(2 ޖުލައި ގެ އަދަދާ ގުޅޭ)

حسّان ޖަވާބު ދެއްވިއެވެ. "ކާއޫސަށް ބޭނުންވާނެނަމަ އަހަންނާއެކު ކާއޫސް ގެންދިޔައިމުހެވެ."

"ކަލާ ތިޔަ ވަޑައިގަންނަވަނީ ނުރައްކާތެރި މުހިންމަތެއްގައި ތޯއެވެ؟"

"ނޫނެކެވެ. މި މުހިންމަތަކީ ނުރައްކައުތެރިކަމެއް ނޫނެވެ. އަހަރެން ވަރަށް އަވަހަށް އެނބުރި އަންނާނަމެވެ. ކޮންމެވެސް ސަބަބަކާހުރެ ލަސްވާން ޖެހިއްޖެނަމަ ކާއޫސް އަހަރެންގެ ގާތަށް ގެންދާންވެސް ޖެހިދާނެއެވެ."

حسّان ފޭލިގެއިން ނުކުމެވަޑައިގެންފިއެވެ. ސިފައިންގެ މީހެއް އޭނާގެ އަހުގެ ލަގަނުގައި ހިފައިގެން ބޭރުގައި ހުއްޓެވެ. حسّان އަސްމައްޗަށް ސަވާރުވެވަޑައިގެންފިއެވެ.

+ + + + +

مثــنّـى بــن حــارثـــة رضى اللّـه عنــه ގެ ލަޝްކަރު މުއަސްކަރު ހަދައިފައިވަނީ ޤާދިސިއްޔާއާއި ޚައްފާނާ ދެމެދުގައެވެ. ސަބާޚުގައެވެ. ޞަޙަރާގެ ޤަބީލާތައް ބައިބައިގަނޑަށް އެކަލޭގެފާނުގެ ދިދައިގެ ދަށަށް ޖަމާވަމުންދެއެވެ. ނަމްރު ވަންހައާއި ތަޣުލަބު ވަންހައިގެ ޢީސާއީ ޝައިޚުންވެސް އެބައިމީހުންގެ ޤަބީލާތަކުގެ ވޮލަންޓިޔަރުން ގޮވައިގެން އެތަނަށް އަންނަމުން ދިޔައެވެ. ހަމައެއާއެކު أميـرالمؤمنـين ގެ ފަރާތްޕުޅުންވެސް އެކަލޭގެފާނަށް ހިތްވަރުފުޅު އާވާފަދަ ޚަބަރުތައް ލިބިވަޑައިގަންނަވަމުން ދިޔައެވެ. جرير بــن عبداللّـه رضى اللّـه عنــه ގެ ވެރިކަމުގެ ދަށުގައި ބުޖައިލާ ވަންހައިގެ ލަޝްކަރެއް مثــنّـى އަށް އެހީވާން ފޮނުއްވި ޚަބަރެވެ. ޖިސްރުގެ ހަނގުރާމަޔަށްފަހު އެނބުރިދިޔަ ވޮލަންޓިޔަރުންވެސް އެލަޝްކަރާއެކު އެނބުރި އަންނަ ޚަބަރު ލިބިވަޑައިގެންނެވިއެވެ. ޖިސުރުގެ މައިދާނުގައި އެކަލޭގެފާނުގެ ހަށިކޮޅުގައި އުފެދުނު ޒަޚަމުގެ ފާރު އަދިވެސް ނުހިކެއެވެ. ނަމަވެސް އެކަލޭގެފާނުގެ ޖިސްމާނީ ތަކުލީފުގެ އިޙްސާސުގެ މައްޗަށް ގަދަވެފައިވަނީ އެކަލޭގެފާނުގެ ވަރުގަދަ ޢަޒުމުފުޅާއި ހިތްވަރުފުޅެވެ.

ލަޝްކަރުގެ ޙަކީމު އެއްދުވަހަކު އެކަލޭގެފާނުގެ ޒަޚަމުގައި ބޭސްކޮޅު ތުރުކުރައްވަން އިންނެވިއެވެ. مثــنّـى ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު އެކަލޭގެފާނުގެ ކޮމާންޑަރުންނަށް އަމުރު ނެރުއްވަމުން ލަފާދެއްވަމުން ގެންދެވިއެވެ. ކުއްލިޔަކަށް ބޭރުން އަހެއްގެ ފިޔަވަޅުގެ އަޑު އިވޭންފަށައިފިއެވެ. އިރުކޮޅެއްގެ ތެރޭގައި حسّان އެފޭލިގެކޮޅަށް ވެދެވަޑައިގެންފިއެވެ. ކަންބޮޑުވެވަޑައިގެން ހުންނަވައި مثــنّـى އާ ދިމާޔަށް ބައްލަވާން ފައްޓަވައިފިއެވެ.

مثــنّـى ވިދާޅުވިއެވެ. "އަޅުގަނޑުގެ ހާލު މުޅީން ރަނގަޅެވެ. حسّان ވިދާޅުވާށެވެ! ކަލާ ގެންނެވީ ކޮން ޚަބަރެއްތޯއެވެ؟"

حسّان ޖަވާބު ދެއްވިއެވެ. "ރުސްތުމާއި ފީރޯޒާނާ ދެބޭފުޅުން ޞުލްޙަވެވަޑައިގެންފިއެވެ. ސަރުކާރުގެ އިޚްތިޔާރުތައް ދެބޭފުޅުންނަށް ބައްސަވައިލައްވައިފިއެވެ. ހީރަތުގައި މަޝްހޫރުވެފައިވާ ގޮތުގައި އީރާނުގެ ލަޝްކަރު ބަހްމަންގެ ބަދަލުގައި މެހެރާނުގެ ވެރިކަމުގައި މަދާއިނުން ފުރަން ތައްޔާރުވެއްޖެއެވެ."

مثــنّـى بــن حــارثـــة رضى اللّـه عنــه ޒުވާން އޮފިސަރަކަށް އަމުރުކުރެއްވިއެވެ. "ކަލޭ ހަމަ މިވަގުތު ދަތުރު ފަށާށެވެ. މަދީނާގެ މަގުން جرير ގެ ލަޝްކަރާ ބައްދަލުވާނެއެވެ. އެކަލޭގެފާނުގެ އަރިހުގައި ދަންނަވާށެވެ. ލަސްނުކުރައްވައި ވީހައިވެސް އަވަހަކަށް ވަޑައިގަންނަވާށެވެ. އަހަރެން ބުވައިބުގައި އެކަލޭގެފާނަށް އިންތިޒާރު ކުރާނަމެވެ." އަނެއްކާ އެހެން ކޮމާންޑަރަކާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "ކަލޭ މުރޫޖާއަށް ދާށެވެ. ހުރިހައި އަންހެނުންނާއި ކުޑަކުދީން އެރަށާ ތިންމަންޒިލް ދުރަށް ގެންދާށެވެ. ޢިރާގުގެ ސަރަޙައްދާ ދުރުވިހައިވަރެއް ރައްކާތެރިވާނެއެވެ."

ބޭސްވެރިޔާ ބެންޑޭޖުގައި އެންމެފަހު ގޮށްޖައްސަވަމުން ބުނުއްވިއެވެ. "ކަލޭގެފާނުގެ ޒަޚަމު އެބަ ނުބައިވެއެވެ. އަޅުގަނޑުގެ ލަފަޔަކީ އެންމެ މަދުވެގެން ދެހަފްތާ ވަންދެން އަސްމައްޗަށް ސަވާރުވެވަޑައިނުގެންނެވުމެވެ."

"ކަލާ ދުޝްމިނުން ކުރިއެރިޔަ ނުދެއްވުމުގެ ޒިންމާ ގަބޫލު ކުރައްވާށެވެ. އޭރުން އަޅުގަނޑު ކަލާގެ މަޝްވަރާއާ އެއްގޮތަށް ޢަމަލު ކުރާނަމެވެ." مثــنّـى އެހެން ވިދާޅުވެފައި އެކަލޭގެފާނުގެ ކޮމާންޑަރުންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. "އަހަރެމެންގެ މަންޒިލަކީ ބުވައިބެވެ. އަހަރެން ބޭނުންވަނީ އެއްގަޑިއިރުގެ ތެރޭގައި މުޅި ލަޝްކަރު ދަތުރުފަށާން ތައްޔާރުވެފައިވަނިކޮށް ފެނުމެވެ."

مثــنّـى بــن حــارثـــة رضى اللّـه عنــه ހުންނެވީ ބުވައިބުގެ މައިދާނުގައި އަސްކަރުގާހު ހައްދަވައިގެންނެވެ. جرير بــن عبداللّـه رضى اللّـه عنــه ގެންނެވި ލަޝްކަރާއެކު އިސްލާމީ ލަޝްކަރުގެ އަދަދު ވަނީ ދިހަހާހަށް އަރައިފައެވެ. ފުރާތު ކޯރުގެ އަނެއްފަރާތުގެ އައްސޭރިޔަށް އީރާނުގެ ލަޝްކަރު ޖަމާވަމުން ދިޔައެވެ.

އެއްދުވަހަކު މެހްރާނުގެ ސަފީރެއް مثــنّـى ގެ އަރިހަށް އައިސް ދެންނެވިއެވެ. "މެހްރާން ވިދާޅުވިއެވެ. ކަލޭގެފާނު އަޅުގަނޑުމެންނަށް ކޯރު ހުރަސްކުރުމުގެ ފުރުސަތު ދެއްވާނުތޯއެވެ؟ އެހެންނޫނީ ކަލޭގެފާނު މިފަރާތަށް ވަޑައިގަންނަވާނީތޯއެވެ؟"

مثــنّـى ޖަވާބު ދެއްވިއެވެ. "ތިޔަބައިމީހުންގެ ސިފައިންގެ ވެރިޔާއަށް އަހަރެންގެ ފަރާތުން ދަންނަވާށެވެ. "އަހަރެން ކޯރުގެ މިފަރާތުގައި އޭނާއަށް އެބަ އިންތިޒާރު ކުރަމެވެ."

ޤާސިދު އެނބުރިދާން ހިނގައިގަތުމުން مثــنّـى ވިދާޅުވިއެވެ. "މަޑުކޮށްލާށެވެ! ކަލޭ އަހަރެންގެ ފަރާތުން މެހެރާނަށް ޔަޤީންކަންދޭށެވެ. ތަސައްލީ ދޭށެވެ. އަހަރެމެންނަކީ އަހަރެމެންގެ ދުޝްމިނުންނަށްވެސް ހެޔޮކަމުގެ މަގުދައްކާ ބަޔަކީމުއެވެ. ނުބައިކަމުގައި ދުޝްމިނުންނަކަށް ތަޤްލީދެއް ނުކުރާނޫނެވެ. އޭނާ ކޯރު ހުރަސްކުރައްވާއިރު އަހަރެމެން ތިބޭނީ ފާލަމާ އެއްމޭލު ދުރުގައެވެ. އީރާނުގެ އެންމެފަހު ސިފައިންގެ މީހާ ކޯރު ހުރަސްކޮށް ހަނގުރާމަޔަށް ސަފުހަދައި ތައްޔާރުވުމުގެ ކުރިޔަކު އަހަރެމެންގެ ލަޝްކަރު ހަރަކާތްތެރިޔެއް ނުވާނެއެވެ."

+ + + + +

މެހްރާނުގެ ލަޝްކަރު ކޯރު ހުރަސްކުރުމަށްފަހު ތިންބަޔަކަށް ބެހިގެން ކުރިއަރަމުންދާން ފަށައިފިއެވެ. ދެފަރާތުގެ ދެމެދުގައިހުރި އެއްމޭލުގެ ދުރުމިން ދިޔައީ މަޑުމަޑުން ކުޑަވަމުންނެވެ. އީރާނީންގެ ސަފުތައްވަނީ ލޮލުކޮޅަށް އޮބައިލާހައި ދުރަށް ފެތުރިފައެވެ. މި ހަނގުރާމައަކީ އެކަކާއި ދިހައެއްގެ ކުރިމަތިލުމެކެވެ. އީރާނު މީހުންގެ ބެރުތަކާއި ސަންގުތަކާއި ބާރަށް ހޭރެމުންދާ އަތްތަކުގެ ރަނގަބީލުގެ އަޑުން ބިންގަނޑަށް ދިޔައީ ގުޑުން އަރަމުންނެވެ. ބޭރުފުށުގެ ސަބަބުތަކުގެ މައްޗަށް ބިނާކޮށް ތިމާޔަށް ފަތަޙަ ލިބޭނެކަން އެންމެބޮޑަށް ޔަޤީންކުރެއްވޭ ކޮމާންޑަރ އިން ޗީފަކީ މެހެރާން ކަމުގައި ވެވަޑައިގަންނަވާނެއެވެ. އީރާނުގެ ސިފައިން ތިބީ ހައިރާންވެ އަންތަރީސްވެފައެވެ. މުސްލިމުން އެއްވެސްކަހަލަ ހުރަސްއެޅުމެއްނެތި އެބައިމީހުންނަށް ކޯރު ހުރަސްކުރުމުގެ ފުރުސަތު ދިނީތީއެވެ. އެބައިމީހުންގެ ހިތްތަކުގައި ސުވާލު އުފެދުނެވެ. މުސްލިމުން އަހަރެމެންނަށް ސަފުތައް ރުކުރުވައިލައި މައިދާނުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު މިދެނީ ކީއްވެގެން ބާވައެވެ؟ މުސްލިމުން އީރާނީންގެ ހިތްތަކަށްވެސް ނުގެނެވޭފަދަ ހަމަޖެހުމާއި މަޑުމައިތިރިކަން ދައްކާން ފެށުމުން އީރާނީންގެ ހައިރާންކަން ފިކުރު ބޮޑުވުމާއި ހާސްކަމަށް ބަދަލުވާން ފަށައިފިއެވެ.

مثــنّـى بــن حــارثـــة رضى اللّـه عنــه އެކަލޭގެފާނުގެ ވިދުވަރާ އެއްވަރަށް ދުވާ އަސްމަތީގައި އިސްލާމީ ލަޝްކަރުގެ ސަފުތައް މުޢާއިނާ ކުރައްވަމުން ކޮމާންޑަރުންނަށް އިރުޝާދު ދެއްވަމުން ގެންދެވިއެވެ. އެކަލޭގެފާނު ލަޝްކަރަށް އަމުރު ކުރައްވައިފައިވަނީ އެކަލޭގެފާނު ތިންފަހަރަށް ތަކުބީރު ވިދާޅުވުމުން ހަނގުރާމަޔަށް ތައްޔާރުވާށެވެ. ހަތަރުވަނަ ތަކުބީރު ވިދާޅުވުމުން ޙަމަލަދޭން ފަށާށެވެ. އިސްލާމީ ލަޝްކަރު ހީވަނީ ވިރުވައި އަޅައިފައިވާ އެކަތައިގެ ފާރެއްހެންނެވެ. މުސްލިމުން ތިބީ އެހައިވެސް ސާބިތުކަމުގައެވެ. ދުޝްމިނުންގެ ސައިލު އެމީހުންގެ ބޯމައްޗަށް އައިއިރުވެސް އެމީހުން ތިބި ސާބިތުކަމާއި ހަމަޖެހުމަކީ ސާބަސްދޭފަދަ ކަމެކެވެ.

مثــنّـى بــن حــارثـــة އެންމެފުރަތަމަ ތަކުބީރު ވިދާޅުވާއިރަށް އީރާނީ ލަޝްކަރުގެ ގެމަތަކެއް އިސްލާމީ ލަޝްކަރުގައި ހިމެނޭ ހީރަތުގެ ބަނޫ ޢަޖުލުގެ ސަފުތަކަށް އަރައިގެންފިއެވެ. އެ ސަފުތަކުގައި ރޫޅުމާއި ބައިބައިވުން އުފެދިއްޖެއެވެ. ހަމައެއާއެކު مثــنّـى ގެ އަމުރުފުޅާއިގެން އަސްވާރެއް އެތަނަށް ހިނގައްޖެއެވެ. އޭނާ ބަނޫ ޢަޖުލުގެ ސަރުދާރުންނަށް ހަރުއަޑުން ގޮވައިލިއެވެ. "ލަޝްކަރުގެ އަމީރު ތިޔަބޭކަލުންނަށް ސަލާމް ވިދާޅުވިއެވެ. އެކަލޭގެފާނު އެދިވަޑައިގަންނަވަނީ މިއަދު މުސްލިމުން ނިކަމެތި ނުކުރެއްވުމެވެ."

ޖަވާބުގައި އެއްފަހަރާ އެތައްބަޔަކު ގޮވައިލިއެވެ. "އަހަރެމެން އެހެންވިޔަކަ ނުދޭނޫއެވެ." އެއާއެކު އެމީހުން ދުޝްމިނުންގެ ކުރިމަތީގައި ފަރުބަދައެއް ފަދައިން ސާބިތުވެލައިފިއެވެ.

އިރުކޮޅެއްގެ ތެރޭގައި ދެލަޝްކަރުގެ އާއްމު ޙަމަލަތައް ފެނިއްޖެއެވެ. އީރާނީން އަރައަރައިގެންއައިސް ޙަމަލަދެމުން ގެންދިޔައެވެ. މުސްލިމުން އެއްދިމާޔަކުން ދުޝްމިނުން ފަހަތަށް ކޮއްޕައިލާއިރަށް އަނެއް ދިމާޔަކުން ދުޝްމިނުންގެ ޙަމަލަ ވަރުގަދަކަމުން މުސްލިމުންނަށް ހިސާބަކަށް ފަހަތަށް ޖެހިލާން ޖެހިދެއެވެ. މުސްލިމުން އީރާނީންގެ ގެމައެއް ވިއްސިވިހާލިކޮށްލާއިރަށް އެހެން ބައެއް އެހުސްތަން ފުރައިލައެވެ. ނަމަވެސް ބުވައިބުގެ މައިދާން ޖިސްރުގެ މައިދާނާ ވަރަށް ތަފާތެވެ. ޢަރަބި އަސްވާރުންނަށް ދުޝްމިނުންގެ އެތްތަކުގެ ކިބައިން ސަލާމަތްވާން ފަސޭހަކަމާއެކު އަރިއަރިމައްޗަށް ޖެހިލައި ފަހަތަށް ސޮއްސައިލައި ކުރިޔަށްއެރޭނެ ޖާގަ އޮތެވެ. އެތްތަކުގެ ބައިގަނޑެއް ކުރިޔަށް އަރާއިރަށް މުސްލިމު އަސްވާރުން ކެވިގެން އެކިފަރާތްފަރާތަށް ފެތުރިލައެވެ. އެތްތަކުގެ ފަހަތުން ކުއްލިޔަކަށް ދުޝްމިނުންގެ ކަނާތްފަރާތަށާއި ވާތްފަރާތަށް ޙަމަލަދީ ތަޅައި ރޯނާގަންނަވައިލައެވެ. އެގޮތުން އީރާނީ ލަޝްކަރާ ވަކިވާ އެތްތަކަށް ޢަރަބި އަސްވާރުން ލޮންސީން ޙަމަލަދީ ދުރަށް ފައްސައިލައެވެ. މުސްލިމުންގެ ލޮންސިތަކުން ޒަޚަމުކޮށްލާ އެތްތަކުގެ ފީލްބާނުންނަށް ބޯ ހިރަފުހުގެ ތެރޭގައި ދުޝްމިނުންނާއި ރަޙްމަތްތެރީން ވަތްކެއް ނުވެއެވެ. މުސްލިމުންގެ ތީރުތަކާއި ލޮންސިތަކުން ޒަޚަމުކޮށްލާ އެތްތަކާއި މަހްމަލު ވައްޓައިލާ އެތްތައް ހާމަ މައިދާނުގައި ކޮޅުކޮޅަށް ދުވަމުން ގެންދެއެވެ. އެތައް އެތްތަކެއް ޚުދު އީރާނީންގެ ސަފުތައް ފުނޑަމުން ގެންދެއެވެ.

މެންދުރުގެ އިރުވަނީ މައިދާނުން އުފުލެމުންދާ ވެއްޔާއި، ހިރަފުހުގެ ވިލާތަކުގެ ތެރޭގައި ފޮރުވިފައެވެ. ދެފަރާތުގެ ލަޝްކަރަށްވެސް ކުރިމަތިވެފައިވަނީ ކަންބޮޑުވުމާއި ޔަޤީންކަމެއް ނެތުމުގެ ޙާލަތެކެވެ. މުސްލިމުންގެ އިސްލަޝްކަރުގެ ތެރެއިން مثــنّـى بــن حــارثـــة رضى اللّـه عنــه ބާރު އަޑުފުޅު ގޮވައިލިއެވެ. "މުޖާހިދުންނޭވެ! އަހަންނާއެކު އަހަރެންގެ ފަހަތުން އަންނާށެވެ." ލަޝްކަރުގެ އަމީރުގެ ދަޢުވަތަށް ލައްބައެކެވެ ދެންނެވުމުގައި އިސްނެންގެވި މުޖާހިދުންގެ ތެރޭގައި ތަޣުލަބުވަންހައާއި ނަމްރުވަންހައިގެ ޢީސާއީ ސަރުދާރުންވެސް ހިމެނިވަޑައިގެންނެވިއެވެ. މުސްލިމުންގެ މުޖާހިދުން އެބައިމީހުންގެ ހިތްވަރުފުޅުގަދަ ޤާއިދުގެ ފަހަތްޕުޅުން ދުޝްމިނުންގެ ސަފުތައް ބުރިބުރިކުރަމުން މީހުންތައް ފައިދަށުލަމުން ވިއްސިވިހާލިކުރަމުން ކުރިޔަށްގޮސް އީރާނީ ލަޝްކަރުގެ މެދުތެރެޔަށް ވަދެގަތެވެ. ބަކުރު ބިން ވާއިލުވަންހައިގެ މުޖާހިދުންނަށް މަގުދައްކަވަމުން ވަޑައިގެންނެވީ مثــنّـى ގެ އެންމެ ހަގު ކޮއްކޯފުޅު مسعود އެވެ. مسعود ދުޝްމިނުންގެ ސަފުތައް ފަޅުއްވަމުން މާދުރަށް ވަޑައިގެންފިއެވެ. ޒަޚަމުވެވަޑައިގެންނެވުމުގެ ސަބަބުން ހާލުކޮޅެއް ނެތިފައި އޮންނަވަނިކޮށް މުޖާހިދަކު އޭނާގެ އަސްމައްޗަށް އެކަލޭގެފާނު ލައްވައިގެން ވަޑައިގަންނަވާން ފެއްޓެވުމުން މުޖާހިދުންގެ ބައެއް އެކަލޭގެފާނުގެ ވަށައިގެން ކޮށިހައްދަވައި ހިސާރެއް ޤާއިމުކުރައްވައިފިއެވެ. مسعود އޮންނެވީ ނޭވާފުޅު ހޮޅިޔަށް އެޅިވަޑައިގެންފައިވާ ހާލުކޮޅުގައެވެ. އެހާލުކޮޅުގައި އޮންނަވައިގެންވެސް އެކަލޭގެފާނު ގޮވައިލެއްވިއެވެ.

