ފުލުހުންގެ ހިދުމަތުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ވައްދައިގެން، އެބިލަށް އާންމުންގެ ހިޔާލު ހޯދުމުގެ މަަސައްކަތް ކުރަނީ މިފަހުން ހިނގައިދިޔަ ސަފާރީ ރޭޕް ކޭސްގެ މައްސަލަ އޮއްބާލުމަށް ކަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.
ޕްރޮގްރެސިވް ކޯލިޝަނުން މިހެން ބުނެފައިވާއިރު ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލައެއް ފުލުހުން ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައިގައި ތުހުމަތު ކުރެވޭ ދެމީހުންގެ ތެރެއިން އެކަކަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުން ކަމަށް ވަނީ ތުހުމަތު ކޮށްފައެވެ. އެ މައްސަލަ އޮއްބާލުމަށް ނުފޫޒުގެ ބޭނުން ކޮށްފައިވާ ކަމަށްވެސް ގިނަ ބަޔަކު ތުހުމަތުކުރެއެވެ.
އިދިކޮޅު ކޯލިޝަނުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުވި ސިޓީގައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް އިންނަވައިގެން ރައީސް ނަޝީދު ވަރަށް ހުދުމުހުތާރު ކަންކަން ކުރައްވަމުން ގެންދަވާ ކަމަށް ބުނެފައެވެ. އެގޮތުން ގާނޫނު ހެދުމާއެކު، ގާނޫނު ތަންފީޒު ކުރުމުގެ ބާރުވެސް ރައީސް ނަޝީދުގެ މުށުތެރެއަށް ލައްވައިގެން މަސައްކަތް ކުރައްވާ ކަމަށް އެ ކޯލިޝަނުން ވަނީ ތުހުމަތު ކޮށްފައެވެ.
މީގެ އިތުރުން ޝަރުއީ ނިޒާމާއި، ކޯޓުތައްވެސް މަޖިލީހުގެ ރައީސްގެ މުށުތެރެޔަށް ލައްވައިފައިވާ ކަމަށާއި މަޖިލީހުގެ ރައީސް މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތަކީ ފުލުހުންގެ މުއައްސަސާވެސް އެމަނިކުފާނުގެ ކޮންޓްރޯލްގެ ދަށަށް ގެންދެވުން ކަމަށް އިދިކޮޅުންވަނީ ތުހުމަތުކޮށްފައެވެ. އަދި ފުލުހުންގެ މުއައްސަސާ ރިފޯމް ކުރުމަށް ކަމަށް ބުނެ، ފުލުހުންގެ ގާނޫނު އިސްލާހު ކުރުމަށް، ފުލުހުންގެ ހިދުމަތުގެ ބިލަށް އިސްލާހު ގެނައުމަށް ކުރައްވާ މަސައްކަތްތައް ދިވެހި ރައްޔިތުން ބަލައި ނުގަންނަކަމަށް އިދިކޮޅުން ބުނެފައިވެއެވެ.
ފުލުހުންގެ ބިލެއް މަޖިލީހަށް ވައްދައިގެން ރައީސް ނަޝީދު ކުރައްވާ މަސައްކަތަކީ މި ފަހުން ހިނގައިދިޔަ ރޭޕް ކޭސްގެ މައްސަލަ އޮއްބާލުން ކަމަށްވެސް އިދިކޮޅުން ބުނެއެވެ.
"ކޯޓުތަކާއި މިނިވަން މުއައްސަސާތަކާއި މުޅި ދައުލަތް މަނިކުފާނުގެ މުށުތެރެޔަށް ލެއްވުމަށްފަހު ސިޔާސީ ގޮތުން އިދިކޮޅުގައި ހުންނެވި ހަމައެކަނި ލީޑަރު ޖަލުގައި ބަހައްޓަވައިގެން، މަޖިލީހަކީ ވާދަވެރިންނަށް އަނިޔާކުރާ ތަނަކަށްވެސް މަނިކުފާނު ވަނީ ހައްދަވައިފައެވެ. މިހާލަތުގައި މަޖިލީހުގެ ކަންކަން އޮތްއިރު ފުލުހުންގެ ބިލެއް ހުށަހަޅައިގެން ފުލުހުންނަށް ރަނގަޅު ކަންތައްތަކެއް މަޖިލީހުގެ ތެރެއިން ކޮށްދެވޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. ފުލުހުންގެ ބިލެއް މަޖިލީހަށް ވައްދައިގެން ރައްޔިތުންގެ ހިޔާލު ހޯދާ ކަމަށް ހައްދަވައިގެން، މަނިކުފާނު ތި ޖައްސަވާ ސަކަރާތަކީ ދާދިފަހުން ހިނގައިދިޔަ ރޭޕް ކޭސް އޮއްބާލުމަށާއި، ފުލުހުންގެ އަގު ވައްޓާލަން ތަކުރާރުކޮށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގައި މަތި ޖައްސަވައި އެކަންކަން ތަކުރާރުކުރެއްވުމަށް ކުރައްވާ ކަމެއް ކަމުގައި ދެކެމެވެ." އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަން ހިންގުމާ ހަވާލުވެ ހުންނެވި، ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވައި މަޖިލީހުގެ ރައީސަށް ފޮނުއްވި ސިޓީގައި ވެއެވެ.
އެ ސިޓީގައި ބުނީ، ސަރުކާރުގެ ވައުދުތައް ނުފުއްދި ރައްޔިތުން ބިކަވަމުންދާ ކަމަށެވެ. އަދި ކޮވިޑު 19ގެ ސަބަބުންވެސް އެތައް ރައްޔިތުންނެއްގެ ވަޒީފާ ގެއްލި ހާލުގައި ޖެހިފައިވާ ކަމަށާއި މިފަދަ ހާލަތެއްގައިވެސް ސަރުކާރުގެ ބައެއް އިސް ފަރާތްތަކުން ހިންގާ ކޮރަޕްޝަންގެ އަމަލުތައް އިދިކޮޅު ކޯލިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީގައި އިދިކޮޅު މެންބަރުންނަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރައްވައި، މަޖިލީހުގެ ތެރޭގައި ހިންގާ ގާނޫނާ ހިލާފު ކަންކަން ހުއްޓާލަންވެސް އެ ސިޓީގައި އިދިކޮޅުން ވަނީ ގޮވާލައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު