ހިޖުރައިން 1323 ވަނަ އަހަރުގެ ޖުމާދަލްއޫލާ މަހުން 23 ވީ ބުރާސްފަތި ދުވަހު (މީލާދީން 1905 ވަނަ އަހަރުގެ ޖުލައި މަހުގެ 27 ވަނަ ދުވަހު) އައްސުލްތާނު އިބްރާހީމް ނޫރައްދީނުގެ ދަރިކަލުން އައްސުލްތާނު މުހައްމަދު ޝަމްސުއްދީނު ރަދުންނަށް ކޮލިލެއްވި ދުވަހު، ދިވެހިރާއްޖޭގެ ފުރަތަމަ މުސްލިމު ރަދުން، އެބޭކަލެއްގެ އަތްޕުޅު މައްޗަށް އިސްލާމްވެވަޑައިގެންނެވި އައްޝައިޚް ޔޫސުފް ޝަމްސުއްދީނުއްތަބްރީޒީގެ މަހާނަފުޅު ހުންނަ މެދުޒިޔާރަތުގެ ތެރެއަށް ވަންނަވައި ސަލަވާތް ފާތިހާ ވިދާޅުވުމަށް ފަހު އެތަނުގެ އެތެރެ ބެއްލެވި އިރު ލިޔެފައި އޮތް ހައިވަކަރު ފިލާގަނޑެއް ފެނިވަޑައިގެންނެވި ކަމަށް ޝަމްސުއްދީން ރަދުންގެ ދުވަސްވަރު ހިނގާފައިވާ ކަންކަން ރެކޯޑުކޮށްފައިވާ ޔައުމިއްޔާގައި ލިޔެވިގެންވެއެވެ.

މި ފިލަޔަކީ މާލެއަށް އަރައި ތިބެ ދިވެހިރާއްޖޭގެ މައްޗަށް ވެރިކަން ހިންގަމުން ދިޔަ މަލާބާރުކަރައިގެ ކަންނަންނޫރު އަލީރާޖާގެ ހޮޅީންނާ ތޮޅޭން ނުކުތްރޭ މުލީގޭ ދޮން ހަސަން މަނިކުފާނު (މިއީ ފަހުން އައްސުލްތާނު ހަސަން އިއްޒުއްދީނު / ދޮންބަންޑާރައިން) އާއި ހަސަން ހިރިހަމާންތި (އޮޅިގެނާއި) ކަލޭގެފާނާއި ހުސައިން ގަދަހަމާންތި މަނިކުފާނާއި އުމަރު މަނިކު (ފަހުން އުމަރު ސައިފުއްދީން ހަނދޭގިރި ތަކުރުފާނު) ވިދާޅުވި ނަދުރުގެ ވާހަކަ ލިޔެފައިވާ ފިލައެކެވެ. މުސްކުޅި ގަބުޅިތާނަ އަކުރުން ކަނޑައި ފިލާގައި ލިޔެފައި އޮތީ މިފަދައިންނެވެ.

”بسم الله الرحمن الرحيم. هجران ހާހާއި އެއްސަތޭކަ ފަސްދޮޅަސް ހަވަނަ އަހަރު صفر މަހު ބުދަ ތޭރަ ފޮއިވިލޭރޭ ދަނަރާހިން އެގާރަޔަށް އައި، ކަންނަންނޫރު علي راجا ފޮނުވީމައި، ކަންނަންނޫރުން ބަޔަކު ހޮޅީން އައިސް މާލެޔަށް އަރައި އެތެރެކޯލާއި ރަށުން ފަސްދޮޅަސްތިން ގޯއްޗާއި، ތިން މިސްކިތާއި، ތިން ގަޑުވަރާއި، ހުޅުލާއި ދަވައިފައި، މާލެ ހިފައިގެން މިވޭލާ ފުރަމާލޭ تخة އިންނެވި السلطان مکرم محمد عماد الدين ސިރީ ނަވަރަންނަ ކީރިތި މަހާރަދުނާއި މިރަދުންނާ އެއްކިނުފަން السلطان ابراهيم ރަދުނަށައުފަން محمد ކަލަމިންޖާއި، މިދެބޭކަލުން އޮޑިޔަކަށް ލައިގެން ކަންނަންނޫރަށް ގެންގޮސްފައި މިދިވެހިރާއްޖޭގައި علي راجاއަށް ތާނިޔާކިޔައި ސިއްކަ ހިންގާފޫ. ދެން ހޮޅީން ލަސްކަރީން ކޯއްޓެތަކާ މިގަޑުވަރުގައި ލައިގެން ރަސްކަންމަތީ މަލިކު محمد ބަންޑޯރު މަނިކު އިދެއްޖައޫ.

ދެން މިއަހަރުމެ جمادي الآخر مه ތިނެއް ވީ އާދީއްތަވިލޭރެއި مناجا وقة ގައި ހުރައި ފާމުލަދޭރި އަޅާގެ ފުތް حسن އަޅާއި، محمد ގަދަހަމާންތި އަޅާގެ ފުތް حسين ގަދަހަމާންތި އަޅާއި އޮޅިގެނާއި އަޅާގެ ފުތް حسن އޮޅިގެނާއި އަޅާއި، محمد މޭނާ އަޅާގެ ފުތް عمر މޭނާ އަޅާއި މިހަތަރު އަޅުން ސަރުދާރުވެ މިعمر މޭނާ އަޅާގެ އެއްބަޑު ފަޑިއަތް އަޅާ މިކަމުގެ ނަސޭހަތްތެރިއަކުކަމު ބަސް އަހައި މިކަންތައް ހަދާނޭ މަގުތަކާއި އެންމެ ކަންތަކުގެ ނަސޭހަތް މިފަޑިއަތްއަޅާ ކުރެން އަހައި މިބުނި ހަތަރު އަޅުން ސަރުދާރުވެތިބެ ހަގުބޭކަލުންގެ މީސްފުޅަކާއި މެދުކެބީންނާއި، خلاصيކަލޯއިންގެ މީހުނާއި އެކު ފަސްދޮޅަސް މީހުން ގޮވައިގެން މިހަތަރު ސަރުދާރުބޭކަލުން ހޮޅީންނާއި ތޮޅޭން ނުކުންނާން އުޅެމުން ސިލޭހައެއް ނުލައި ހުސްއަތާ މިއެންމެ އަޅުތަކުން ދާންއުޅޭކަމުގެ ބިރުގައި عمر މޭނާއަޅާއި حسن އޮޅިގެނާއި އަޅާއި އަނެއް ދެކަލުންގެ ބަހާއިއެކު ނުކުމެ شيخ يوسف التبރޭޒީގެފާނު ޒިޔާރަތްދޮށު ތިބެ ބުނި ނަދުރީ:

ތިމަންގެ ހަތަރުކަލުން ސަލާމަތުން ތިބެ މިހިތައިދާ މުރާދު حاصلކުރައްވައި މިދިވެހިރާއްޖެ ދިވެހީންނަށް ملك ކުރައްވައި ދެއްވައިފިއްޔާއި ކައުنبىކަލޭގެފާނުންގެ ޒިޔާރަތްފުޅަށް މިފުރަމާލެ ލައިފީމާވެ. އަންދުވަހު އާދައިގައި ނަގާ ވާރު މެނުވީ އިތުރުން، ރާއްޖޭ رعية ފުނަވާރެއް ނާޅާނެމާވެ. ހޮޅީން ބަތްޕެން ކެއްކި ކުޑާރަށް މިތަބުރޭޒުގެފާނުންގެ ޒިޔާރަތަށް ލައިފާނެމާވެ. މިދިވެހިރާއްޖޭގެ ރަސްކަންކުރައްވާން تخة ގައި އިންނެވި ސާހިބަކައި މިނަދުރު ފުއްދުން މަތިކޮށްފާނެމާވެ.

މިހެން މިނަދުރު ބުނެފައި މިހަތަރު ސަރުދާރު އަޅުން ސަރުދާރުވެ މީސްފުޅު ގޮވައިގެން ހޮޅީން ތިބި ތަންތަނަށް ސިލޭހައަކާއި ނުމެލައި ދިޔައިމުން މާތްކަލާގެ އަޅަމެންގެ ކައު ނަބީކަލޭގެފާނަށް ބުނި ނަދުރުގެ بركاتٌ ހޮޅީން އަތުން މިރާއްޖެ ބަރީއަވެ ފުރަމާލެ ދިވެހީންނަށް ملك ވެއްޖެހިދު ދެން މިނަދުރު ފުއްދައި ރަސްކަންކުރެއްވުމަށް މިފުރަމާލޭ تخة ގައި އިންނެވި ކޮންމެ ސާހިބަކުމެ މިފުރަމާލޭ މަތިން ކޮންމެ އަހަރަކު ފަންސާސް ކޮއްޓެއި ބޮލި ފުރަބަންޑާރަ ކިބައިން ޒިޔާރަތްފުޅަށް ފޮނުއްވައި ރަސްކަންކުރެއްވުމަށް މިނަދުރުގެ ތައުލީއަމޫލަވެރިކަން އެފަހަރަކު تخة ގައި އިންނެވި ސާހިބަކު މަތިކޮށްފިކަމުގެ ހަދާނަށް މިހަތަރު ސަރުދާރު އަޅުންގެ ހުއްދަވިދާޅު ބަހާއެކު މާންދޫ الحاجى محمد ހަދޭގިރި އަޅާލީން شهر جماد الآخر سنة من هجرة النبي الطاهر عليه وعلى آله وأصحابه الصلاة ما غنة الطائر ١١٦٧ سنة”

މި ފިލާ ވިދާޅުވުމަށްފަހު މި ފިލަޔާ އެއްގޮތަށް އަމަލުކުރުމަކީ އެހިނދަކު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ރަސްކަލެއްގެ މައްޗަށް އޮތް ވާޖިބެއްކަމަށް ޝަމްސުއްދީން ރަދުން ދެކެވަޑައިގެންނެވި އެވެ. އަދި އޭގެ ކުރިން ފިލާގައިވާ ނަދުރުފުޅާ އެއްގޮތަށް އަމަލުކުރެވެމުން އައިސްފައިވާ ކަމަށް ފެނިވަޑައިނުގަންނަވާތީ އެރަދުންގެ އެންމެހައި އަމީރުންނާއި ވަޒީރުންނާއި ބޮޑުން މަތިގެއަށް ގެންދަވައި އެންމެކަލުންނާ މަޝްވަރާކުރައްވައި އެކަންކަން ހަމަޔަށް އަދާކުރައްވާން ގަސްތުކުރެއްވިއެވެ. އެގޮތުން އެ ރަދުންގެ ރަސްކަމުގައި މި ނަދުރުފުޅާ އެއްގޮތަށް އަމަލުކުރައްވާން ފެއްޓުނީ ހިޖުރައިން 1325 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 4 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1907 ވަނަ އަހަރުގެ ޖުލައިމަހުގެ 15 ވަނަ ދުވަހެވެ.

އެއަށްފަހު އެހައި ދުވަސްވީ ލަކުޑި ފިލަޔެއް މެދުޒިޔާރަތުގައި ބެހެއްޓެވުން ދެރަވާނެ ކަމަށް ބައްލަވައި އެރަދުންގެ އަމުރުފުޅަށް އެފިލާގައި ހުރި ލިޔުން ލޯކޯޅަކަށް ނަކަލުކޮށް އަދި އެކަން ބަޔާންކޮށް ޒިޔާރަތުގެ ތެރޭގައި ބެހެއްޓުނެވެ. މިގޮތުން ނަކަލުކުރެވުނު ލޯ ފިލަޔަށް އިތުރުކުރެވުނު ލިޔުންކޮޅުގައި ވަނީ މިފަދައިންނެވެ.

”މިފަތްކޮޅަކީ السّلطان الغازي حسن عزالدن إسكندر بن الوزير محمد فاملدير منكفان بن الوزير دهرد الهرويّ ކައްތިރި ބަވަނަ މަހާރަދުން ދިވެހިރާއްޖޭގެ ރަސްކަން ملك ކުރައްވައިފައި އެކަން ހިނގި މަގުތައް ލިޔުއްވައި شيخ يوسف تبريز ގެފާނުންގެ ޒިޔާރަތުގައި ބަހައްޓަވައިފާވާ ފިލަޔެއްގައި ހުރި ފަތްކަމެވެ. މިފިލާ މިޒިޔާރަތުގައި ހުރުމަށް ދެރަވާނޭ ކަމަށް މިފަތްކޮޅު ހަމަ އެފިލާގައި ހުރި މަގުން ލޯކޯޅަކަށް نقل ކުރައްވައި ހަމަ އެޒިޔާރަތުގައި ބެހެއްޓީއެވެ. في عصر جلالة السّلطان محمد شمس الدين إسكندر إبن السّلطان إبراهيم نور الدين إسكندر إبن السّلطان محمد عمادالدين إسكندر إبن السّلطان محمد معين الدين إسكندر إبن السّلطان الحاج حسن نور الدين إسكندر إبن السّلطان الغازي حسن عزالدن إسكندر”

ޝަމްސުއްދީން ރަދުންގެ ނަކަލަށް އިތުރުކުރެވުނު ބައިގައި ހުރާ ދަހަރަދަ ވަޒީރުގެ ފުތް މުހައްމަދު ފާމުލަދޭރި މަނިކުފާނުގެ ފުތް އައްސުލްތާނުލްޣާޒީ ހަސަން އިއްޒުއްދީން އިސްކަންދަރު، ރަސްކަން މިލްކުކުރައްވާފައި އެކަން ހިނގި ގޮތުގެ މައްޗަށް ލިޔުއްވާފައިވާ ފިލައެއް ކަމަށް ބަޔާން ކުރައްވާފައި އޮތެއް ކަމަކު މިއީ އެމަނިކުފާނު ރަސްކަމަށް ވަޑައިގެންނެވި ގޮތުގެ މައްޗަށް ލިޔުއްވާފައިވާ ފިލައެއް ނޫނެވެ. ފިލާގައިވަނީ ކޮރުބަންޑާރައިން ހައްޔަރުކޮށްގެން ކަންނަންނޫރަށް ގެންގޮސް ރާއްޖޭގެ މައްޗަށް އަލީރާޖާގެ ނަމުގައި ވެރިކަން ކުރަމުންދިޔަ ހޮޅީންނާ ތޮޅެ އެމީހުން ބަލިކޮށް ދިވެހިރާއްޖެ މިނިވަންވީ ގޮތުގެ ވާހަކައާއި އެކަމަށްޓަކައި މިނިވަންކަމުގެ ހަނގުރާމައިގައި އިސްވެ ތިއްބެވި ހަތަރު ސަރުދާރުން ވިދާޅުވި ނަދުރުގެ ވާހަކައެވެ.

މުސްކުޅި ފިލާ ލިޔެފައި އޮތް ސަނަތަކަށް އޮތީ ހިޖުރައިން 1167 އެވެ. އެއީ މުލީގޭ ހަސަން މަނިކުފާނު ރަސްކަމަށް ވަޑައިގެންނެވުމުގެ ކުރިއެވެ. ބެލެވޭ ގޮތުން އެފިލާ ލިޔުއްވާފައި އެވަނީ ހޮޅީން ބަލިކުރައްވައި ދިވެހިރާއްޖެ ހޮޅީންގެ ކިބައިން މިނިވަންކުރެއްވިތާ އަހަރެއް ނުވަނީހެވެ. ހޮޅީންގެ އަތްދަށުން ރާއްޖެ މިނިވަންވީ ހިޖުރައިން 1166 ވަނަ އަހަރުގެ ޖުމާދަލްއާޚިރާ މަހުގެ 3 ވީ އާދީއްތަވިލޭރޭގައެވެ. މުލީގޭ ހަސަން މަނިކުފާނު ރަސްކަމަށް ވަޑައިގެންނެވީ ހިޖުރައިން 1173 ވަނަ އަހަރުގެ ރަބީއުލްއާޚިރު މަހުގެ 15 ވީ ބުރާސްފަތި ދުވަހުގައެވެ. ދިވެހިރާއްޖެ މިނިވަންވުމާއި ރަސްކަމަށް ވަޑައިގެންނެވުމާއި ދެމެދަށް ދިޔަ އަހަރުތަކުގައި މުލީގޭ ހަސަން މަނިކުފާނު ވެރިކަންކުރެއްވީ ހޮޅީން ގެންދިޔަ އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީނުގެ ގާއިމުމަގާމެއްގެ ގޮތުގައި ދިޔަމިގިލީ ދަރިކޮޅުގެ ދެ ކަނބަލެއް ވެރިކަމަށް ލައްވައިގެން އެ ދެކަނބަލުންގެ ފަރާތްޕުޅުން ވެރިކަން ހިންގަވަން ހުންނަވާ ބޭފުޅެއްގެ ގޮތުގައި ހުންނަވައިގެންނެވެ. އެއީ، ފުރަތަމަ އައްސުލްތާނު އިބްރާހީމް އިސްކަންދަރު، އާދެ އިބްރާހީމް ރަސްގެފާނުގެ ދަރިކަނބަލުން އާމިނާ ކަނބާފާނުންގެ ނަންފުޅުގައެވެ. އެއަށްފަހު އައްސުލްތާނު މުކައްރަމް މުހައްމަދު އިމާދުއްދީން، އާދެ ކޮރުބަންޑާރައިންގެ ދަރިކަނބަލުން އާމިނާ ރަނިކިލަގެފާނުންގެ ނަންފުޅުގައެވެ.

ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ގައުމީ މަރުކަޒުން ޗާޕުކޮށްގެން ނެރެފައިވާ "ދިވެހި ތާރީޚު" ފޮތުގައި މުލީގެ ދޮންހަސަން މަނިކުފާނާއި އެމަނިކުފާނުގެ ބައިވެރިން ދިވެހިރާއްޖެ މިނިވަންކުރެއްވި ގޮތުގެ ވާހަކަ ލިޔުއްވާފައި ވާއިރު އިސްވެ ދެންނެވުނު ނަދުރުގެ ވާހަކަ ބަޔާންކޮށްފައެއް ނުވެއެވެ. އަދި ހަމަ އެހެންމެ އެ ފޮތް ލިޔުމުގައި މައިގަނޑު މަސްދަރެއް ކަމުގައި ބަލާފައިވާ، އަލްޤާޟީ ހަސަން ތާޖުއްދީނުގެ ތާރީޚު ފޮތުގައިވެސް ނަދުރުގެ ވާހަކަ ބަޔާންވެގެނެއް ނުވެއެވެ.

ތާރީޚު ފޮތެއްގައި ނަދުރުގެ ވާހަކަ ބަޔާންކޮށްފައި ނެތަސް ޝަމްސުއްދީނު ރަދުންނަށް ކޮލިލީ ދުވަހު މެދުޒިޔާރަތުން ފެނުނު ހައިވަކަރު ފިލާ އަދިވެސް ފެންނާ އެބަހުއްޓެވެ. އަދި ހަމަ އެހެންމެ އޭގެ ބަދަލަށް ޝަމްސުއްދީނު ރަދުންގެ އަމުރުފުޅަށް ލިޔެވުނު ލޯފިލާވެސް ފެންނާން އެބަހުއްޓެވެ. މި ދެފިލާވެސް މިހާރު ހުރީ ދިވެހިރާއްޖޭގެ ގައުމީ ދާރުލްއާސާރުގައެވެ. ދިވެހިރާއްޖޭގެ ދިގު ތާރީޚުގައި ހިނގާފައިވާ ތަފާތު އެކިކަންކަން ރެކޯޑުކުރެވިފައިވާ މިފަދަ ތަކެތީގެ ތެރެއިން މިއަދާ ހަމައަށް އައި އިރު ރައްކާތެރިކަމާއެކީ ފެންނާން ހުރީ މިފަދަ ވަރަށް މަދު އެއްޗެކެވެ. އެހެންކަމުން އަންނާން އޮތް ޖީލުތަކަށް ދިވެހީންގެ މާޒީ ދައްކައިދިނުމަށްޓަކައި މިފަދަ ތަކެތި އިތުރު ޒަމާންތަކަކަށް ދެމިގެން ދާނޭ ފަދަޔަކުން ރައްކާތެރި ކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ.

މައުލޫމާތު ނެގީ: މެދު ޒިޔާރަތުގައި އިހު ހުރި މުލީގޭ ހަސަން މަނިކުފާނު ބެހެއްޓެވި ނަދުރު ފިލަޔާއި ޝަމްސުއްދީން ރަދުން ބެހެއްޓެވި އެފިލައިގެ ނަކަލު، ޝަމްސުއްދީން ރަދުންގެ ދުވަސްވަރުގެ ކަންކަން ރެކޯޑުކޮށްފައިވާ ޔައުމިއްޔާ، ހާޖީ އިމާދުއްދީނުގެ ތާރީޚު ކޮމެޓީން ލިޔުނު ދިވެހި ތާރީޚް، އެޗް.ސީ.ޕީ. ބެލް ލިޔުނު މާލްޑިވް އައިލެންޑްސް، މޮނޮގްރާފް އިން ދި ހިސްޓްރީ، އާކެއޮލޮޖީ އެންޑް އެޕިގްރަފީ.

އެޑިޓަރުގެ ނޯޓް: މުހައްމަދު ނާޖިހް އަކީ ގާނޫނީ ވަކީލެކެވެ. މިހާރު މަސައްކަތް ކުރައްވަނީ ހެރިޓޭޖް މިނިސްޓްރީގެ ރިސާޗް އެނަލިސްޓް ގެ މަގާމުގަ އެވެ. އަމިއްލަ ގޮތުން ވެސް، ދިވެހިރާއްޖޭގެ ތާރީޚު ދިރާސާކުރައްވައި އެ މައުލޫމާތު އެއްކުރައްވައި އެ ދާއިރާއިން ރައްޔިތުން ހޭލުންތެރިކުރުވުމަށް ހާއްސަ މަސައްކަތްތަކެއް ކުރައްވައެވެ. މީގެ އިތުރުން އޭނާއަކީ، ދިވެހި ބަހުގެ ދިރާސާތައްވެސް ކުރައްވާ، ބަހަށް ހޭލުންތެރިކުރުވުމަށް ވެސް މަސައްކަތް ކުރައްވާ ބޭފުޅެކެވެ. އޭނާއަކީ ދިވެހި ބަހުގެ އެންމެ ބޮޑު މީސްމީޑިއާ ޕްލެޓްފޯމްކަމަށްވާ ބަސް ޖަގަހައިގެ ވެސް އެއް ފައުންޑަރ މެންބަރެވެ.