"ބަކުރުގެ ދަރީންނޭވެ! ތިޔަބައިމީހުންގެ ދިދަ މައްޗަށް އުފުލާށެވެ! މާތް اللّـه ތިޔަބައިމީހުން މަތިވެރި ކުރައްވާނެއެވެ."

ލަޝްކަރުގެ އަމީރަށް އެކަލޭގެފާނުގެ ހިތްވަރުފުޅު ކޮއްކޯފުޅު މަރާ ބަޣަލްގީރު ކުރައްވާ މަންޒަރު ފެނިވަޑައިގެންނެވުމުން إنّـاللّـه وإنّـا إليـه راجـعون އެވެ ވިދާޅުވިއެވެ. ހަމަ އެނޭވާފުޅުގައި ބާރު އަޑުފުޅުން ގޮވައިލެއްވިއެވެ. "މުޖާހިދުންނޭވެ! ކުރިއަށް އަރާށެވެ. މާތް اللّـه ގެ ނަޞްރު ތިޔަބައިމީހުނަށް އެބަ އިންތިޒާރު ކުރެއެވެ. ތިޔަބައިމީހުންގެ މަގު ބަލަމުން އެބަގެންދެއެވެ." އެކަލޭގެފާނު އައު ހިތްވަރުފުޅަކާއެކު ދުޝްމިނުންގެ ލަޝްކަރުގެ މެދުތެރެ ފަޅުއްވަމުން ލަޝްކަރުގެ ފަހަތަށް ވަޑައިގެންފިއެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ގެ އަރިހުގައި އައި ސަވާރެއް مثــنّـى ގެ އަރިހަށް ޖެހިލައިފައި ގޮވައިލިއެވެ. "އަޅުގަނޑުމެންނަށް ލަޝްކަރާ މާދުރަށް އާދެވިއްޖެއެވެ. ދުޝްމިނުންގެ ކަނާތްފަރާތާއި ވާތްފަރާތުގެ ސަވާރުން އަޅުގަނޑުމެން ވަށައިލައި އަޅުގަނޑުމެންނާއި ލަޝްކަރާ ގުޅުން ކަނޑުވައިލަން އެބަ މަސައްކަތް ކުރެއެވެ. އަޅުގަނޑުމެން އިތުރަށް ކުރިޔަށް އެރުމުގެ ބަދަލުގައި ފަހަތަށް ޖެހިލައި އަޅުގަނޑުމެންގެ ދިދަ ޙިމާޔަތް ކުރަމާތޯއެވެ؟"

"ނޫނެކެވެ." އެ ޢަޒުމާއި ހިތްވަރުފުޅާއި ޔަޤީންކަމުގެ މުޖައްސިމު ޖަވާބު ދެއްވިއެވެ. "އަހަރެންގެ ކަމަކީ ދިދަ ކުރިޔަށް ގެންދިޔުމެވެ." މުސްލިމުން ޙަމަލަޔަކަށްފަހު ޙަމަލައެއްދީ ދުޝްމިނުންގެ ފަހަތު ސަފުތައް ބުރިބުރިކޮށް ވިއްސިވިހާލިކޮށްލިއެވެ. مثــنّـى ގެ އަމުރުފުޅަށް މުސްލިމުންގެ ގެމައެއް އީރާނީންނާ ވަރުގަދަޔަކަށް ޙަމަލަދީ ކޯރާ ދިމާޔަށް ދާން މަގުހަދައިގެންގޮސް ބޮއްކުރާތަކުގެ ފާލަން ހަލާކުކޮށްލައިފިއެވެ. މެހެރާނުގެ ފާރަވެރީންގެ ގެމަ ވަނީ މުސްލިމުން ޙަމަލައިގެ ސަބަބުން ކަނާތްފަރާތަށް ކެވި އަރައިފައެވެ. ނަމަވެސް އެހައިތަނަށް އައިއިރު އެބައިމީހުންވަނީ ދެފަރާތުގެ އަރިމަތީގެ އެހީތެރިކަމާއެކު މެދުތެރޭގެ ހުސްތަން ފުރައިފައެވެ. އެކަމަކު ފާލަން ހަލާކުވުމުން އެބައިމީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދުނުވަރުން مثــنّـى ގެ އަރިހުގައި ތިއްބެވި މުޖާހިދުން އެމީހުނާ ކުރިމަތިލައްވައި ޙަމަލަ ދެއްވުމާއެކު އަނެއްކާވެސް ވިއްސިވިހާލިވާން ފަށައިފިއެވެ. އަނެއްކޮޅުން އިސްލާމީ ލަޝްކަރުގެ ދެންހުރި ގެމަތައްވެސް ދުޝްމިނުންނާ ވަރުގަދަ ޙަމަލައެއްދީ ދުޝްމިނުންގެ މުޅަމަސްތައް ފުނިޖަހަމުން އައިސް مثــنّـى ގެ ޠޫފާނީ ގެމަތަކާ ގުޅިއްޖެއެވެ. ހަމައެއާއެކު ނަމްރުވަންހައާއި ތަޣުލަބުވަންހައިގެ ވޮލަންޓިއަރުން މެހެރާނުގެ ފާރަވެރީންގެ ގެމައަށް ޙަމަލަދީފިއެވެ. މެހެރާނުގެ ފާރަވެރީން ކަނާތްފަރާތަށް ކެވިގެންދާން ފަށައިފިއެވެ.

ހަނގުރާމައިގެ މައިދާނުގައިވަނީ ވަރުގަދަޔަކަށް ހުޅުފަޅައިގެންގޮސްފައެވެ. ވެއްޔާއި ހިރަފުހުގެ ތެރޭގައި ދެފަރާތުގެ ލަޝްކަރަށްވެސް ދުޝްމިނުންނާއި ރަޙްމަތްތެރީން ވަކިކުރަން އުނދަގުލެވެ. އިސްލާމީ ލަޝްކަރުގައި ހިމެނޭ ޢީސާއީ ޒުވާނެއްގެ މާރެސް މެހެރާން ހޯދާތާ ވަރަށް ގިނައިރުވެއްޖެއެވެ. އޭނާ އަސްމަތީން ފުންމައިލައިފައި ބަސްބުނާހައި އިރުކޮޅެއްގެ ތެރޭގައި މެހެރާނުގެ ކުރިފުޅުމައްޗަށް ޖެހިގެންފިއެވެ. އޭނާ ކުޑަހިނދުކޮޅެއްގެ ތެރޭގައި އޭނާގެ ލޮންސީން މެހެރާނަށް ޙަމަލަދީފިއެވެ. މެހެރާން ޤަތުލުވެގެން ވެއްޓި ވެއްޔާއި ހިރަފުހާ މޮޑެވިއްޖެއެވެ. އެޒުވާނާ މެހެރާނުގެ އަހަށް ސަވާރުވެއްޖެއެވެ.

"ނިކަން އަހަންނާ ދިމާޔަށް ބަލައިބަލާށެވެ!" އޭނާ ފުމެފުމެފައި ގޮވާން ފަށައިފިއެވެ. "އަހަންނަކީ އީރާނުގެ ސިފައިންގެ އިސްވެރިޔާ ޤަތުލުކުރި ޒުވާނާއެވެ. ތަޣުލަބުވަންހައިގެ ޒުވާނާއެވެ."

މިހާރު ބުވައިބުގެ ހަނގުރާމަވަނީ އައު މަރުޙަލާއަކަށް ވަދެފައެވެ. އީރާނުގެ ކޮމާންޑަރު ވަނީ ޤަތުލުވެފައެވެ. އީރާނީން ހަނގުރާމަފެށީ ފާހަގަކުރުން އެކަށީގެންވާފަދަ ގެއްލުމަކާ ކުރިމަތިލާން ނުޖެހި މުސްލިމުންގެ މަދުމީސްކޮޅު ފިސްފިސްކޮށްލެވިދާނެކަމުގެ ޔަޤީންކަމުގައެވެ. ނަމަވެސް މިހާރު ފަތަޙަ ހޯދުމުގެ ފިކުރަށްވުރެ އެބައިމީހުންގެ ތެރޭގައި ބޮޑަށް އޮތީ ފުރާނަ ސަލާމަތްކުރުމުގެ ވިސްނުމެވެ. އެބައިމީހުން އެއްތަންވެފައި ސަފުތައް ހެދޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް މުސްލިމުން މެދުކެނޑުމެއްނެތި ދޭ ޙަމަލަތަކުގެ ސަބަބުން އަނެއްކާވެސް ރޫޅި ބައިބައިވެދެއެވެ. އެބައިމީހުން ދުރަށް ފެތުރިލައިގެން މުސްލިމުން ވަށައިލެވޭތޯވެސް މަސައްކަތް ކުރެއެވެ. ނަމަވެސް މުސްލިމުންގެ ވަރުގަދަ ޙަމަލަތަކަށް ކެތްނުކުރެވިގެން އަނެއްކާވެސް ހާވިޔާވެދެއެވެ. މާޔޫސްކަމާއި ހިތްވަރު އެލުމާއި ތިމާމެންގެ ލަޝްކަރާ ވަކިވެދާނެކަމުގެ ބިރު އެބައިމީހުންނަށް ފަހަތަށްޖެހޭން މަޖުބޫރު ކުރުވައިފަތެވެ.

އިރުއޮއްސޭން ކައިރިވިއިރު ބުވައިބުގެ މައިދާން ފުރިފައިއޮތީ ޤަތުލުވެފައިތިބި މީހުންގެ ހަށިތަކުންނެވެ. އީރާނީ ލަޝްކަރު ނިޒާމީ ލަޝްކަރެއްގެ ސިފަގެއްލި ބައިގަނޑެއްގެ ސޫރަ އިޚްތިޔާރުކުރުމަށްފަހު ވަނީ ކޯޅިކޯޅިޔަށް ބައިބައިވެފައެވެ. ކޮންމެބަޔަކުވެސް މަސައްކަތްކުރަމުން ގެންދިޔައީ އަނެއްބަޔަކު އައްޑަނަތަކަކަށް ހެދޭތޯއެވެ. އެއްބަޔަކު ވިއްސިވިހާލިވެގެންދާއިރު އެބައެއްގެ ރޮއި ހަޅޭއްލެވުމުގެ އަޑު އިވެމުން އެތައް ކޯޅިވަރެއްގެ މީހުން ފިލަން ދުވަމުންދެއެވެ. އޭގެތެރެއިން އެއްބަޔަކު ފަރުދީގޮތުން ހަނގުރާމަކުރަމުން ދިޔައިރު ކޮންމެ ފިޔަވަޅެއްވެސް އެޅެނީ އިޖްތިމާޢީ ހަލާކާ ދިމާޔަށެވެ.

އިރުއޮއްސޭން ކައިރިވުމުން އީރާނީ ލަޝްކަރުގެ ބައެއް ގެމަތައް ކޯރުގެ އައްސޭރީގައި ފައިތިލަ ސާބިތުކުރެވޭތޯ ހިތްވަރުކުރިއެވެ. ރޭގަނޑުގެ އަނދިރިކަމުގެ ފައިދާ ހޯދައިގެން ފިލައިގެންދިޔުމުގެ ފުރުސަތު ލިބުމުގެ އުންމީދުގައެވެ. ނަމަވެސް مثــنّـى رضى اللّـه عنــه ގެ އެންމެފަހުގެ ޙަމަލައިގެ ވަރުގަދަކަމުން އީރާނީންގެ ތަރުތީބެއްނެތް ސަފުތަކުގައި އެތައް ރެނދުތަކެއް އުފެދިއްޖެއެވެ. ކޯރު ހުރަސްކުރެވޭތޯ ބެލުން ނޫން އެހެންގޮތެއް ނެތިގެން ކޯރަށް ފުމުނު މީހުނަށް އައްސޭރިޔާ ކައިރިން ކުރިމަތިލާންޖެހެނީ މުސްލިމުންގެ ދުނިތަކާއެކު ތަންކޮޅެއް ބޭރުން ފުރާތުކޯރުގެ ބާރު އޮއިވަރާއި ބިޔަ ރާޅުތަކާއެވެ. މުސްލިމުން ވެއްސަމުން ގެންދިޔަ ދުނީގެ ވާރޭގެ ސަބަބުން ކޯރަށް ފުންމައިލާން ނުކެރުނު މީހުން ކޯރުގެ އައްސޭރީން ކޮޅުކޮޅުމައްޗަށް ދުވަމުން ގެންދިޔައެވެ. ނަމަވެސް ޢަރަބި އަސްވާރުން އެތަކެއް މޭލުތަކަކަށް އެބައިމީހުން ފައްސަމުން ގެންދިޔައެވެ. ރޭގަނޑުގެ ކަނުއަނދިރިކަން ފިޔަދަމައިލުމާއެކު މުސްލިމު ސަވާރުން އެނބުރިއައީ ހަނގުރާމައިގެ ޤައިދީންގެ އެތައްބައެއްގެ އިތުރަށް ގިނަ އަދަދެއްގެ އަސްތަކާއި އެތްތައް ލަވަމުންނެވެ.

ވަރަށްބާރަށް އަސް ދުއްވައިފައި އައި އަސްވާރެއް مثــنّـى ގެ އަރިހަށް އަސް މަޑުކޮށްލުމަށްފަހު އަސްމަތީން ފުންމައިލައިފިއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑު ކަލޭގެފާނުގެ އަރިހަށް މިއައީ حسّان ފޮނުއްވި ޚަބަރަކާއިގެންނެވެ."

"އޭނާ ވަޑައިގެންވީ ކޮންތަނަކުހެއްޔެވެ؟" مثــنّـى ކަންބޮޑުވެވަޑައިގެންނެވުމާއެކު ސުވާލު ކުރެއްވިއެވެ.

"އޭނާ ދުޝްމިނުންގެ މުއަސްކަރުގެ ޚަބަރު ބައްލަވަން ކޯރުގެ އަނެއްފަރާތަށް ވަޑައިގެންފިއެވެ."

مثــنّـى ކޮންމެވެސް ވަރަކަށް ހިތްޕުޅު ހަމަޖެހިވަޑައިގެންނެވުމާއެކު ވިދާޅުވިއެވެ. "އަހަރެން މިހޯދަނީ އޭނާ ޒަޚަމީންގެ ތެރޭގައި އޮންނެވިތޯއެވެ. އޭނާ ކޯރު ހުރަސްކުރެއްވީ ކޮންއިރަކުހެއްޔެވެ؟"

ސަވާރު ޖަވާބު އެރުވިއެވެ. "އިރުއޮއްސުމުގެ އެއްގަޑިއިރުފަހުން އަޅުގަނޑުމެން އެނބުރި އަންނަމުން އައިސް މުއަސްކަރާ ދެކޯހެއްހައި ހިސާބަށް ކައިރިވިތަނާ ކުއްލިޔަކަށް އޭނާ ކޯރު ހުރަސްކުރައްވައި އަނެއްފަރާތަށް ވަޑައިގަންނަވާން ނިންމެވީއެވެ. އަޅުގަނޑު އޭނާގެ އަރިހުގައި ދާން އުޅުމުން ވިދާޅުވިއެވެ. މިކަމަށް ބޭނުންވަނީ ވަރަށްރަނގަޅު ފެތުންތެރިޔެކެވެ. އޭނާ އެހެން ވިދާޅުވެފައި އަސްމަތީން ފައިބައިވަޑައިގެން ކޯރަށް ފުންމައިލައްވައިފިއެވެ."

"އޭނާއަށް ކޯރުގެ އަނެއްފަރާތަށް އަރައިވަޑައިގެންނެވުނުކަން ޔަޤީންހެއްޔެވެ؟"

ސަވާރު ޖަވާބު އެރުވިއެވެ. "އޭނާއަކީ އެންމެ މޮޅު ފެތުންތެރީންގެ ތެރެއިން ގުނައިލެވޭ ބޭފުޅެކެވެ. އެހެންކަމުން ކޯރުގެ އެފަރާތުން ދުޝްމިނުންގެ އުނދަގޫތަކަކާ ކުރިމަތިލައްވަން ޖެހިވަޑައިނުގެންފިނަމަ އޭނާއާމެދު ކަންބޮޑުވާންޖެހޭ ސަބަބެއް ނެތެވެ. އަޅުގަނޑުމެން އެތައް ކޯހެއްގެ ދުރަށް ދުޝްމިނުން ފަހައި ދިޔައީމުއެވެ. އަޅުގަނޑުމެން ތިބީ ވަރަށް ވަރުބަލިވެފައެވެ. އެކަމަކު އޭނާ ވަރުބަލިފުޅުކަމުގެ ކަންފުޅެއްވެސް ނެތެވެ. އަޅުގަނޑުމެން ފަހަމުންގެންދިޔަ ދުޝްމިނުންގެ ޖަމާޢަތެއް ކުއްލިޔަކަށް އެނބުރިފައި އަޅުގަނޑުމެންނާ ޙަމަލަވެސް ދިނެވެ. އަޅުގަނޑުމެންގެ ތިން އެކުވެރީން ޝަހީދުކޮށްލައި ފަސް މުޖާހިދަކު ޒަޚަމްކޮށްލިއެވެ. އެހައިތަނުން އަޅުގަނޑުމެން އެބައިމީހުންގެ މައްޗަށް ބާރު ހިންގައިފީމުއެވެ. ކުއްލިޔަކަށް ގަސްތަކުގެ ތެރެއިން ނުކުތް އެތެއް ހޭރެމުން އަޅުގަނޑުމެންނާ ދިމާޔަށް އަންނާން ފަށައިފިއެވެ. އެސްފިޔަ ޖަހައިލާހައި ވަގުތުކޮޅެއްގެ ތެރޭގައި حسّان ފުންމައިވަޑައިގެން އަސްމައްޗަށް އަރައިވަޑައިގެން އޭނާގެ ލޮންސިކޮޅުން އެތައް ޙަމަލަ ދެއްވައިފިއެވެ. އޭނާގެ ލޮންސިކޮޅު އެތުގެ ހޮނޑަށް ހެރިއްޖެއެވެ. حسّان ގެ އަސް އެއްފަރާތަކަށް ކެވިގެން ވަރަށް ބާރަށް ދުވެފައި ހިނގައްޖެއެވެ. އެ އެތް حسّان ގެ އަހުގެ ފަހަތުން ދުއްވައިގަތެވެ. އެކަމަކު އެސޮރަކަށް އަސް އަތެއްނުވިއެވެ."

مثــنّـى ވިދާޅުވިއެވެ. "ތިޔަ ހުރިހައި ތަފްސީލުތަކެއް ކިޔައިދިނުމުގެ ބޭނުމެއްނެތެވެ. އަހަރެން حسّان ގެ ހިތްވަރުފުޅު ގަދަކަމާއި އޭނާގެ ހިންމަތްތެރިކަން މާރަނގަޅަށް ދަންނަމެވެ." مثــنّـى بــن حــارثـــة رضى اللّـه عنــه އެހެން ވިދާޅުވެފައި އެކަލޭގެފާނުގެ އަރިހަށް އައިސްތިބި އެހެންމީހުނާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ.

މުސްލިމް މުޖާހިދުން އެމަތިވެރި ފަތަޙައަށްފަހު ދުވާލުގެ ވަރުބަލިފުޅުކަމުގެ އިޙްސާސެއްވެސް ނެތެވެ. އެބޭކަލުން މަޝްޣޫލުވެވަޑައިގެންނެވީ ޝަހީދުންގެ ޖަނާޒާގެ ކަންތަކާއި ޒަޚަމީންގެ ގައިގައި ބޭސް އެޅުއްވުމާއިގެންނެވެ. މުސްލިމުން އީރާނުގެ ލަޝްކަރުގެ ޒަޚަމުވެފައިތިބި ސިފައިންވެސް އެއްތަނަކަށް އެއްކޮށް އެބައިމީހުންގެ ޒަޚަމުގައި ބޭސްއަޅައިދީ އެމީހުންނަށް ހޭހަންކުރިއެވެ. مثــنّـى بــن حــارثـــة އާއި معـنّـى بــن حــارثـــة (رضى اللّـه عنــهما) އެބޭކަލުންގެ ކޮއްކޯފުޅު مسعود ލަހުދުގައި ވެޑުއްވެވުމުން މުޖާހިދުންނަކަށް އެބޭކަލުންގެ ކަރުނަފޮދު ހިފަހައްޓައެއް ނުލެއްވުނެވެ. ލަހުދަށް ފަސްލަމުން ގެންދަނިކޮށް ޝައިބާންވަންހައިގެ މުޖާހިދެއް مثــنّـى ގެ ކޮނޑުފުޅުމަތީގައި އަތްޕުޅު ބާއްވަވައިފައި ވިދާޅުވިއެވެ. "ކަލޭގެފާނުގެ ކޮއްކޯފުޅަކީ ވަރަށް ހިތްވަރުފުޅުގަދަ އިންސާނެކެވެ. އަޅުގަނޑުމެން ކަލޭގެފާނުގެ ހިތާމަފުޅުގައި ބައިވެރިވަމުއެވެ."

مثــنّـى އެހެނިހެން ޝަހީދުންގެ ހަށިކޮޅުތަކަށް އިޝާރަތްކުރައްވައިފައި ވިދާޅުވިއެވެ. މިއީ ހައްތާވެސް އަޅުގަނޑުގެ އަޚުންނެވެ. މިހުރިހައި މުޖާހިދުންވެސް ޝަހީދުވެވަޑައިގެންނެވީ مسعود އެކޭ އެއްފަދައިން ހިތްވަރާއެކު ހަނގުރާމަކުރައްވައެވެ."

ޒުވާން މުޖާހިދެއް ވާހަކަ ދެއްކިއެވެ. "ޖިސްރުގެ ޝަހީދުންގެ ލޭފޮދު ބޭކާރުވެގެންނެއް ނުދިޔައެވެ. އެއިން ކޮންމެ މީހަކަށް އަޅުގަނޑުމެން އީރާނުގެ ދިހަމީހުން ޤަތުލުކޮށްފީމުއެވެ."

އެހެން ޒުވާނެއް ޖަވާބުދިނެވެ. "އަޅުގަނޑުގެ އަންދާޒާ ތިޔައަށްވުރެވެސް މައްޗެވެ. ހަނގުރާމަ ފެށުމާއެކު އަޅުގަނޑުމެން ފާލަމުގެ ފައްތިޔަ ކަނޑައިލިނަމަ ދުޝްމިނުން ޤަތުލުކުރަން އަޅުގަނޑުމެންނަށް އިތުރު އެތައް ގަޑިއިރެއް ލިބުނީހެވެ."

مثــنّـى ޖަވާބު ދެއްވިއެވެ. "ފާލަން ކަނޑައިލުމަކީ އަހަރެމެން މާބޮޑަށް ފަޚުރުވެރިވާފަދަ ކަމެއް ނޫނެވެ. އަހަރެމެން ދުޝްމިނުންނަށް ފިލައިގެންދާނެ ފުރުސަތު ދޭންޖެހެއެވެ. ފާލަން ކަނޑައިލުމުން ދުޝްމިނުންނަށް މައިދާނުގައި ތިބޭން މަޖްބޫރުވިއެވެ. އަހަރެމެން ހަނގުރާމަކުރަނީ އީރާނުގެ އާއްމުންނާ ދެކޮޅަކަށެއް ނޫނެވެ. މާތް اللّـه ގެ ބިން އަނިޔާވެރިކަމުން ފުރައިލައިފައިވާ ވެރީންނާ ދެކޮޅަށެވެ. ހަނދާންކުރާށެވެ. އީރާނުގައި ކިސްރާގެ ވެރިކަމުގެ ދިދަ އެކޮޅުކޮޅުން ޖަހައިލެވުމުން އިސްލާމީ ލަޝްކަރުގެ ކުރީސަފުތަކުން އީރާނީންވެސް ފެންނާނެއެވެ. ތިޔަބައިމީހުންނަށް އެކަމާ ފަޚުރުވެރިވެވޭނެއެވެ. މިއަދު ބުވައިބުގައި ތިޔަބައިމީހުން ތިޔަ ހޯދި ފަތަޙައާމެދު އީރާނީންގެ އަންނަނިވި ނަސްލުތައް ދެކޭނީ އެބައިމީހުންގެވެސް ފަތަޙަ ކަމުގައެވެ."

مثــنّـى އެކަލޭގެފާނުގެ އެކުވެރީންނާ ވާހަކަފުޅު ދައްކަވާން އިންނަވަނިކޮށް ކޯރުގެ އައްސޭރީގައި ފޯރިމަރާ އަސްވާރުންކުރެ އެކެއް ވަރަށްބާރަށް އަސްދުއްވައިފައި مثــنّـى ގެ އަރިހަށް އަތުވެއްޖެއެވެ. އޭނާ ދެންނެވިއެވެ. "އަމީރެވެ. حسّان ވަޑައިގެންފިއެވެ."

حسّان އިރުކޮޅެއްގެ ތެރޭގައި ހުންނެވީ ލަޝްކަރުގެ އަމީރުގެ ކުރިފުޅުމަތީގައެވެ. އޭނާ ވިދާޅުވިއެވެ. ދުޝްމިނުންގެ މުޢަސްކަރު ހުރީ ހުސްކޮށެވެ. ހީވާގޮތުން މައިދާނުން ފިލައިގެންދިޔަ މީހުން އެތާގައި މަޑުކުރާން ނުއުޅުނީއެވެ. މުޢަސްކަރުގެ ފާރަވެރީންވެސް އެބައިމީހުނާއެކު ފިލައިގެން ދިޔައީއެވެ. ފަޖުރުލުމުގެ ކުރީން އަޅުގަނޑުމެންނަށް ފާލަން މަރާމާތުކޮށްގެން ކޯރު ހުރަސްކުރެވިދާނެއެވެ."

مثــنّـى رضى اللّـه عنــه އުޑުމަތި ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. މިހާރު ހާރުކާވަގުތު ޖެހެންކައިރިވަނީއެވެ. އިރާދަކުރެއްވިއްޔާ އަހަރެމެން ރޯދަޔަށް ނިޔަތްގަނެގެން ކޯރު ހުރަސްކުރާން މަސައްކަތް ފަށާނީއެވެ."

+ + + + +

ބުވައިބު ހަނގުރާމައިގައި އީރާނަށް ލިބުނު ބޮޑު ލޮޚުސާނުގެ ނަތީޖާއެއްގެ ގޮތުން މުސްލިމުންނަކަށް އީރާނީންގެ އަވަސް ޙަމަލައެއްގެ ނުރައްކަލެއް ނެތެވެ. އެހެންކަމުން ރަމަޟާންމަހުގެ ތެރޭގައި މުސްލިމުން ހަރަކާތްތެރިވީ ފުރާތުކޯރާއި ދިޖުލާކޯރާ ދެމެދުގެ ސަރަޙައްދުގައެވެ. އީރާނުގެ ޗެކްޕޯސްޓުތަކަށް ޙަމަލަދިނުމާއި ޖިސްރު ހަނގުރާމައިގެ ނަތީޖާއެއްގެގޮތުން މުސްލިމުންގެ މުސްތަޤްބަލާމެދު މާޔޫސްވެފައިތިބި ޤަބީލާތަކުގެ އިތުބާރު އަލުން ހޯދުމުގެ މަސައްކަތުގައެވެ.

އެއްދުވަހެއްގެ ހެނދުނެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه އިންނެވީ އެކަލޭގެފާނުގެ ކާތިބު ލައްވައި ސިޓީފުޅުތަކަކާއި އަމުރުފުޅުތަކެއް ލިޔުއްވުމުގައި މަޝްޣޫލުވެވަޑައިގެންނެވެ. އެކަލޭގެފާނުގެ ކުރިފުޅުމަތީގައި ޗާޓުތަކެއް ނިއުޅައިލައްވައިފައި ހުއްޓެވެ.

حسّان އެފޭލިގެއަށް ވެދެވަޑައިގެންފިއެވެ. مثــنّـى އިޝާރަތްކޮށްލެއްވުމުން حسّان އެކަލޭގެފާނުގެ އަރިހުގައި އިށީދެވަޑައިގެންފިއެވެ. مثــنّـى އަވަސްއަވަހަށް ސިޓީފުޅުތައް ނިންމައިލެއްވުމަށްފަހު ޗާޓުތައް ފަށްޖައްސަވައިފިއެވެ. އެއަށްފަހު حسّان އާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ.

"حسّان އެވެ. މިއަދަކީ ރަމަޟާންމަހުގެ އެންމެފަހު ދުވަހެވެ. މީގެ ފަސްދުވަސްފަހުން އަޅުގަނޑުމެން މިތަނުން ދަތުރު ފަށާނަމުއެވެ. އަލްޖަޒީރާގެ އަހުލުވެރީންގެ ފަރާތުން އަޅުގަނޑަށްދަނީ ހިތްވަރު އާވާފަދަ މެސެޖުތަކެއް ލިބެމުންނެވެ. ބައެއް ޤަބީލާތަކުން ވަނީ އެބައިމީހުންގެ ސަރަޙައްދުން އީރާނީންގެ ބާރު ކަނޑުވައިލަން ފާޅުގައި އަޅުގަނޑުމެންނާ ބައިވެރިވާނެކަމަށް ވަޢުދުވެފައެވެ. އީރާނުމީހުން އަވަސް ފުރުސަތެއްގައި ޖަވާބީ ޙަމަލައެއް ދިނުމުގެ އެކަށޭނަކަމެއް ނެތެވެ. އީރާނުގެ ސިންގާ ބުވައިބުގެ މައިދާނުގައިވީ ޒަޚަމުގެ ފާރުހިކޭން ދުވަސްކޮޅެއް ހޭދަވާނެއެވެ. ނަމަވެސް އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ބުވައިބުގެ ހަނގުރާމައަކީ އީރާނާއި ޢަރަބީންނާ ދެމެދުގައި ހިނގާނެ ވަރުގަދަ ކުރިމަތިލުމެއްގެ މުޤައްދިމާއެކެވެ. އީރާނު މީހުން ދެން މައިދާނަށް ނުކުންނާނީ އިހުނަށްވުރެ މާވަރުގަދަޔަށް ތައްޔާރުވެގެންނެވެ. އެހެންކަމުން އަޅުގަނޑު އެދެނީ ކަލާ މަދާއިނަށް ވަޑައިގެން އެތާނގެ ތާޒާ އަދާހަމަ ޚަބަރުތައް ފޮނުއްވަމުން ގެންދެވުމެވެ."

އީރާނުގެ ޢަސްކަރީ ބާރު ގިއްގަޅުވައިލަން ދޭތީން އެކައްޗަށް ކުރާ ހަނގުރާމަޔަކަށް ގިނަ އަދަދެއްގެ ސިފައިން ބޭނުންވާ ވާހަކަ އަޅުގަނޑު أميـرالمؤمنـين عمـر الفاروق رضى اللّـه عنــه ގެ އަރިހުގައި ދަންނަވައިފީމެވެ. އަޅުގަނޑަށް ޔަޤީނެވެ. أميـرالمؤمنـين އަޅުގަނޑު މާޔޫސެއް ނުކުރައްވާނެއެވެ. ޝާމްކަރައިގައި މުސްލިމުން ހޯދައިފައިވާ މަތިވެރި ފަތަޙަޔަށްފަހު އަޅުގަނޑު އުންމީދުކުރަނީ ޝާމުގެ މައިދާނުންވެސް ޢިރާގު އީރާނުގެ މައިދާނަށް ކޮންމެވެސް އަދަދަކަށް ސިފައިން ބަދަލުކޮށްދެއްވައިފާނެ ކަމުގައެވެ. ޢިރާގުގެ ސަރަޙައްދާ ކައިރީގައި ދިރިއުޅޭ ޢަރަބި ޤަބީލާތައްވެސް މިހާރު މާބޮޑަށް ޖޯޝާއި ފޯރިޔާއެކު އަޅުގަނޑުމެންނާ ބައިވެރިވާނެއެވެ. މީގެފަހުން އެއްވެސް މައިދާނެއްގައި އަޅުގަނޑު ޖިސްރުގެ ހަނގުރާމަ ތަކުރާރުވިޔަކަ ނުދޭނަމެވެ. އަޅުގަނޑަށް އެންމެބޮޑަށް ބޭނުންވަނީ ދުޝްމިނުން މަދާއިނުން ދަތުރު ފަށާއިރު އެމީހުންގެ ސާފު އަދަދާއި ޢަސްކަރީ ވަސީލަތްތައް ހުރިވަރެއްގެ ފުރިހަމަ ތަފްސީލު ލިބުމެވެ. ޙާލަތު ނިޔާކުރާ ގޮތެއްގެމަތީން ކުރިޔަށް އޮންނަ ހަނގުރާމައިގެ ޗާޓުތައް ކުރަހައި މައުރިކާ ހިންގާނެގޮތް ރާވައިލުމަށްޓަކައެވެ.

ބުވައިބުގެ މައިދާނުގައި އީރާނުގެ ލަޝްކަރަށް ކުރިމަތިލާން ޖެހުނު ލަދުވެތި ނާކާމިޔާބީގެ ރައްދު ޢަމަލެއްގެ ގޮތުން އީރާނުގައި އިތުރު ހަމަނުޖެހުންތަކަކާއި ބައިބައިވުންތަކެއް އުފެދިއްޖެނަމަ އަޅުގަނޑުމެންނަށް ދާދިއަވަހަށް މަދާއިނުގެ ދޮރޯށީގައި ޓަކިދެވުމަކީ އެކަށީގެންވާ ކަމެކެވެ. އެކަމަކު އެބައިމީހުން އިތުރަށް އެއްބައިވެ އިންތިޒާމުވެގެން ޖަވާބީ ޙަމަލައެއް ދޭނަމަ އަޅުގަނޑުމެންނަށް އަނެއްކާވެސް ޖެހޭނީ ރައްކާތެރި ތަނެއްގައި ލަޝްކަރު ބަނޑަހަ ޖަހައިގެން އިތުރު އެހީއަށް އިންތިޒާރުކުރާށެވެ. އެހެންކަމުން މިރޭގެ އިރުއޮއްސުމާއެކު ކަލާ ދަތުރު ފައްޓަވާށެވެ. ދަތުރުފުޅުގެ ޚަރަދަށް އެކަށީގެންވާ އަދަދެއްގެ ފައިސާ ލިބިވަޑައިގަންނަވާނެއެވެ. އީރާނީ އޮފިސަރެއްގެ ހެދުންކޮޅަށްވުރެ މިފަހަރު މުނާސަބުވާނީ އާދައިގެ ސިފައިންގެ މީހެއްގެ ހެދުމެވެ.

حسّان އިރުކޮޅެއްގެފަހުން އޭނާގެ ފޭލިގެކޮޅަށް ވަޑައިގެން ކާއޫސުގެ ގާތުގައި ވިދާޅުވިއެވެ. "ކާއޫސެވެ. އަހަރެމެން މަދާއިނަށް ދާންވީ ވަގުތު އަތުވެއްޖެއެވެ."

(ނުނިމޭ)