ހަނގާ ކުރުމަކީ މިހާރު އަހަރެމެންގެ މި ކުޑަކުޑަ މުޖުތަމައުގައިވެސް ވަރަށް ބޮޑަށް އާއްމުވެފައިވާ ސީރިއަސް މައްސަލައެކެވެ. ހަނގާގެ ޝިކާރައަކަށް ގިނައިން ވަނީ ކުޑަކުދިންނާއި ފުރާވަރަށް އަޅާ ކުދިންނެވެ. އެގޮތުން ސުކޫލުގައާއި، ބޭރުތެރެއިންވެސް ތިބާގެ ދަރިފުޅު ހަނގާގެ ޝިކާރައަކަށް ވެދާނެއެވެ. ސުކޫލުގައި ނުވަތަ ބޭރުތެރޭގައި މީހުން ކުއްޖާއަށް ހަނގާ ކުރިނަމަވެސް ގިނަ ފަހަރަށް މައިންބަފައިންނަށް އެވާހަކަތައް ކިޔައިދޭން ފަސްޖެހިދާނެއެވެ.

އެކީގައި އުޅޭ އެކުވެރިން ހަނގާ ކުރުމުގެ ސަބަބުން މީހަކާ އެކަން ހިއްސާ ނުކޮށް ހުންނަ ނަމަ ދަރިފުޅު ނަފްސާނީ ބަލިމަޑުކަމެއްގެ ޝިކާރައަކަށް ވުމަކީ ވަރަށް އެކަށީގެން ވާ ކަމެކެވެ. ނަފްސާނީ ބައްޔެއް ނުޖެހުނު ނަމަވެސް، އެކުއްޖާގެ އުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސް އެކަމުން ކުއްޖާގެ ކުރިމަގަށް ވަރަށް ބޮޑު ނޭދެވޭ އަސަރެއް ކުރާނެއެވެ. އެހެންކަމުން ދަރިންނަށް އެއްވެސް ދިމާއަކުން ބަޔަކު ހަނގާ ކުރޭތޯ ބަލައި، އެކަމުން ކުއްޖާ ރައްކާތެރިކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ކިރިޔާވެސް ދަރިފުޅުގެ އުޅުމަށް ބަދަލު އައިސް ކަމެއް ގޯސްވެއްޖެހެން ހީވެއްޖެ ނަމަ ވީހާވެސް އަވަހަކަށް ކުއްޖާއާ ވާހަކަ ދައްކައި ވާނުވާ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

ދަރިފުޅަށް ސުކޫލުން ނުވަތަ ބޭރުތެރެއިން ބަޔަކު ހަނގާ ކުރާކަން އެނގޭ ނަމަ، ކުއްޖާ އެކަމުން ރައްކާތެރިކުރުމަށް މައިންބަފައިންނަށް ކުރެވިދާނެ ވަރަށް ބައިވަރު ކަންކަން އެބަހުއްޓެވެ. އެގޮތުން، ބަޔަކު މީހުން ހަނގާ ކުރާނަމަ ކަންތައް ކުރަންވީ ގޮތް ދަރިފުޅަށް ރަނގަޅަށް ވިސްނައިދޭންވާނެއެވެ. ސަބަބަކީ މައިންބަފައިންނަށް އަބަދު ދަރިފުޅު ކައިރީ ނުތިބެވޭނެތީއެވެ.

އެހެންކަމުން ބަޔަކު ހަނގާ ކުރާނަމަ އެބަޔަކު ހުއްޓުވައި، އިތުބާރު ކުރެވޭ ބޮޑު މީހަކާ އެކަން ވަގުތުން ހިއްސާ ކުރުމަށް ދަރިފުޅު ކައިރީ ބުނާށެވެ. މީގެ އިތުރުން، އެއްވެސް ޖެހިލުމެއް ނުވެ ނުވަތަ ކަމެއް ސިއްރުނުކޮށް ދަރިންނަށް ހަނގާ ކުރުމާ ބެހޭ ހުރިހާ މައުލޫމާތެއް ކިޔައިދޭށެވެ. ހަނގާގެ ޝިކާރައަކަށް ވުމުން ކުރެވޭނެ އިހްސާސްތަކާއި، ބަޔަކު ހަނގާ ކުރަނީކަން ދެނެގަންނާނެ ގޮތާއި ހުރިހާ ވާހަކަތަކެއް ތަފްސީލު ކޮށް ދަރިފުޅަށް ވިސްނައިދޭށެވެ. ހަނގާކުރުމަކީ ކޮބައިކަންވެސް ރަނގަޅަށް ކިޔައިދޭށެވެ.

