފިރިންނާއި އަލަށް ކައިވެނި ކުރާ މީހުންނަށް އަމާޒުކޮށްގެން ކަމަށެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، މި ސަރުކާރުން ބޯހިޔާވަހިކަމުގެ ހުވަފެން ރައްޔިތުންނަށް ދައްކައިފި ކަމަށާއި ނަމަވެސް މި ސަރުކާރުން ބިންގާ އެޅި އަދި މި ސަރުކާރުން އަމަލީ މަސައްކަތް ފެށި އެއްވެސް ޕްރޮޖެކްޓެއް ހުޅުމާލެ ދެވަނަ ފިޔަވަހީގައި ނެތް ކަމަށެވެ.

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ 7000 ފްލެޓުގެ އަދަދު 6720 އަށް މަދުކޮށްފައިވާ އިރު، މީގެ ތެރޭގައި މުޅިން ވެސް ހުރީ ދެ ކޮޓަރީގެ ފްލެޓުތަކެވެ.