(30 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަނެއްކާވެސް އެނބުރިވަޑައިގެން ލުއިކޮށްދެއްވުން އެދިވަޑައިގެންނެވިއެވެ. އެފަހަރު ފަހެއް އުނިކުރައްވައި ފަސް ނަމާދުކަމުގައި ހަމަޖައްސަވައިދެއްވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަނެއްކާވެސް مــــوســــى ގެފާނާ ހަމަޔަށް ވަޑައިގެންނެވުމުން مــــوســــى ގެފާނު ވިދާޅުވިއެވެ. ތިޔަވަރުވެސް ގިނައެވެ. އަދިވެސް ވަޑައިގެން އެދިވަޑައިގަންނަވާށެވެ.
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޖަވާބު ދެއްވިއެވެ. "ދެން އިތުރަށް ދަންނަވާކަށެއް ނުކެރޭނެއެވެ. އަޅުގަނޑު ލަދުގަނެއެވެ. މިހާރުވެސް އެތައްފަހަރަކު ދެންނެވިއްޖެއެވެ. މި ޢަދަދާ އަޅުގަނޑު ރުހެމެވެ. މިކަން މާތް اللّــــه ގެ ރުހިވޮޑިގެންނެވުމަށް ދޫކޮށްލަމެވެ." ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، مــــوســــى ގެފާނަށް އެ ޖަވާބު ދެއްވުމަށްފަހު އެނބުރި ވަޑައިގަންނަވާން ފެށްޓެވުމާއެކު ގޮވައިލާ މީހަކު ނިދާ އިއްވިއެވެ. "މާތް اللّــــه ވަޙީކުރެއްވިއެވެ. ތިމަން اللّــــه ގެ ފަރުޟުތައް ނާފިޒުކުރައްވައިފީމެވެ. ތިމަން اللّــــه އަޅުތަކުންނަށް ލުއިކުރައްވައިފީމެވެ. ތިމަން اللّــــه ހެޔޮ ޢަމަލުތަކަށް ދިހަގުނަ ސަވާބު ދެއްވަމެވެ."
އެހެން މުއްތަފަޤު ޢަލައިހި ރިވާޔަތެއްގެ ނިމޭކޮޅުގައިވެއެވެ. "މާތް اللّــــه ގެ ޙަޟުރަތުގައި ފަސް ނަމާދުގެ ދަރުމަޔާއި ސަވާބު ފަންސާސް ނަމާދާ އެއްވަރެވެ. އަރަހުށި މާތް اللّــــه އެކަލާނގެ ބަސްފުޅުތައް ބަދަލެއް ނުކުރައްވައެވެ."
އިސްވެދިޔަ ތާނގައި ބަޔާންކުރި މުއްތަފިޤު ޢަލައިހި ރިވާޔަތުގެ އިތުރަށްވެސް ވަރަށްގިނަ ރިވާޔަތްތަކެއްގައި މިޢުރާޖުގެ ވާހަކަ ވަނީ ބަޔާންވެފައެވެ. އެ ރިވާޔަތްތަކުގައިވާގޮތުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ސުވަރުގެއާއި ނަރަކަވެސް މުޝާހިދާ ކޮށްދެއްވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ނަރަކައިގެ ބަނޑޭރި مــالـك ގެފާނުވެސް ދެކެވަޑައިގެންނެވިއެވެ. مــالـك ގެފާނުގެ މޫނުފުޅުމަތީގައި ހިނިފުޅުވެޑުވުމެއް ނުވަތަ އުފާފުޅު ކުރެއްވުމުގެ ކުލައެއް ނެތެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ)
އެހެން ރިވާޔަތްތަކުގައިވާގޮތުން ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މިޢުރާޖުގެ ދަތުރުފުޅު ނިންމެވުމަށްފަހު جــبـــــريـــل عـلــيـــه السّــلام އެމާތް ސާހިބާއާއިގެން ވަޑައިގެންނެވީ المـسجــد الأقـصــى އަށެވެ. (بـيـت المـقــــدّس އަށެވެ.) އެތަނުން އަނެއްކާވެސް ބުރާޤުގައި ގެނެވުނީ المـسجــد الحـــــــرام އަށެވެ. އާދެ، مــكّــة مُـكَــــرّمــــة އަށެވެ. އެވަޑައިގެންނެވި މަގުމަތީގައި މައްކާގެ އަހްލުވެރީންގެ ވިޔަފާރި ޤާފިލާތައްވެސް ދެކެވަޑައިގެންނެވިއެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ވާހަކަ މައްކާގެ މީހުންނަށް ވިދާޅުވެދެއްވިއިރު އެ ޤާފިލާތަކުގެ ޚަބަރުވެސް ދެއްވިއެވެ. އިތުރު ރިވާޔަތްތަކަކުން އެނގޭގޮތުގައި އިސްރާއާއި މިޢުރާޖުގެ ހުރިހައި މަރްޙަލާތަކެއްގެ ތެރޭގައި އެއްގޮތަކަށްވެސް ވަގުތެއް ނުހިނގައެވެ. ބައެއް ރިވާޔަތްތަކުގައި ވާފަދައިން މާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެނބުރި ވަޑައިގެންނެވިއިރުވެސް އެމާތް ސާހިބާގެ ދާންމަތިކޮޅުގެ ހޫނުކަން ނުކެނޑި ހުރުމުގެ ސަބަބަކީ އެއީއެވެ. ކުޅަދުންވަންތަ މާތް اللّــــه سبحـــانــــه وتــعــــالــــى ވަނީ ކާއިނާތު އެގޮތުގައި ހިފަހައްޓަވައިފައެވެ. ނުވަތަ ވަގުތު ހިފަހައްޓަވައިފައިވަނީ ހަމައެކަނި ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށެވެ. އެހެނިހެން މީހުންނަށް ވަގުތު ދިޔައީ ހިނގަމުންނެވެ. ބައެއް ޢިލްމުވެރީން ވިދާޅުވާ ގޮތުގައި މުޅި ކާއިނާތަށްޓަކައިވެސް ވަގުތުވަނީ ހުއްޓައިލެއްވިފައެވެ. (واللّــــه أعـــلــــم)
މުޝްރިކުންގެ ރައްދު ޢަމަލު
ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ވާހަކަ މައްކާގެ އަހްލުވެރިންނަށް ވިދާޅުވެދެއްވިއެވެ. އެވާހަކަފުޅު ވިދާޅުވެދެއްވުމާއެކު މީސްތަކުން ރަކަރަކަލައިގަތެވެ. ވަރަށްބޮޑު ހަންގާމާއެއް އުފައްދައިލިއެވެ. ތެދުވެރި މުއުމިނުންކުރެވެސް އެއްބައެއްގެ ހިތްތައް ދެފުށުއެޅޭގޮތްވިއެވެ. މައްކާގެ މުޝްރިކުން ހޯބޯލަވައި އަތްތިލަބަޑި ތަޅާންފެށިއެވެ. އެބައިމީހުން ދުށީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ދެކޮޅަށް ޕްރޮޕެގެންޑާ ކުރާން ލިބުނު ފުރުޞަތެއް ކަމުގައެވެ. މުޝްރިކުން ކުރީއްސުރެ ޤަބޫލުކުރާގޮތުގައި ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ވަނީ ސިކުނޑިފުޅުގެ އާލާސްކަންފުޅެއް ކުރިމަތިވެފައެވެ. މުޝްރިކުން ދުށީ އިސްރާއާއި މިޢުރާޖުގެ ވާހަކަފުޅަކީ އެބައިމީހުންގެ ކުށްހީއަށް ލިބުނު ޔަޤީންކަމެއް ކަމުގައެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެވާހަކަފުޅު ދެއްކެވިއިރު އެތާނގައި ގިނައިންތިބީ އެމާތް ސާހިބާގެ ނުބުއްވަތަށް އިންކާރުކުރާ މީހުންނެވެ. އެހެންކަމުން އެމީހުން އިތުރު ސާހިބާގެ ކުރިފުޅުމައްޗަށް އިތުރު ސުވާލުތައް އޮއްސައިލިއެވެ. އިތުރު ސާހިބާ އިތުރަށް އިމްތިޙާނުކުރުމުގެ ގޮތުންނެވެ. އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ "އިތުރުފުޅު" އިތުރަށް ސާބިތުކުރުމަށްޓަކައެވެ" އެމީހުން ދެންނެވިއެވެ. المـسجــد الأقـصــى ގައި ހުންނަނީ ކިތައް ތަނބުކޮޅުތޯއެވެ؟ ކުޑަދޮރުކޮޅުތައް ހުންނަނީ ކޮންގޮތަކަށްތޯއެވެ؟ ތަޅުންކޮޅު އޮންނަނީ ކޮންގޮތަކަށްތޯއެވެ؟ މިފަދަ އެތައް ސުވާލުތަކެއް އޮއްސައިލިއެވެ.
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم، المـسجــد الأقـصــى އަށް ފައިންޕުޅު ބީއްސެވީ އެތާނގެ ތަނބުކޮޅުތައް ގުނުއްވާކަށެއް ނޫނެވެ. އެއްވެސް މީހަކު އެމީހަކު ދިޔަތަނަކާ ބެހޭގޮތުންވެސް އެފަދަ ސުވާލުތައް ހަނދާން ހުރުމަކީވެސް ވާނެކަމެއް ނޫނެވެ. އެމާތް ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވިދާޅުވެދެއްވައިފައިވެއެވެ. "އެފަދަ ސުވާލުތަކާހުރެ އަހުރެން ފިކުރު ބޮޑުވިއެވެ. މުޖްތަމަޢުގެ މީހުންތައް އަތްތިލަބަޑި ތަޅާންފެށުމަކީ ދާދިގާތުގައި އޮތްކަމެކެވެ." އަރަހުށި މާތް اللّــــه އެވަގުތު އެމާތް ސާހިބާގެ ކުރިފުޅުމައްޗަށް المـسجــد الأقـصــى ކަޝްފުކޮށްދެއްވިއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم، المـسجــد الأقـصــى އާ ދިމާޔަށް ސީދާ ބަލަހައްޓަވައިގެން ހުންނަވައިގެން މުޝްރިކުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ގެންދެވިއެވެ.
ޞަޙީޙު ބުޚާރީއާއި ޞަޙީޙު މުސްލިމާ ދެފޮތުގައި ރިވާވެފައިވެއެވެ. جـــابــــــر بـــن عـــبــــد اللّــــه رضــــــى اللّــــه عـــنـــــه ވިދާޅުވެފައިވެއެވެ. رســـول اللّــــه صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީސު ކުރައްވަނިކޮށް އަހަރެން އަޑުއެހީމެވެ.
"قـــــريـش ން އިސްރާއާއި މިޢުރާޖުގެ ހާދިސާ ދޮގުކުރާން ފެށުމުން އަހުރެން ހިޖްރުގެ ތެރެޔަށް ކޮޅަށް ތެދުވެއްޖައީމެވެ. (ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ފައިންޕުޅުން ހުންނަވާން ފެށްޓެވުމާއެކު) އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ހަމަވަގުތުން بـيـت المـقــــدّس އަހުރެންގެ ކުރިމަތީން ފާޅުކުރައްވައިފިއެވެ. އަހަރެން އެތަން ބަލަހައްޓައިގެންހުރެ قـــــريـش ންގެ ސުވާލުތަކަށް ޖަވާބުދޭން ފަށައިފީމެވެ."
އަރަހުށި މާތް اللّــــه ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އެކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި އާޔަތްތައް ދެއްކެވިއެވެ. ސުވަރުގެއާއި ނަރަކަވެސް އެމާތް ސާހިބާގެ ކުރިފުޅުމައްޗަށް ހުރަހެޅުއްވިއެވެ. އެހެންކަމުން المـسجــد الأقـصــى އާ ބެހޭގޮތުން قـــــريـش ންކުރި ހުރިހައި ސުވާލުތަކަކަށް ނުހަނު ފަސޭހަފުޅުކަމާއެކު ޖަވާބު ދެއްވިއެވެ.
صـــدّيـــق الأكــبــــــر ގެ ތަޞްދީޤުކުރެއްވުން
ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم މިވާހަކަފުޅު ދެއްކެވުމުން قـــــريـش ންގެ އެއްބަޔަކު އަވަސްއަވަހަށް ދުއްވައިގަތީ أبـــوبـــكـــر رضـــــى اللّــــه عــنـــــه ގެ ފައިވާންފުޅު ދެކޭށެވެ. އެބައިމީހުން ޔަޤީންކޮށްގެން ތިބީ އެކަލޭގެފާނުވެސް އެވާހަކަފުޅު ޤަބޫލުފުޅެއް ނުކުރައްވާނެ ކަމުގައެވެ. އެކަލޭގެފާނު އެކަން ޤަބޫލުނުކުރެއްވުމަކީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދަޢުވަތުގެ ބިންގާ ގުޑުވައިލެވޭނެ ކަމެއްކަމުގައެވެ. قـــــريـش ންގެ ކުރިމަތީން ހުރިހައި މުސީބާތެއް ފިލާނެ ކަމެއްކަމުގައެވެ. ރިވާޔަތުގައި އައިސްފައިވެއެވެ. أبـــوبـــكـــر ގެފާނަށް އެވާހަކަ އިވިވަޑައިގެންނެވުމާއެކު ހަށިކޮޅު ރޫރޫއެޅިއެވެ. ނަމަވެސް އެޚަބަރު ގެނައި މީހުނާ ކޮށްލެއްވީ އެންމެ ސުވާލެކެވެ. "އެކަލޭގެފާނު ތިޔަހެން ހަމަ އެބަވިދާޅުވޭހެއްޔެވެ؟" ޚަބަރު ގެނައިމީހުން އަތްތިލަބަޑި ތަޅައިގެންފައި ދެންނެވިއެވެ. "އާދޭހެވެ. އެބަވިދާޅުވެއެވެ. އަޅުގަނޑުމެން މިއައީ ކަލޭގެފާނު ބަލައެވެ. ކަލޭގެފާނުގެ އަމިއްލަފުޅު ކަންފަތްޕުޅުން އެވާހަކަފުޅު އަޑުއެއްސެވުމަށްޓަކައެވެ." އެބައިމީހުން ހީކުރީ އެބައިމީހުންގެ މަޤްޞަދު ޙާޞިލުވެއްޖެ ކަމުގައެވެ. أبـــوبـــكـــر ގެފާނުގެ ޔަޤީންފުޅުކަމަށް ގުޑުންއަރުވައިލެވިއްޖެ ކަމުގައެވެ. ނަމަވެސް أبـــوبـــكـــر رضـــــى اللّــــه عــنـــــه ހިނދުކޮޅަކަށްވެސް މަޑުކޮށްނުލައްވައި ވިދާޅުވެއްޖެއެވެ. "ޝައްކެއްނެތެވެ. އެކަލޭގެފާނު ތިޔަހެން ވިދާޅުވާކަމުގައިވާނަމަ އެވާހަކަފުޅުވާނީ ސައްތައިން ސައްތަ ތެދުފުޅަކަށެވެ. އަހަރެން އެކަން ޤަބޫލުކުރަމެވެ. މާތް اللّــــه ގެ މަލާއިކަތުން ކޮންމެ ދުވަހަކުވެސް އުޑުތަކުން އެކަލޭގެފާނުގެ އަރިހަށް ވަޑައިގަންނަވައެވެ. އެހެންވީއިރު އެއްފަހަރަކު އެކަލާނގެ ޙަޟުރަތަށް އެކަލޭގެފާނު ގެންދެވުމަކީ ބަޔަކު ޙައިރާންވާންވީކަމެއް ނޫނެވެ. އަހަރެން އެވާހަކަފުޅު ތަޞްދީޤުކުރަމެވެ."
އިސްރާއާއި މިޢުރާޖުގެ ކުރީން އެކަލޭގެފާނަށް ވަނީ الـصّـــدّيـــق ގެ ލަޤަބު ލިބިވަޑައިގެންފައެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ ނަބީކަމުގެ ދަޢުވަތު ދެއްވުމާއެކު أبـــوبـــكـــر ގެފާނު ވަގުތުން ޤަބޫލުކުރެއްވުމާ ވިދިގެންނެވެ. އެފަހަރު އެމަތިވެރި ލަޤަބުފުޅު ލިބިވަޑައިގެންނެވީ رَبُّ الْــعـُــلَـــــى ގެ ޙަޟްރަތުންނެވެ. އިސްރާއާއި މިޢުރާޖު ތަޞްދީޤު ކުރެއްވުމުން ނަބަވީ ދަރުބާރުން ވަނީ އެމަތިވެރި ލަޤަބުފުޅަށް ބައެއް އިތުރުކޮށްދެއްވައިފައެވެ. އެއީ الأكـبــــــر އެވެ. އާދެ أبـــوبـــكـــر رضـــــى اللّــــه عــنـــــه އަކީ الـصّـــدّيـــق الأكـبــــــر އެވެ. (ރަސޫލެ އަކްރަމް صــلّـــــى اللّــــه عــلـيــــه وســلّـــــم އައުރެހަމް: ޑޮކްޓަރ އަސްރާރު އަޙްމަދު)
އިސްރާއާއި މިޢުރާޒުގެ ޙިކުމަތްތައް
ޝައްކެއްނެތެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް އިސްރާއާއި މިޢުރާޖުގެ ޝަރަފު ދެއްވުމުގެ ސަބަބުތަކާއި ޙިކުމަތްތަކާމެދު ބަހުސުކުރުމުގެ ޙަޤީޤީ މަޤާމަކީ ޝަރީޢަތުގެ އަސްރާރުތަކާމެދު ބަހުސުކުރާ ފޮތްތަކެވެ. ނަމަވެސް އެ މުބާރިކު ދަތުރުފުޅުގެ މަންބަޢުން ފޫދިގެން ނަބަވީ ސީރަތުގެ ގުލްޝަން އާރޯކޮށްދޭ ބޮޑެތިބޮޑެތި ބައެއް ޙިކުމަތްތައް މިތާނގައި ބަޔާންކޮށްލުމަކީވެސް މުނާސަބު ކަމެއްކަން ކަށަވަރެވެ.
ކީރިތި ޤުރްއާނަށް ނަޒަރު ހިންގައިލާއިރު ســـــورة ألإســـــراء ގައި އިސްރާގެ ހާދިސާއަށް އަލިއަޅުއްވައިލައްވައިފައި ވަނީ އެންމެ އާޔަތެއްގައެވެ. ދެން ވަޙީ ބަސްފުޅުތަކުގައި ބަޔާންކުރައްވައިފައި ވަނީ ޔަހޫދީންގެ ނުބައިކަމާއި ނުލަފާކަމުގެ ވާހަކަތަކެވެ. ދެން އެއުރެންނަށް އަންގަވަނީ قــــــرآن އަކީ ތެދުމަގު ދައްކާ ފޮތެއްކަމެވެ. އެންމެ ސީދާ މަގަށް މަގުދައްކާ ފޮތްކަމެވެ. ކީރިތި قــــــرآن ގެ ޢާންމު ކިޔުންތެރިޔެއްގެ ހިތުގައި މިކަމާމެދު ސުވާލު އުފެދުން އެކަށީގެންވެއެވެ. މިއީ ގުޅުމެއްނެތް ވާހަކަފުޅުތަކެކޭ ހީވުން އެކަށީގެންވެއެވެ. ނަމަވެސް ދަންނަވަންތޯއެވެ. އަރަހުށި މާތް اللّــــه سبحـــانــــه وتــعــــالــــى ޚާއްޞަ އުސްލޫބަކުން އެ ބަޔާންކޮށްދެއްވީ އިންސާނީ ނައުއަށް މަގުދެއްކުމުގެ ޤިޔާދަތުން ޔަހޫދީން ވަކިކުރެއްވުމުގެ ވަގުތު އަތުވެއްޖެކަމެވެ. އެހެނީ ޔަހޫދީން ވަނީ އެފަދަ ކުށްފާފަތަކެއްގައި މެކިފައިވާ ބަޔަކު އިންސާނީ ޤިޔާދަތުގެ މަޤާމުގައި ތިބުމުގެ އެކަށޭނަކަމެއް ނޯންނަފަދަ ކުށްފާފަތަކަށް ފާޅުގައި އަރައިގެންފައެވެ. އެހެންކަމުން ދެން އެމަޤާމު ޙަވާލުކުރައްވާނީ ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އާ ކަމެވެ. އިބްރާހީމީ ދަޢުވަތުގެ ދެމަރުކަޒު އެމާތް ސާހިބާގެ ޤިޔާދަތުގެ ދަށަށް ބަދަލުކުރައްވާނެކަމެވެ. އާދެ، އިންސާނިއްޔަތުގެ ރޫޙާނީ އިސްވާރުކަން އެއް އުންމަތަކުން އަނެއް އުންމަތަކަށް ބަދަލުކުރެއްވުމުގެ ވަގުތު އަތުވެއްޖެކަމެވެ. އެ އުންމަތެއްގެ ތާރީޚު ޣަދަރުވެރިކަމާއި ޚިޔާނަތާއި އަނިޔާވެރިކަމާއި ފާފަވެރިކަމުން ފުރައިލެވި މުޑުދާރުވެފައިވާ ޤައުމުން އިންސާނީ ޤިޔާދަތު އަތުލައްވައި އެހެން އުންމަތަކާ ޙަވާލުކުރައްވާނެ ކަމެވެ. އެ އުންމަތަކީ އެ އުންމަތެއްގެ ތެރޭގައި ހެޔޮކަމާއި ޞާލިޙު ޢަމަލުތަކުގެ ފެންއާރުތައް އުތުރި އަރަމުންދާ އުންމަތެވެ. އެ އުންމަތުގެ ނަބިއްޔާއަކީ އެންމެ ސީދާ، އެންމެ ހެޔޮކަންބޮޑުމަގަށް މަގުދައްކާ ކީރިތި ޤުރްއާނުގެ ވަޙީގެ މަގުދެއްކެވުން ލިބިވަޑައިގަންނަވަމުންދާ ރަސޫލާކަމެވެ.
އެކަމަކު އެ އަފޫރުއްބަ ނިމުތު ދެއްވިއިރު އިންސާނީ ނައުޢުގެ ޤިޔާދަތާ ޙަވާލުކުރައްވާނެކަމުގެ ބަޝާރަތު ދެއްވާ އުންމަތުގެ ޙާލުހުރީ ކޮންގޮތަކަށްތޯއެވެ. އެ އުންމަތުގެ މާތް ރަސޫލާ ގެންދެވީ މައްކާގެ ހިލަ ފަރުބަދަތަކުގެ ތެރޭގައި ގަނަތެޅިވަޑައިގަންނަވަމުންނެވެ. މީސްތަކުންގެ އިހާނެތިކަން ބަރުދާސްތު ކުރައްވަމުންނެވެ. މިކަމާ ގުޅިފައިވާ އަނެއް ޙަޤީޤަތަކީ އިސްލާމީ ދަޢުވަތުގެ އެއް ދައުރެއް ނިމުމަކާ ކައިރިޔަށް އައިސްފައިވާކަމެވެ. މުޅީން އައު އެހެން ދައުރެއް ފެށޭން ކައިރިވެފައިވާކަމެވެ. އާ ދައުރުގެ އޮޔާއި ވައި ދައުރުވަމުންދާގޮތް ނިމެމުންދާ ދައުރާ މުޅީން ތަފާތުވާނެކަމެވެ. އެހެންކަމުން ވިދިގެންއައި ބައެއް އާޔަތްތަކުގައި ގެންދެވީ މުޝްރިކުންނަށް ޞަރީޙަ ބަސްފުޅުން އިންޒާރު ދެއްވަމުންނެވެ.
"އަދި ރަށެއް ހަލާކުކުރައްވާން ތިމަންރަސްކަލާނގެ އިރާދަކުރައްވައިފިނަމަ، އެރަށެއްގެ ތަނަވަސްކަމުގެ އަހްލުވެރީންނަށް ތިމަންރަސްކަލާނގެ (ކިޔަމަންގަތުމަށް) އަމުރު ކުރައްވަމެވެ. ދެން އެއުރެން އެރަށުގައި ފާސިދު ޢަމަލުކޮށް، ކިޔަމަންތެރިކަމުން ބޭރުވެގަނެތެވެ. ދެން ކޯފާގެ ބަސްފުޅު އެއުރެންގެ މައްޗަށް ޙައްޤު ވެދެއެވެ. ދެން ތިމަންރަސްކަލާނގެ އެރަށެއް މުޅީން ހަލާކު ކުރައްވައި ނެތިކުރައްވަމެވެ. نـــــوح ގެފާނަށްފަހު ކިތައްކިތައް ޖީލުގެ މީހުން ތިމަންރަސްކަލާނގެ ހަލާކު ކުރައްވައި، ނެތިކުރެއްވީންހެއްޔެވެ؟ އެކަލާނގެ އަޅުތަކުންގެ ފާފައިގެ ޚަބަރު، މޮޅަށް ދެނެވޮޑިގެންވާ (އަދި) މޮޅަށް ބައްލަވައި ވޮޑިގެންވާ ކަލަކު ކަމުގައިވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ ފުދެއެވެ." (ألإســـــراء: 16، 17)
މި އާޔަތްތަކާ މާދުރުނޫން އާޔަތްތަކެއްގައި މުސްލިމުންނަށް ވަނީ ތަމައްދުނީ ބައެއް އުސޫލުތަކާއި ގަވާއިދުތަކުގެ މަބްދަޢުތަކުގެ އިރްޝާދު ދެއްވައިފައެވެ. އެ ހަމަތަކެއްގެ ގިއުގަނޑުގައި މުސްތަޤްބަލުގައި އިސްލާމީ މުޖްތަމަޢެއް އާރާސްތުކުރެވޭނެ ގޮތުންނެވެ. މުސްލިމުންގެ މުޢާމަލާތައް އެބައިމީހުންގެ އިޚްތިޔާރާއި ބާރުގެ ދަށުގައި ބާއްވައިގެން ދިރިއުޅެވޭނެ ޓިކާނާއެއް ނުވަތަ ބިންކޮޅެއް ލިބުމުގެ ވަގުތު ކައިރިވަމުން އަންނަކަމުގެ ނިމުތު ދެއްވައިފައެވެ. އާދެ" އެ އާޔަތްތަކުގައި ވަނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ދާދި އަވަހަށް ޙިމާޔަތުގެ މަރުކަޒެއް ލިބިވަޑައިގަންނަވާނެކަމުގެ ހެޔޮ ޚަބަރު ދެއްވައިފައެވެ. އެމާތް ސާހިބާ އެ ދީނަކާއިގެން ފޮނުއްވި ދީނަށް އެތަނެއްގައި ސާބިތުކަމާއި ޤަރާރުކަން ލިބޭނެކަމުގެ އުންމީދީ ހެޔޮ ޚަބަރު ދެއްވައިފައެވެ.
މިޢުރާޖުގެ ހާދިސާ އިޢުލާނުކުރަނީ ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަކީ އެހެނިހެން ޤައުމީ ލީޑަރުންގެ ސަފުގައި ހިމެނިވަޑައިގަންނަވާ ޤައުމީ ލީޑަރެއް ނޫންކަމެވެ. އެހެނިހެން ޤައުމީ ލީޑަރުންގެ ޞަލާޙިއްޔަތާއި އެބޭފުޅުންގެ މަސައްކަތްޕުޅުގެ ދާއިރާއަކީ އެބޭފުޅެއްގެ ޤައުމެވެ. އެ މަސައްކަތްޕުޅުން ލާބަކުރަނީ ހަމައެކަނި އެބޭފުޅުންގެ ނަސްލަށާއި ޤައުމަށެވެ. އެ ޤައުމެއްގެ އެވަގުތެއްގެ އަހްލުވެރީންނަށާއި އެ މާހޫލަކަށެވެ. ނަމަވެސް ރަޙްމަތުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ ދާއިރާއަކީ މާތް اللّــــه ގެ ނުބުއްވަތުގެ ސިލްސިލާ ޚަތިމުކުރައްވާ ނަބީބޭކަލެއްގެ ދާއިރާއެވެ. އެމާތް ސާހިބާއަކީ ކާއިނާތުގެ ޚާލިޤު އުޑުން ފޮނުއްވާ މެސެޖު ބާވައިގަންނަވައި މުޅި އިންސާނީ ނަޢުއަށް ރައްދުކުރައްވާ ސާހިބާއެވެ. އެމާތް ސާހިބާއަކީ ތާރީޚާއި ޒަމާނާއި ކުލައާއި ނަސްލުގެ ތަފާތެއްނެތި ރައްދުކުރައްވާ ނަބީބޭކަލެކެވެ. އެ މެސެޖުގެ ޒަރީޢާއިން އިންސާނީ ކަރާމަތް އިތުރަށް ފުރިހަމަވެއެވެ. އިންސާނުންގެ ޙަޔާތް ބާއްޖަވެރިވެއެވެ. (الـــرّحــيـــق المـخــتـــــوم: مـــولانـــا صفـــيّ الــــرّحــمــــن މުބާރިކު ޕޫރީ، نـــبـــى رحـمت: مـــولانــا سيّــد أبـــوالحســن عــلــــى نــــدوى)
އާދެ، މިއީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ވާހަކައެވެ. އަރަހުށި މާތް اللّــــه އެ ދަތުރުފުޅެއްގެ ޒަރީޢާއިން އެކަލާނގެ އަޅާ އަދި ރަސޫލާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ســـدرة المـنــتــهـــى އާ ހަމަޔަށް ހަތް އުޑުގައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް ދެއްކެވި ދަތުރުފުޅުގެ ވާހަކައެވެ.
اَقُـــولُ قَـــولِــــى هَـــذَا وَاَسْـتَـــغُـــفِـــــرُ اللَّــــهَ لِــــى وَلَــكُـــمْ وَلِـسَــائِــــرِ المُـسْــلِــمِــيْـــنَ وَالْــمُسْـلِــمَــاتِ
(ނުނިމޭ
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް