(5 ނޮވެމްބަރުގެ އަދަދާ ގުޅޭ)
ޔަޘްރިބުގެ ވަފުދު އެނބުރި ރަށަށް ދިޔައީ އެވަފުދުގެ މުރާދު ހާސިލު ނުވެއެވެ. ހުސްއަތާއެވެ. إيــــاس بـــن مـعـــــاذ رضــــــى اللّــــه عــــنـــــه ފިޔަވައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވީ އީމާންކަމުގެ އަގުބޮޑު ނިޢުމަތުން އެކަލޭގެފާނުގެ ދާވަނިކޮޅު ފުރައިލައްވައިގެންނެވެ. ނަމަވެސް އެކަލޭގެފާނު މައްކާއިން އެނބުރި ޔަޘްރިބަށް ވަޑައިގެންނެވިތާނ މާކަގިނަ ދުވަސްތަކެއް ނުވަނީސް އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވި ވަގުތުވަނީ އަރަހުށި މާތް اللّــــه ގެ ޙަޟްރަތަށް ޙަމްދާއި ޘަނާ ވިދާޅުވެފައެވެ. އަސްތަޣުފާރު ކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން ވަނީ ކަށަވަރުވެ ބަޔާންވެފައެވެ. إيــــاس އަވަހާރަވިތާނ މާގިނަދުވަސްތަކެއް ނުވަނީސް ބުޢާޘް ހަނގުރާމަ ފެށިއްޖެއެވެ. އެހަނގުރާމައިގައި ދެފަރާތަށްމެވަނީ ވަރަށްވެސް ބޮޑެތި ޖާނީ އަދި މާލީ ގެއްލުންތަކެއް ލިބިފައެވެ. އެހަނގުރާމައިގައިވެސް ބަލިވީ أوس ވަންހައެވެ. خـــــزرج ވަންހަޔަށްވުރެ أوس ވަންހައިގެ ބައިމަދުވުމުގެ ސަބަބުންނެވެ.
ބުޢާޘު ހަނގުރާމައިން އިސްލާމީ ތަޙުރީކަށް ފޯރި އަސަރު
އިސްލާމީ ތަޙުރީކުގެ ނަޒަރުން ވިސްނާއިރު ބުޢާޘު ހަނގުރާމައަކީ ޢާންމުގޮތެއްގައި މުއައްރިޚުން އެ ހަނގުރާމަޔަށް ދެއްވާ އަހަންމިއްޔަތަށްވުރެ މާބޮޑު އަހަންމިއްޔަތެއް ދޭންޖެހޭ ހަނގުރާމައެކެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ބުޢާޘު ހަނގުރާމަ ހިނގީ أوس ވަންހައާއި خـــــزرج ވަންހަޔާ ދެމެދުގައެވެ. ޔަހޫދީންގެ ތެރެއިންވެސް އެ ދެވަންހައިގެ ޙަލީފުން އެހަނގުރާމައިގައި ބައިވެރިވިއެވެ. ނަމަވެސް ހަނގުރާމައިން ލިބުނު ގެއްލުމާއި ހަލާކުގައި ޔަހޫދީންގެ ހިއްސާ ވަރަށް ކުޑައެވެ. އެހަނގުރާމައިގައި އޮހޮރިގެންދިޔަ ލޭގެ ގިނަކަމާއި، ލިބުނު ބޮޑެތި މާލީ ގެއްލުމުގެ ސަބަބުން أوس ވަންހައާއި خـــــزرج ވަންހަ ވަނީ މުޅީން ލޮޑުވެފައެވެ. ވާޅުވެފައެވެ. ޢަސްކަރީގޮތުންނާއި ސިޔާސީގޮތުންނާއި އިޤުތިޞާދީގޮތުން ވަނީ މުޅީން އިނދަޖެހިފައެވެ. ހަސްނެތިފައެވެ. އެ ދެވަންހަ ބަލިކަށިވިވަރުން އެބައިމީހުންގެ ކިބަޔަކު ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކާ ކުރިމަތިލެވޭފަދަ އުރަތްޕެއް ބާކީއެއް ނެތެވެ.
ޔަހޫދީންގެ އަންދުވަހު އާދައިގެމަތީން ބުޢާޘު ހަނގުރާމައިގައިވެސް ޔަހޫދީން ކުޅެފައިވަނީ އިންތިހާދަރަޖައިގެ މަކަރުވެރި ބަޔެކެވެ. މުނާފިޤު ދައުރެކެވެ. އެހެންކަމުން أوس ވަންހައާއި خـــــزرج ވަންހައަށް ވަނީ ޔަހޫދީންނަކީ އެ ދެވަންހައިގެވެސް ދުޝްމިނުންކަން އިހުނަށްވުރެވެސް ބޮޑަށް ކަށަވަރުވެފައެވެ. ޔަހޫދީންނަކީ އެބައިމީހުންނަށް ކުރިމަތިވެފައިވާ މުސްތަޤިއްލު ނުރައްކަލެއްކަން ޔަގީންވެފައެވެ. އެ ދެވަންހަވެސް ވަނީ އެކަމާ ނުހަނު ފިކުރުބޮޑުވެފައެވެ. ނަމަވެސް އެދެވަންހައިގެ މީހުންނަކަށްވެސް ޔަހޫދީންގެ ނުރައްކަލުން ސަލާމަތްވެ، ޔަހޫދީންގެ މައްސަލަޔަށް ދާއިމީ ޙައްލެއް ހޯދޭނެގޮތެއް ވިސްނައެއް ނުގަނެވެއެވެ.
أوس ވަންހަޔާއި خـــــزرج ވަންހަޔަށް ސިޔާސީގޮތުން ލިބުނު ބަލިކަށިކަމާއި، އިޤުތިޞާދީގޮތުން އެދެވަންހަ އަނަރޫފަވެގެން ދިޔަލެއް ބޮޑުކަމުން އެބައިމީހުންގެ ހިތްތަކުގައިވަނީ ޔަހޫދީންގެ މަތިވެރިކަމާއި ތިމާމެންގެ ނިކަމެތިކަމުގެ އިޙުސާސް އުފެދިފައެވެ. ޔަހޫދީންގެ ދީނާމެދުވެސް ހިތުގައި ޤަދަރު އުފެދިފައެވެ. އެދީނަކީ ތިމާމެންގެ ދީނަށްވުރެ މަތިވެރި ދީނެއްކަމުގެ ވިސްނުން އަށަގެންފައެވެ. ޔަހޫދީން އެބައިމީހުންގެ އިލްހާމީފޮތް އޮޅުވައި ބަދަލުކުރި ފަދައިން އެބައިމީހުންގެ ދީނުގެ ރޫފަވެސް އޮތީ ހުތުރުކޮށްފައެވެ. އެހެންކަމާއެކުވެސް ބުދަށް އަޅުކަންކުރުމަށްވުރެ އެބައިމީހުންގެ ދީން ހާސްބައި ރަނގަޅެވެ. ޔަހޫދީން ދަޢުވާކުރާ ތައުޙީދަކީވެސް ޚާލިޞް ތައުޙީދެއް ނޫނެވެ. އެހެންކަމާއެކުވެސް އިސްވެދެންނެވި ފަދައިން ޝަރީކު ކުރުމާއި ބުދަށް އަޅުކަންކުރުމަށްވުރެ އެބައިމީހުންގެ އެ ތައުޙީދު ޙައްޤާ ގާތްކަން ބޮޑެވެ. އެހެންކަމުން أوس ވަންހަޔާއި خـــــزرج ވަންހައިގެ މީހުންގެ ހިތްތައްވަނީ ތައުޙީދުގެ ފަރާތަށް ލެނބޭން ފަށައިފައެވެ.
މައްކާއާއި މައްކާގެ ވަށައިގެންހުރި ތަންތާނގެ އަހުލުވެރީންނާ ނަބީބޭކަލުންނާ ސީދާ ގުޅުމެއްނެތި ވަނީ ވަރަށްގިނަ ދުވަސްތަކެއް މާޒީވެފައެވެ. އެހެންކަމުން ނަބީކަމާއި ވަޙީއާއި މިބާވަތުގެ އިޞްތިލާޙުތަކަށް އެމީހުން ވަރަށް ބީރައްޓެއްސެވެ. ލިޔެކިޔާން ނުދަތުމުގެ ސަބަބުން އެމީހުން ތިބީ ޖަހާލަތުގައިވެސް ރަތްރޮނގު ހުރަސްކޮށްފައެވެ. ޝަރީކު ކުރުމާއި ބުދުއަޅުކަމުގައިވެސް އެބައިމީހުން ވަނީ އިންތިހާޔަށް ތަޢައްޞުބު ބޮޑުވެފައެވެ.
ނަމަވެސް ކުރީންވެސް ދެންނެވިފަދައިން أوس ވަންހަޔާއި خـــــزرج ވަންހައިގެ މީހުންނަށް ވަނީ ޔަހޫދީންގެ ފަރާތުން އެ މަފުހޫމުތައް ތަޢާރުފުވެފައެވެ. ޔަހޫދީން ތައުރާތު ކިޔަވާއިރު އެމީހުން އެއަޑުއަހައެވެ. އެހެންކަމުން ވަޙީއާއި ފޮތް ބާވައިލެއްވުމާ މިފަދަ ކަންކަމަށް މަދީނާގެ އަހުލުވެރީން ވަނީ ހޭލުންތެރިވެފައެވެ.
ނަޞާރާއިންނެކޭ އެއްފަދައިން ޔަހޫދީންވެސް ތިބީ އެބައިމީހުންގެ ދީނީ ފޮތްތަކުގައި އެ ނަބީބޭކަލެއްގެ އުފާވެރިކަމުގެ ޚަބަރު އައިސްފައިވާ ނަބިއްޔާ ފާޅުކުރައްވާނެއިރަކަށް އިންތިޒާރުކޮށްކޮށެވެ. އެހެންކަމުން ޔަހޫދީން އެބައިމީހުންގެ އަވަށްޓެރި ބުދުދީނުގެ أوس ވަންހަޔާއި خـــــزرج ވަންހައިގެ ޢަރަބީން ބިރުގަންނަވަމުން ގެންދެއެވެ. އެމީހުން ބުނެއުޅުނެވެ. "ނިކަން ވިސްނައިގެން ތިބޭށެވެ. ދާދިއަވަހަށް ނަބީބޭކަލަކު ފާޅުކުރައްވައިފާނެއެވެ. އެބޭކަލަކު ފާޅުކުރައްވާނެ ދުވަސްވަރު ވަރަށް ކައިރިވެއްޖެއެވެ. އަހަރެމެން އެބޭކަލަކާ ތަބާވާނޫއެވެ. އެބޭކަލަކާ ބައިވެރިވެގެން ތިޔަބައިމީހުން ހަލާކުކޮށް ނައްތައިލާނޫއެވެ. ޢާދުބާގައާއި ޘަމޫދުބާގައިގެ މީހުން ހަލާކުވި ފަދައިންނެވެ."
ބުޢާޘު ހަނގުރާމައާ ވިދިގެން ދާޚިލީގޮތުންނާއި ޚާރިޖީގޮތުން ޔަޘްރިބުގެ މުޖުތަމަޢަށް ފޯރި މިދެންނެވި އަސަރުތަކުގެ ސަބަބުން އިސްލާމީ ތަޙުރީކު ގަބޫލުކުރުމަށާއި، އެ ތަޙުރީކުގެ މަރުކަޒަކަށްވުމަށް ޔަޘްރިބުގެ މަސްރަޙު އޮތީ ތައްޔާރުވެފައެވެ. ހަމައެފަދައިން ބުޢާޘު ހަނގުރާމައިގެ ސަބަބުން އިސްލާމީ ތަޙުރީކަށް ގޮންޖެހުމެއްވެސް ކުރިމަތިވިއެވެ. އެކަމަށްވެސް އަލިއަޅުވައިލުމަކީ ބޭނުންތެރި ކަމެއްކަމުގައި ދެކެމެވެ.
ބުޢާޘު ހަނގުރާމަޔަކީ ވަރަށް ދިގުލީ ހަނގުރާމައެކެވެ. ދެފަރާތުގެވެސް ހިންމަތްތެރިކަން ނެތިގެންގޮސް ކެތްތެރިކަން ކޮޅުންލި ހަނގުރާމައެކެވެ. އެހެންކަމުން أوس ވަންހަޔާއި خـــــزرج ވަންހައާއި ދެވަންހަވެސް ލޮޑުވެގެން އެންމެފަހުން ހަނގުރާމަ ހުއްޓައިލައި ދެފަރާތް ޞުލްޙަވެއްޖެއެވެ. އެއަށްފަހު ދެބައިމީހުންގެ އެކުވެރިކަމާއި އެއްބައިވަންތަކަން ދާއިމީގޮތެއްގައި ދެމެހެއްޓުމަށްޓަކައި ރަސްކަލަކު އިސްކުރާން އެއްބަސްވެއްޖެއެވެ. ދެފަރާތުން އެއްބަސްވީ خـــــزرج ވަންހައިގެ ބޮޑުންކުރެން عـبــد اللّــــه بـــن أبــّــي بـــن ســلـــول ރަސްކަމަށް އިސްކުރާށެވެ. އޭނާގެ ބޮލުގައި ތާޖު ބެހެއްޓުމުގެ ރަސްމިއްޔާތަށް ތައްޔާރުވާން ފަށައިފިއެވެ. މަދީނާގައި އިސްލާމީ ތަޙުރީކު ހިނގައިގަތީ އެދުވަސްވަރުއެވެ. މުހާޖިރުން މަދީނާއަށް ވަޑައިގަންނަވާން ފެއްޓެވީ އެދުވަސްވަރުއެވެ. އިސްލާމްދީނުގެ ނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް މާގިނަދުވަސްތަކެއް ފާއިތުނުވަނީސް ވަނީ މަދީނާއަށް ފައިންޕުޅު ބީއްސަވައިފައެވެ. ކައުނަބިއްޔާ ހިޖްރަކުރެއްވުމާއެކު أوس ވަންހަޔާއި خـــــزرج ވަންހަޔަށް ވަރުގަދަ އިންޤިލާބެއް އަތުވެއްޖެއެވެ. އެއީ ރޫޙާނީ، ސިޔާސީ، ދީނީ، އިޖުތިމާޢީ، އިޤުތިޞާދީ އިންޤިލާބެކެވެ. ހަމައެއާއެކު މަދީނާގައި އިސްލާމީ ދައުލަތެއްގެ ބިންގާވެސް އެޅިއްޖެއެވެ. އެ ދައުލަތުގެ މުގޫ އޮތީ ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަތްޕުޅުގައެވެ. ނަތީޖާއަކަށްވީ، عـبــد اللّــــه بـــن أبــّــي بـــن ســلـــول ރަސްކަމަށް އިސްކުރުމުގެ ހަރަކާތް ހުއްޓުމެވެ. އޭނާ ދެކެމުންއައި ރަސްކަމުގެ ހުވަފެން ބިލާހަކަށްވުމެވެ. މިއީ عـبــد اللّــــه بـــن أبــّــي بـــن ســلـــول އަށް އޭނާގެ މަރުދުވަހާ ހަމަޔަށްވެސް ހަނދާން ނައްތައިނުލެވުނު ހިތި ހިތާމައެކެވެ. މަދީނާގައި ނިފާޤުގެ ހަރަކާތް އުފަންވެ عـبــد اللّــــه بـــن أبــّــي بـــن ســلـــول މުނާފިޤުންގެ ރައީސަކަށްވީ އެ ހާދިސާގެ ސަބަބުންނެވެ.
