މާސްކް ނާޅައި ހޮސްޕިޓަލުތަކުގައި އުޅޭކަން ފާހަގަކުރެވޭ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރު، ޑރ. އަލީ ނަޒީމް ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ ޑޮކްޓަރު އަލީ ނަޒީމް ވިދާޅުވީ، އައިޖީއެމްއެޗަކީ އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ހިދުމަތް ހޯދާ ހޮސްޕިޓަލެއް ކަމަށާއި ނަމަވެސް ފަހަކަށް އައިސް ބައެއް ހޮސްޕިޓަލަށް ޒިޔާރަތް ކުރާ ބައެއް މީހުން މާސްކް ނާޅައި އުޅޭކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

"ހޮސްޕިޓަލަށް އަންނަ ބައެއް މީހުން މަދުން ނަމަވެސް މާސްކް ނާޅައި އުޅޭކަން ފާހަގަކުރެވޭ،" ޑރ. އަލީ ނަޒީމް ވިދާޅުވިއެވެ.

މާސްކް ނާޅައި އުޅުމުގެ އިތުރުން ހޮސްޕިޓަލުގެ ތެރޭގައި އެއްތަނަކަށް ގިނަ ބަޔަކު ޖަމާވެ އުޅޭކަންވެސް ޑރ. ނަޒީމް ފާހަގަކުރެއްވިއެވެ.

ޑރ. ނަޒީމްގެ އިތުރުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގުވެސް ވަނީ ލުއިތަކާއެކު ބައެއް ރައްޔިތުން މާސްކް ނާޅައި މަގުތަކުގައި އުޅޭކަން ފާހަގަކުރައްވައިފައެވެ.

އައިޖީއެމްއެޗުން މިހާތަނަށް 11 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެއާއެކު އެ ހޮސްޕިޓަލުގައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.