ރާއްޖޭގައި ރިސޯޓުތައް ހިންގާ ސޮނޭވާ ގްރޫޕުން މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި ގާއިމުކޮށްފައިވާ ކޮވިޑަށް ޓެސްޓުކުރެވޭ ލެބޯޓަރީގެ މަސައްކަތް ނިމި ބޭނުންކުރަން ތައްޔާރުވެފައިވާ ކަމަށް އޭޑީކޭ ޓްރޭޑް އެންޑް ޝިޕިން އިން ބުނެފިއެވެ.
އޭޑީކޭ އިން ބުނީ މާފަރުގައި ގާއިމުކޮށްފައިވާ ޕީސީއާރު ލެބްގެ މަސައްކަތް އެއްކޮށް ނިމި ބޭނުން ކުރަން ތައްޔާރުވެފައިވާ ކަމަށެވެ. އަދި ސާމަނު ގެނެސް އިންސްޓޯލްކޮށް ހުރިހާ ކަމެއް ނިންމަން 30 ދުވަސް ނެގި ކަމަށް އެކުންފުނިން ބުނެއެވެ.
ސޮނެވާގެ ހަރަދުގައި ހެދި އެ ލެބަށް ބޭނުންވާ ޕީސީއާރު މެޝިނާއި އެއްޗެހި ހޯދުމާއި ޓެކްނިކަލް ކޮންސަލްޓެންޓް ދިނުމަށް ހަވާލުކޮށްފައިވަނީ އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންއަށެވެ.
އައިލެންޑް އޭވިއޭޝަން ސާވިސަސް ލިމިޓެޑް (އައިއޭއެސްއެލް) އިން ހިންގާ މާފަރު އެއާޕޯޓަކީ މިމަހު މަހު ރާއްޖެ އަލުން ހުޅުވާލާއިރު އިންޓަނޭޝަނަލް ދަތުރުތައް ފަށަން ތައްޔާރުވާ އެއް އެއާޕޯޓެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒް (އެސްއޯއީ) ކޮމިޓީއަށް މައުލޫމާތުދެއްވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ މީގެ ކުރިން ވިދާޅުވި ގޮތުގައި، ރާއްޖެ އަންނަ ހުރިހާ ޓޫރިސްޓުން ޓެސްޓުކުރުމަށް މާފަރު އެއާޕޯޓުގައި ހަދާ ޕީސީއާރު ލެބަކީ ސޮނެވާ ގުރޫޕުގެ ހަރަދުގައި ހަދައިދޭ ތަނެކެވެ.
އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލު މީގެ ކުރިން "ވަން" އަށް ވިދާޅުވެފައިވާ ގޮތުގައި މާފަރު އެއާޕޯޓަށް ރާއްޖެ ގެނައި ޕީސީއާރު މެޝިނަކީ މިހާރު އޭޑީކޭގައި ހުރި ވައްތަރުގެ މެޝިނެއް ކަމަށެވެ. އަދި އެ މެޝިނުން ވެސް ދުވާލަކަށް 500 ކޮވިޑް ޓެސްޓު ހެދޭނެ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މި ލެބް ހިންގާނީ ކޮން ފަރާތަކުން ކަމެއް އަދި ނޭނގެއެވެ. އަފްއާލް ވިދާޅުވީ، އެކަމާ ގުޅޭގޮތުން އޭޑީކޭ ހޮސްޕިޓަލާއި ސޮނެވާ ގުރޫޕާ ދެމެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް އަދި އެތަން ހިންގާނެ ފަރާތެއް ނިންމާފައިނުވާ ކަމަށް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު