މާސްކު ނާޅައި އުޅޭ މީހުން ގިނަވަމުންދާކަން ފާހަގަވާ ކަމަށް ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގެ ތަރުޖަމާނު ޑރ. ނަޒްލާ ވިދާޅުވީ މިދިޔަ ދެ ތިން ދުވަހު އެކަން ފާހަގަކުރެވިފައިވާ ކަމަށާއި ބަލިން ރައްކާތެރިވުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން ވަރަށް މުހިންމު ކަމަށެވެ.
"ކޮންމެވެސް ވަރަކަށް ވޭތުވެދިޔަ ދެ ތިން ދުވަސް ތެރޭގައި އަޅުގަނޑުމެންނަށް ފާހަގަކުރެވިއްޖެ މާސްކު އެޅުން ވެސް ކުރިއަށްވުރެ ތަންކޮޅެއް މަދުވާހެން. އެހެންވީމާ އަޅުގަނޑުމެން އިތުރަށް ހަނދާންކޮށްދޭން ބޭނުންވޭ މާސްކު ނާޅައި އުޅެނިކޮށް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ. ބައެއް މީހުންނަށް ހީވެދާނެ ތިމަންނައެއް ބަލި ނުޖެހޭނެއޭ. އެކަމަކު ކޮންމެ މީހަކަށް ވެސް ބަލި ޖެހުމުގެ ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވިއެވެ.
ޑރ. ނަޒްލާ ވިދާޅުވީ ކޮވިޑުން އަދި މުޅިން ސަލާމަތްވެވިފައިނުވާ ކަމަށާއި މި ބަލި އުޅޭހާ ހިނދަކު ކޮންމެ ވަގުތެއްގައި ވެސް ބަލި ފެތުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
"އެހެންވީމާ ހާއްސަކޮށް މިހާރު ސްކޫލުތައް ހުޅުވިފައި އޮތުމާއި، މާދަމާއިން ފެށިގެން ސަރުކާރުގެ އޮފީސްތައް ފެށުމާއެކު ހުރިހާ ބޭފުޅުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅުއްވައިގެން ބޭރަށް ނުކުންނެވުމަކީ ވަރަށް ވަރަށް މުހިންމު ކަމެއް." އޭނާ ވިދާޅުވިއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު