ދައުލަތުގެ މީޑިއާ، ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ޕީއެސްއެމްގެ އިތުރު މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން އެ މީޑިއާގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް މިއަދު ވަނީ އަންގައިފައެވެ. އެ މުވައްޒަފާ ސީދާ ބައްދަލުވި ޕީއެސްއެމްގެ އިތުރު މުވައްޒަފަކު ނެތްކަން މުވައްޒަފުންނަށް އަންގާފައިވެއެވެ.

އެ މުވައްޒަފާއެކު މިހާރު ކޮވިޑަށް ޕޮޒިޓިވްވި ޕީއެސްއެމްގެ މުވައްޒަފުންގެ އަދަދު މިވަނީ ހަތަރަކަށް އަރައިފައެވެ. ޕީއެސްއެމް އިން ޕޮޒިޓިވްވި ފުރަތަމަ ދެ މުވައްޒަފުންނަކީ އެ މީޑިއާގެ ޓެކްނިކަލް ޓީމުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ. އަދި ތިންވަނައަށް ޕޮޒިޓިވްވެފައިވަނީ ޗުއްޓީގައި ހުރި މުވައްޒަފެކެވެ. މާލޭގައި ކޮވިޑު ފެތުރެން ފެށި ފަހުން އެ މުވައްޒަފު އޮފީހަށް ނުކުމެފައެއް ނުވެއެވެ.

ކޮވިޑާ ގުޅިގެން ޕީއެސްއެމްގެ މަސައްކަތްތައް ކުރިއަށްގެންދަނީ މަދު މުވައްޒަފުންތަކެއް ނެރެގެން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުގައި އެ މުވައްޒަފުން އޮފީހުގައި ލޮކްޑައުންވެ ތިބެގެންނެވެ.