ތަފާތު އެކި ސަބަބުތަކާ ހުރެ ނައްތާލަން ޖެހޭ މުދަލާއި ތަކެތި ނައްތާލުމުގެ އިންތިޒާމު މާލޭ ޓްރާންސްފާ ސްޓޭޝަނުން ހަމަޖައްސާފައިވާ ކަމުގައި ވޭސްޓް މެނޭޖުމަންޓް ކޯޕަރޭޝަން (ވެމްކޯ) އިން ބުނެފިއެވެ.

މީގެ ކުރިން އެފަދަ ތަކެތި ނައްތާލަމުން އައިސްފައިވަނީ ތިލަފުށީގައި ހުންނަ ވެމްކޯގެ ވޭސްޓް ޑިސްޕޯސަލް ސައިޓުގައެވެ. އެ ހިދުމަތް މާލޭ ސްޓާންސްފާ ސްޓޭޝަނަށް ބަދަލުކުރީ ކޮވިޑް 19އިން ރައްކާތެރިވުމަށް އަޅާފައިހުރި ފިޔަވަޅުތަކުގެ ސަބަބުން ދަތުރުފަތުރުކުރުމުގައި ހުރި ދަތިތަކާ ގުޅިގެން ކަމަށް ވެމްކޯއިން ބުނެއެވެ.

ނައްތައިލެވޭނެ ބާވަތްތައް:

މުއްދަތު ހަމަވެފައިވާ ކާބޯތަކެތި

ތަގައްޔަރުވެފައިވާ ކާބޯތަކެތި

ކުނިވެ ނުވަތަ މުޅަވެފައިވާ ކާބޯތަކެތި

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ނައްތާލަން ޖެހޭ ކަމަށް ކަނޑައަޅާފައިވާ ބޭހާއި ކާބޯތަކެތި

ކަމާބެހޭ ފަރާތްތަކުން ނައްތާލުމަށް އަމުރުކޮށްފައިވާ ތަކެތި

މާލޭ ޓްރާންސްފާ ސްޓޭޝަނުން ނައްތާލެވޭ ތަކެތީގެ މިންވަރު:

350 ކިލޯ އާއި 1،500 ކިލޯގެ ދެމެދުގެ އުޅަނދުތަކުގައި ގެނެވޭ ކުނި

ހިދުމަތަށް އެދޭ ފަރާތަކަށް ދުވާލެއްގެ މައްޗަށް ގިނަވެގެން އުކޭނީ 1،500 ކިލޯގެ އުޅަނދުތަކުގެ ކުނި

ވެމްކޯއިން ބުނީ އުކާލެވޭ ތަކެއްޗަށް ފީ ނަގާނީ ޓަނަކަށް ޖީއެސްޓީ ނުހިމަނާ 2،700ރ މަގުން ކަމުގައެވެ.