ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ ރަފީގު ހަމަޖައްސައިފިއެވެ.

ނޭޝަނަލް އިމްޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) މިމަހު އެކަކުން ފެށިގެން އުވާލައި، އެ ސެންޓަރުގެ މަސައްކަތް އެޗްއީއޯއީސީގެ ދަށަށް ވަނީ ބަދަލުކޮށްފައެވެ. އެންއޯއީސީ އުވާލި އިރު، އެ ސެންޓަރުގެ ތަރުޖަމާންކަން ކުރެއްވީ ރައީސް އޮފީހުގެ އަންޑާ ސެކެޓްރީ މުހައްމަދު މަބްރޫކު އަޒީޒެވެ.

ހެލްތު މިނިސްޓްރީން މިއަދު މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ އައްޔަނުކުރައްވާފައިވާ ކަމަށެވެ.

އެޗްއީއޯސީގެ ތަރުޖަމާނަކަށް ޑރ. ނަޒްލާ އައްޔަނުކުރެއްވި އިރު، އޭނާ މިހާރުވެސް އަންނަނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ސީނިއާ މެޑިކަލް އޮފިސަރުކަމުގެ މަގާމު ފުރުއްވަމުންނެވެ.

އެންއީއޯސީގެ މަސައްކަތްތައް އެޗްއީއޯސީއަށް ބަދަލު ކުރި ނަމަވެސް، އެ ސެންޓަރުން ދެމުން އައި ހިދުމަތްތައް އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ކަމުގެ ޔަގީންކަން ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ އަރުވައިފައެވެ.