އުދަރެސް ރަންވާން ފެށުން
އިސްވެދިޔަތާނގައި ބަޔާންކުރި ފަދައިން އިސްލާމީ ތަޙުރީކު ހިނގަމުންދާތާނ އޭރުވަނީ ދިހައަހަރު ވެފައެވެ. މިހާރު ހިނގަމުންދަނީ އެގާރަވަނަ އަހަރެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ މާތް ހިތްޕުޅުގައި މާތް اللّــــه ގެ ދީން ފެތުރުއްވުމަށް އޮންނަ ވަރުގަދަ ލޯބިފުޅާއި، އެމާތް ސާހިބާގެ ހިންމަތްތެރިކަމާއި ކެތްތެރިފުޅުކަމާއި ސާބިތުކަމުގެ ފޮނި ނަތީޖާ ފެނިވަޑައިގެންނެވުމުގެ ވަގުތު ވަނީ ޖެހިފައެވެ. ޞަޙާބީން "ކުފުރުގެ ދެހަންޖާ ކަނޑައިލައްވަން" ބަނޑުފުޅާއި ބުރަކަށިފުޅުން އަޑުކިޔާންދެން ހިއްޕަވަމުން ގެންދެވި ހިއްޕެވުމަށް ކާމިޔާބީ ލިބިވަޑައިގެންނެވުމުގެ ވަގުތު ޖެހިއްޖެއެވެ. މާތް اللّــــه ގެ ދީން ޢިއްޒަތްތެރިވުމުގެ ވަގުތު އައިސް ލައިގެންފިއެވެ.
ޙައްޖު މޫސުމެކެވެ. ހިޖުރައިގެ ދެއަހަރު ކުރީގެ ޙައްޖު މޫސުމެވެ. މީލާދީން ހަސަތޭކަ ވިހިވަނަ އަހަރުގެ ޖުލައިމަހެވެ. ޢަރަބިކަރައިގެ އެކި ކަންކޮޅުތަކުން ޙައްޖުވެރީންވަނީ މައްކާއަށް ޖަމާވެފައެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެމާތް ސާހިބާގެ އާދަފުޅުގެމަތީން އެބައިމީހުންގެ ތެރެޔަށް ވަޑައިގެން އުޅުއްވިއެވެ. އިންސާނިއްޔަތުގެ ހެވާއި ލާބަޔަށްޓަކައި އެމާތް ސާހިބާ ފަށްޓަވައިފައިވާ މުހިންމަތު ކުރިޔަށް ގެންދެވިއެވެ. ދުވާލުގެ ދިލަހޫނަކަށް ރޭގަނޑުގެ ގަދަ ފިންޏަކަށް ކަނުއަނދިރިކަމަކަށް ބައްލަވައެއް ނުލައްވައެވެ. މައްކާގެ ފަރުބަދަތަކުގެ ތެރޭގައްޔާއި ވާދީތަކުގެ އަޑިގުޑަންކަމުގެ ތެރޭގައި އެކި ޤަބީލާތަކުގެ ފޭލިގެތަކަށް ޒިޔާރަތްކުރައްވަމުން ގެންދެވިއެވެ. ފޭލިގެތަކުގެ އަހުލުވެރީންނަށް ޤުރްއާން ކިޔަވައިދެއްވަމުން ގެންދެވިއެވެ. ވަޢުޡު ވިދާޅުވެ އުފާވެރިކަމުގެ ޚަބަރުތަކާއި ޢަޒާބުގެ ވަޢީދުތައް އިއްވަވަމުން ގެންދެވިއެވެ. އެމާތް ސާހިބާގެ ދަޢުވަތަށް އިޖާބަދީފިކަމުގައިވާނަމަ ދުނިޔެއިންވެސް ޢިއްޒަތާއި އައުދާނަކަން ލިބޭނެކަން ޔަގީންކޮށްދެއްވަމުން ގެންދެވިއެވެ. ނަމަވެސް އެއްވެސް ފަރާތަކުން އުންމީދީ ޖަވާބެއް ލިބިވަޑައެއް ނުގަންނަވައެވެ. އެކަމަކުވެސް މަސައްކަތްޕުޅު ކުޑައިކޮށްވެސް ރައިކޮށެއް ނުލައްވައެވެ. ކުޑަވެސް ފޫހިފުޅުކަމެއްނެތި ހީވާގިފުޅުކަމާއެކު މަސައްކަތްޕުޅުގައި އުޅުއްވަނިކޮށް އެއްދުވަހެއްގެ ހަވީރުވެ އިރުއޮއްސިއްޖެއެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ކަނުއަނދިރީގެ ތެރޭގައި ވާދީތަކުގެ ބަނޑުތެރޭގައި ހިންގަވަމުން ވަޑައިގެންނެވިއެވެ. އެގޮތަށް ހިންގަވަނިކޮށް މައްކާއާ ތަންކޮޅެއް ދުރުން ޢަޤަބާގެ ތެރެއިން ބަޔަކުމީހުން ވާހަކަދައްކާ އަޑު އިވިވަޑައިގެންފިއެވެ. އެ އަޑު ހަމަ އިވިވަޑައިގެންނެވުމާއެކުވެސް މާތް ކަންފަތްޕުޅަށް ފަސޭހަފުޅުކަމެއް އިޙުސާސްކުރެއްވުނެވެ. ހިތްޕުޅަށް ހަމަޖެހުމެއް ލިބިވަޑައިގެންނެވިއެވެ. އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެ އަޑު އިވިވަޑައިގެންނެވި ދިމާޔަށް ވަޑައިގެން އެތާނގައި ވާހަކަދައްކާންތިބި މީހުންނާ ބައްދަލުކުރެއްވިއެވެ. އެބައިމީހުންނާ ސުވާލުކުރެއްވިއެވެ. "ތިޔައީ ކޮން ޤަބީލާއެއްގެ ބަޔަކީމުހެއްޔެވެ؟" އެބައިމީހުން ދެންނެވިއެވެ. "ޔަޘްރިބުގެ خـــــزرج ވަންހައިގެ ބަޔަކީމުއެވެ." އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވެވިއެވެ. "ޔަހޫދީންގެ ޙަލީފުން ހެއްޔެވެ؟" އެބައިމީހުން "އާދޭހެވެ" ދަންނަވައިފިއެވެ.
އިތުރު ސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ޙަދީޘްކުރެއްވިއެވެ. "އަހަރެން ތިޔަބައިމީހުނާ ވާހަކައެއް ދައްކައިލާން އިރުކޮޅަކު އިށީނދެއެއް ނުލާނުހެއްޔެވެ؟" خـــــزرج ވަންހައިގެ މީހުން ނޫނެކޭ ދަންނަވައިފައި އެންމެން އިށީނދެއްޖެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ވެސް އިށީނދެވަޑައިގެން އެބައިމީހުނާ ވާހަކަފުޅުދައްކަވާން ފަށްޓަވައިފިއެވެ.
އިތުރު ސާހިބާ އެބައިމީހުންނަށް ތައުޙީދުގެ އުސޫލުތައް ބަޔާންކޮށްދެއްވައި އިސްލާމްދީން ތަޢާރުފުކޮށްދެއްވިއެވެ. އެއަށްފަހު ކީރިތި ޤުރްއާން ކިޔަވައިވިދާޅުވެދެއްވިއެވެ. މާތް اللّــــه ގެ ކަލާމްފުޅުގެ ކޮންމެ ބަސްފުޅެއް އެބައިމީހުންގެ ހިތްތަކަށް އެބަސްފުޅެއްގެ ކީރިތިމޫރިތިކަން ވެރިކުރުވަމުން ދިޔައެވެ. އެބައިމީހުންގެ ހިތްތަކުން މަޑުކޮށް ކުފުރުގެ ދަބަރު ފިލަމުންދާން ފަށައިފިއެވެ. ބާއްޖަވެރިކަން އާލާވެ ޒަމީރު އަލިވާން ފަށައިފިއެވެ. އިތުރު ސާހިބާގެ ކިޔަވައިވިދާޅުވުމުގެ ރީތިފުޅުކަމާއި، ކީރިތި ޤުރްއާނުގެ ބަލާޣަތުގެ ތާސީރު އެބައިމީހުންގެ ހިތްތައް ހޭލައްވައިލިއެވެ. އެމީހުންގެ ބުއްދިއާއި ހެޔޮކަމުގެ ޒަމީރު އެމީހުންނަށް މަޝްވަރާދިނެވެ. "ޝައްކެއްނެތެވެ. މިބަސްފުޅުތަކަކީ އިންސާނެއްގެ ބަސްތަކެއް ނޫނެވެ. އިސްލާމްދީނަށް މިގޮވައިލައްވާ ބޭކަލަކީ މާތް اللّـــه ގެ ރަސޫލެއްކަން ކަށަވަރެވެ." އެބައިމީހުން އެކަކު އަނެކަކާ މުޚާޠަބުކޮށް ބުންޏެވެ. "މާތް اللّـــه ގަންދެމުއެވެ. މިއީ ޔަހޫދީން އެބޭކަލެއްގެ ވާހަކަ އެދައްކާ ނަބިއްޔާއެވެ. މި ނަބިއްޔާއަށް އީމާންވަމާ އަންނާށެވެ. މި ނަބިއްޔާއަށް ތަބާވުމުގައި ޔަހޫދީން އަހަރެމެންނަށްވުރެ ކުރިއަރައި ދިޔަނުދެމާ ހިނގާށެވެ."
ޢަރަބީންގެ ސިޔާސީ ޙިއްސު ވަރަށް ތޫނެވެ. ޤައުމުގައި މެދުކެނޑުމެއްނެތި ދެމިގެންދިޔަ އަމާންކަމެއް ނެތުމުގެ ޙާލަތާ ހުރެއެވެ. ޔަގީންކަމެއްނެތް ސިޔާސީ މަސްރަޙާއި، ދާޚިލީ ހަނގުރާމަތަކުގެ ސަބަބުންނެވެ. خـــــزرج ވަންހައިގެ މީހުންނަށްވަނީ ވަރަށް ފުން އަސަރުތަކެއް ކޮށްފައެވެ. އިތުރު ސާހިބާގެ އަލި އުޖާލާ ޝަޚުޞިއްޔަތާ މެދުގައެވެ. ކީރިތި ޤުރްއާނުގެ ބަލާޣާތްތެރިކަމާ ހުރެއެވެ. ތައުޙީދާ ބެހޭގޮތުން ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ދެއްވި ފުރިހަމަ ބަޔާނުގެ ސަބަބުންނެވެ. އިސްލާމްދީނުގެ ސަބަބުން ތިމާމެންގެ ދުނިޔެއާއި އާޚިރަތު ރައްކާތެރިވާނެކަން އެބައިމީހުންގެ ސިޔާސީ ދުރުވިސްނުމުން ވަނީ ކަށަވަރުވެފައެވެ. އެހެންކަމުން އެމީހުން އެއްވެސް ފަސްޖެހުމެއްނެތި ޝަހާދަތުގެ ދެކަލިމަފުޅު ކިޔައި އިސްލާމްވެއްޖެއެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް