ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެ ތަރައްގީ ކުރަނީ ރާއްޖޭގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން: ރައީސް

1

ރާއްޖެ ތަރައްގީ ކުރަނީ ރާއްޖޭގެ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ދިވެހި ސިފައިންނަކީ އިލްމީގޮތުންނާއި ފަންނީގޮތުން އަދި ޖިސްމާނީ ދުޅަހެޔޮކަމާއި ނަފުސާނީގޮތުން ވެސް ސިފަވަންތަ ބަޔަކަށް ހެދުމަށް ސަރުކާރުން ވަރަށް ހާއްސަ ސަމާލުކަމެއް ދޭ ކަމަށެވެ.

"އަޅުގަނޑުމެން މި ރާއްޖެ ތަރައްގީކުރުމައިގެން ކުރިއަށްމިދަނީ މިގައުމުގެ ދިފާއީ މައި ތަނބަކީ ދިވެހި އަސްކަރިއްޔާ ކަމުގައި ބަލައިގެން. ސިފައިންގެ ވެލްފެއާގެ ކަންތައްތައް ވެސް މިހާރަށްވުރެ ހަރުދަނާގޮތެއްގައި ކުރިއަށްގެންދިއުމަށް ސަރުކާރުން އިތުރު މަސައްކަތްތައް އެބަކުރަން. އޭރުން ދިވެހި ސިފައިންގެ ގައުމީ ހިދުމަތް މިހާރަށްވުރެ ވެސް ފުރިހަމައަށް ދިވެހި ގައުމަށް ލިބެމުންދާނެކަން ޝައްކެއް އަޅުގަނޑު ނުކުރަން،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތް މުޅި ގައުމު ބަލައިގަންނާނެ ކަމަށާއި ދިވެހި ގައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، އަދި ރައްޔިތުންނަށް މެދުވެރިވާ ދަތި އުނދަގޫ ކޮންމެ ހާލަތެއްގައި ދިވެހި ދައުލަތާއި ދިވެހި ރައްޔިތުންގެ ދިފާއުގައި އެންމެ ފުރަތަމަ ތެދުވާނެ ބަޔަކީ ދިވެހި ސިފައިން ކަމަށެވެ.

"ކޮވިޑް 19 އިން ދިވެހި ރައްޔިތުން ރައްކާތެރިކުރުމަށް މިހާތަނަށް ކުރި މަސައްކަތުގައި ވެސް އަދި މިހާރު ކުރަމުން އަންނަ މަސައްކަތުގައި ވެސް ދިވެހި ސިފައިންގެ ސަފުތަކުން ފެންނަނީ ބަދަހިކަމާއި ހަރުދަނާކަމާއި ގާބިލުކަމާއި ގައުމަށް ހިދުމަތްކުރުމުގައި އެއްވެސް ވަރުބަލިކަމެއް ނެތި ސާބިތުވެ ތިބިތަން. އަދި މި ދަތި އުނދަގޫ ހާލަތުގައި ސިފައިންގެ އާއިލާތަކުން ދެއްވާ އެއްބާރުލުމާއި ސާބިތުވެ ތިއްބެވި ކެތްތެރިކަން ފާހަގަކޮށް އެ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން." ރައީސް ވިދާޅުވިއެވެ.