އެކުވެރިން ނުވަތަ ދުރުމީހަކުވެސް ކުއްޖާއަށް ހަނގާ ކުރާނަމަ، އެކަމަށް ރިއެކްޓް ކުރާނެ ގޮތް ކުއްޖާއަށް އެނގުމަކީވެސް ވަރަށް މުހިންމު ކަމެކެވެ. އެހެންކަމުން ބަޔަކު ދަރިފުޅަށް މަލާމާތްކޮށް، ހަނގާ ކުރާނަމަ އެކަމާ ދެރަވެ ހިތްވަރު އެލުވައި ނުލުމަށް ނަސޭހަތްތެރި ވާށެވެ. މީގެ އިތުރުން ހަނގާގެ ޝިކާރައަކަށް ވާނަމަ، އެކަން ކުރާ މީހުން ކުރިމަތީ ރޮއެ ނުހެދުމަށް ދަރިފުޅަށް އިރުޝާދު ދޭށެވެ. ސަބަބަކީ ހަނގާ ކުރާ މީހުން ކުރިމަތީ ރޯނަމަ އެމީހުންނަށް އެލިބެނީ އެކަން ކުރަން އިތުރު ހިތްވަރެކެވެ. އޭގެ ބަދަލުގައި، އެ މީހުންގެ ކުރިމަތީގައި އާދައިގެ ހިނިތުންވުމެއް ދިނުމަށް ފަހު އެތަނުން ދުރަށް ދިޔުމަށް ބުނެދޭށެވެ. ކުލާސް ތެރޭގައި މި ފަދަ ކަމެއް މެދުވެރި ވާނަމަ، ގެޔަށް އައިސް ބެލެނިވެރީންނާ އެކަން ހިއްސާ ކުރުމުގެ ހިތްވަރު އަބަދުވެސް ދަރިފުޅަށް ދޭށެވެ.

ތިބާގެ ދަރިފުޅަށް ބަޔަކު ސުކޫލުތެރެއިން ހަނގާ ކުރާނަމަ ލަސްނުކޮށް އެކަން ސުކޫލުގެ މެނޭޖްމެންޓަށް ހިއްސާ ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މީގެ އިތުރުން ދަރިފުޅުގެ ހާލު މާ ގޯސްވާނަމަ އެކުއްޖާއަށް ކައުންސެލިން ދޭންވެސް ޖެހިދާނެ އެވެ. ދަރިފުޅު ސްކޫލުން އަންނަ އިރު އެ ހުންނަ މޫޑު ބެލެނިވެރީން އަބަދުވެސް ދެނެގަންނާން ވާނެ އެވެ. މޫޑް އޮފް ވެފައި، ރޮވިފައި ނުވަތަ ދެރަވެފައި ހުރުން ފަދަ ކަމެއް ފާހަގަވާ ނަމަ އެކަމެއް ސާފުކުރުމަށް ވަކީން ހާއްސަ އިސްކަމެއް ބެލެނިވެރީން ދޭން ވާނެ އެވެ. އަހަރެމެންގެ ދިރިއުޅުން ބިޒީވެގެން ގޮސް، ގިނަ ފަހަރަށް ކަންތައް ކުރެވޭ ގޮތަކީ ދަރިފުޅު ސްކޫލުން ގެޔަށް ގެންދިއުމަށް ފަހު ދެން އެކުއްޖާ ހޯމް ވޯކް ހަދައިތޯ ނުވަތަ ކޮޓަރީގައި ކުރަނީ ކޮންކަމެއްތޯ ވެސް ބައެއް ބެލެނިވެރީންނަށް ބަލައެއް ނުލެވެ އެވެ. ސްކޫލުން ދިމާވި ހަނގާގެ ޝިކާރަކަށްވެ ރޯން ވެސް އެކުއްޖާ އޮވެދާނެ އެވެ.

މި ފަދަ ހުރިހާ ކަމެއްގެ ވެސް ހަގީގީ ހައްލަކީ ބެލެނިވެރީންނާ ދަރީންނާ ދެމެދު އޮންނަ ވަރުގަދަ ގުޅުންކަން އަބަދުވެސް ހަނދާން ކުރާން ވާނެ އެވެ.