ވަޒީފާއަށް އަސަރު ކުރި ފަރާތްތަކަށް ސަރުކާރުން ދޭ އިންކަމް ސަޕޯޓް އެލަވަންސްގެ ގޮތުގައި 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.
މިދިޔަ މަހުގެ 27ގެ ނިޔަލަށް އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި ދޫކޮށްފައިވަނީ 5.8 މިލިއަން ރުފިޔާއެވެ. އެއީ 1450 މީހަކަށެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، އިންކަމް ސަޕޯޓް އެލަވެންސްގެ ގޮތުގައި މިދިޔަ ހުކުރު ދުވަހާ ހަމަޔަށް، 2507 މީހަކަށް 10.1 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މިއީ އޭގެ ކުރީ ހަފްތާއާ އަޅައިބަލާއިރު 4.3 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
އޭޕްރީލް، މެއި އަދި ޖޫން މަހަށް ދޭން ނިންމާފައިވާ "އިންކަމް ސަޕޯޓް އެލަވަންސް" އުސޫލުގައި ބުނެފައިވާ ގޮތުގައި މި އެލަވަންސް ލިބޭ މީހުންގެ ތެރޭގައި ހިމެނޭނީ ކޮވިޑް 19 ގެ ސަބަބުން ވަޒީފާއިން ވަކި ކުރާ މީހުންނާއި މުސާރައިގެ ބައެއް އުނިކޮށްފައިވާ މީހުންނާއި ނޯ ޕޭ އަށް ފޮނުވާފައިވާ މީހުންގެ އިތުރުން އަމިއްލަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދާ މީހުން (ފްރީލާންސަރުން)ނެވެ. މި އުސޫލުގެ ދަށުން އިންކަމް ސަޕޯޓް އެލަވަންސް ލިބޭނީ ރާއްޖޭގައި މަސައްކަތްކުރާ ދިވެހިންނަށް އެކަންޏެވެ.
މި އުސޫލުގައި ބުނެފައިވާގޮތުގައި ވަޒީފާ އިން ވަކިކޮށްފައިވާ މީހުން ނުވަތަ ސަސްޕެންޑްކޮށްފައިވާ މީހުންނާއި ނޯޕޭގައި ތިބި މީހުންނަށް 5،000ރ. އެލަވެންސެއް ލިބޭނެއެވެ. މުސާރައިން އުނިކޮށްފައިވާ މީހުންގެ ތެރެއިން 5،000ރ. އަށްވުރެ ކުޑަ މުސާރައެއް ލިބޭ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ.
މީގެ އިތުރުން ފްރީލާންސަރުންގެ ތެރެއިން 5،000ރ. ގެ އެލަވެންސެއް ލިބޭނީ އެއްވެސް އާމްދަނީއެއް ނުލިބޭ މީހުންނަށެވެ. ލިބޭ އާމްދަނީ ދަށް ވެފައިވާ މީހުންނަށް 5،000ރ. އިން މިހާރު ލިބޭ އަދަދެއް އުނިކުރުމުން ޖެހޭ އަދަދު ލިބޭނެއެވެ. ފްރީލާންސަރުންގެ ތެރެއިން ވަޒީފާއެއް އަދާ ކުރަމުން އަމިއްލަ މަސައްކަތް ކުރާ މީހުން މީގެ ތެރޭގައި ނުހިމެނޭނެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު