(23 އޮކްޓޯބަރުގެ އަދަދާ ގުޅޭ)
ޝަކުންތަލާ މިހާރު ކޮބައިބާވައެވެ؟
ޝަކުންތަލާއަކަށް އޭނާގެ ބޭބެ އެނބުރިވަޑައިގެންނެވިކަމެއް އެނގިވަޑައެއްނުގަންނަވައެވެ. އޭނާގެ ރަށުގެ އައު ޚަބަރުތަކެއް ވެސް އޮޅުން ފިލައިވަޑައެއްނުގަންނަވައެވެ. އޭނާ އުޅުއްވަމުން ގެންދަވަނީ އޭނާގެ ރަށާ އެތަކެއް ކޯހުގެ ދުރުގައެވެ. ގަވާލިޔާރުގެ ދަނޑުވެރިއެއްގެ ގޭގައެވެ. ޖޭކްރިޝަން ޙަމަލަ ދެއްވި ރޭ އޭނާ ގަނޑުވަރުން ފިލައިވަޑައިގެންނެވުމަށް ފަހު ފައްތަވައިފައި ކޯރު ހުރަސް ކުރެއްވިއެވެ. ނަމަވެސް ދެން ވަޑައިގަންނަވާނީ ކޮން ތަނަކަށް ކަމެއް އޭނާއަކަށް އެނގިވަޑައެއްނުގެންނެވިއެވެ. ރޭގަނޑު ހަތަރުދަމު އޭނާ ހުންނެވީ ކޯރުގެ އައްސޭރީގައި ހިންގަވަހިންގަވައެވެ. ފަތިހު އޭނާ ވަރުބަލިފުޅު ވެވަޑައިގެން ތަނެއްގައި އިށީނދެވަޑައިގެންފިއެވެ. އިރު އެރުމުގެ ކުޑަ އިރުކޮޅެއްގެ ކުރީން ކައިރީގައި އޮތް އަވަށަކުން ޢުމުރުން ދުވަސް ވެފައި ހުރި ފިރިހެނަކާއި އޭނާގެ އަންހެނުން އެ ދިމާޔަށް އަތުވެއްޖެއެވެ. އެ ދެ މީހުން ވެސް ޝަކުންތަލާއާ މާ ދުރު ނޫން ހިސާބެއްގައި އިށީނދެއްޖެއެވެ. ބައްތެލި އާދޭތޯ އިންތިޒާރު ކުރާން ފަށައިފިއެވެ. މި ދެންނެވި ޢުމުރުން ދުވަސް ވެފައި ހުރި މީހާގެ ނަމަކީ ކީދާރުނާތެވެ. އެއީ ގަވާލިޔާރުގެ މީހެކެވެ. އޭނާ އަންހެނުން ގޮވައިގެން މި ރަށަށް އައީ އޭނާގެ އަންހެނުންނަށް ބޮޑުދައިތަ ކިޔާ ކުއްޖެއްގެ ކާވެންޏަށެވެ. އެ ދެ މީހުން ގަވާލިޔާރަށް އެނބުރި ދަނީއެވެ. ކީދާރުނާތުގެ އަންހެނުންނަށް ޅަރީތި އަންހެން ކުއްޖަކު އެކަނިމާއެކަނި އިންދައި ފެނިއްޖެއެވެ. އެ ކުއްޖާގެ މޫނުމަތީން ހިތާމަޔާއި މޮޅިވެރިކަމުގެ އަސަރާ އެކު ވެސް، ތޫނުފިލިކަމާއި ޝާހީ ލޭގެ ނިޝާން ފެންނާން ހުއްޓެވެ. އޭނާ އޭނާގެ ފިރިމީހާގެ ގާތުގައި ބުންޏެވެ. "މި ކުއްޖާ ހީވަނީ ކޮންމެވެސް މުޞީބާތެއް ކުރިމަތި ވެގެން އުޅޭ ކުއްޖެއް ހެންނެވެ. އޭނާގެ މޫނުމަތީން ހެކިދޭ ގޮތުގައި އޭނާއަކީ ކޮންމެވެސް ރަނގަޅު ޢާއިލާއެއްގެ ކުއްޖެކެވެ. ބައްލަވާށެވެ. ކިހައި ލޯބިލޯބި ކުއްޖެއްތޯއެވެ؟"
ކީދާރުނާތު ޖަވާބު ދިނެވެ. "ގޮސް އެ ކުއްޖާގެ ޙާލު އޮޅުން ފިލުވައިބަލާށެވެ."
ކީދާރުނާތުގެ އަންހެނުން ތެދު ވެގެން ޝަކުންތަލާގެ އަރިހަށް ގޮސް އިށީނދެފައި ދަންނަވައިފިއެވެ. "ދަރިފުޅާއެވެ. ކަލޭ މިތާނގައި އެކަނިމާއެކަނި ތިޔަ އިނީ ކީއްވެގެން ހެއްޔެވެ؟"
"އެއްވެސް ކަމެއް ނުވެއެވެ." ޝަކުންތަލާ ޖަވާބު ދެއްވިއެވެ.
"ދަރިފުޅާއެވެ. ކަލޭގެ ގެ ހުންނަނީ ކޮން ތަނަކު ހެއްޔެވެ؟"
ޝަކުންތަލާ ގިސް ލައްވަމުން ވިދާޅުވިއެވެ. "އަހަރެންގެ ގެއެއްދޮރެއް ނެތެވެ."
ކީދާރުނާތުގެ އަންހެނުން އޭނާ ގެންގުޅޭ ކުޑަ ބޮކްސާއެއް ނަގައިފިއެވެ. އޭނާ އެ ބޮކްސާ މޮހައިލުމަށް ފަހު ރަޖާގަނޑެއް ނަގައިފައި ޝަކުންތަލާގެ ގައިކޮޅުގައި އޮޅައިދެމުން ބުންޏެވެ. "ދަރިފުޅާއެވެ. ކަލޭ ތިއޮއްގެން ހީ ކަރުވަނީއެވެ."
ކީދާރުނާތު ވެސް ތެދު ވެގެން ޝަކުންތަލާގެ އަރިހަށް އައިސް ބުނެފިއެވެ. "ދަރިފުޅާއެވެ! ދަރިފުޅު ދާން ތިޔަ އުޅެނީ ކޮން ތަނަކަށް ހެއްޔެވެ؟"
"އަހަންނަކަށް ނޭނގެއެވެ." މިހެން ވިދާލުވެފައި ޝަކުންތަލާ އެކި ފަރާތްފަރާތަށް ބައްލަވައިލެއްވުމަށް ފަހު ތެދު ވެވަޑައިގެން ހިންގަވައިގެންފިއެވެ.
"ދަރިފުޅާއެވެ! މަޑު ކޮށްލަބަލާށެވެ. އަހަރެމެންނަށް ދަރިފުޅަށް ކޮންމެވެސް އެހީއެއް ވެވިދާނެއެވެ." މިހެން ބުނެފައި ކީދާރުނާތުގެ އަންހެނުން ޝަކުންތަލާގެ އަތްޕުޅުގައި ހިފަހައްޓައިފިއެވެ.
ޝަކުންތަލާ އޭނާގެ އަތްޕުޅު ވީއްލުވޭތޯ މަސައްކަތް ކުރައްވަމުން ވިދާޅުވިއެވެ. "އަހަރެން ދިޔަދޭށެވެ. ތިޔަބައިމީހުންނަކަށް އަހަންނަށް އެހީއެއް ނުވެވޭނެއެވެ. މިނިކާވަގުގެ ބައިގަނޑެއް އަހަރެންގެ ފަހަތުން ވަނީ އަޅައިގެންފައެވެ."
ކީދާރުނާތު ކުރިޔަށް ޖެހިލައިފައި ބުނެފިއެވެ. "ދަރިފުޅާއެވެ! މުޞީބާތެއްގައި ވާ މީހަކު ފެނުމުން މޫނު އަނބުރައިލާކަށެއް ރާޖުޕޫތެއްގެ އުޞޫލު ހުއްދައެއް ނުދެއެވެ. އަހަރެމެންނަށް އިތުބާރު ކުރާށެވެ."
ޝަކުންތަލާ ކުޑައިކޮށް ފަސް ޖެހިވަޑައިގެންފައި ވިދާޅުވިއެވެ. "ބޭބެ އުޅުއްވަނީ މި ހިސާބުގަނޑުގައިތޯއެވެ؟"
"ނޫނެކެވެ. އަހަރެމެންނަކީ ގަވާލިޔާރުގެ ބަޔަކީމުއެވެ. އަހަރެމެން މި ރަށަށް އައީ ތިމާގެ ކުއްޖެއްގެ ކާވެނީގެ ޙަފުލާގައި ބައިވެރި ވާށެވެ. މިހާރު މި އުޅެނީ އެނބުރި ރަށަށް ދާން ވެގެންނެވެ. ދަރިފުޅަށް މިތަނުން އެއްވެސް މީހެއްގެ އެހީ ބޭނުންވާ ނަމަ، އަހަރެމެން ކަލޭ އަހަރެމެންގެ ތިމާގެ މީހުންގެ ގާތަށް ގެންގޮސްފާނަމެވެ. އެބައިމީހުން ތިބޭ އަވަށް އޮންނާނީ މިތަނާ އެންމެ ކޯހެއްގެ ދުރުގައެވެ."
"ނޫނެކެވެ. އަހަރެން ބޭނުން ވަނީ މިތަނާ ވީހައި ވެސް ދުރަކަށް ދާށެވެ."
ކޯރުގެ އަނެއް ފަރާތުން ބައްތެއްޔެއް އަންނާތީ ފެނިއްޖެއެވެ. އެ ބައްތެލީގައި ވަރަށް ގިނަ އަންހެނުންނާއި ފިރިހެނުން ތިއްބެވެ. ތިން އަސް އޮތެވެ. ބައްތެލި ތަންކޮޅެއް ކައިރިޔަށް އައުމާ އެކު، ބައްތެލީގައި ތިބި ހަތިޔާރު އެޅި ތިން މީހަކު ޝަކުންތަލާއަށް ފެނިވަޑައިގަތުމާ އެކު، އޭނާގެ މޫނުފުޅު ރީނދޫ ވެއްޖެއެވެ. އޭނާ އިރުކޮޅެއް ވާންދެން އެއްވެސް ޙިއްސެއް ޙަރަކާތެއް ނެތި ކީދާރުނާތާއި އޭނާގެ އަންހެނުންނާ ދިމާޔަށް ބައްލަވާން ހުންނަވައިފައި، ބެދިފައި ވާ އަޑުފުޅަކުން ވިދާޅުވިއެވެ. "މި ބިން އަހަންނަށް ކުޑަ ވެއްޖެއެވެ. އެތިބަ ހަތިޔާރު އެޅި މީހުން އެ އަންނަނީ އަހަރެން ހޯދާން ކަންނޭނގެއެވެ."
ކީދާރުނާތު ބުންޏެވެ. "މިހާރު ދަރިފުޅަކަށެށް ފިލައިގެން ދެވޭނެ އެއްވެސް ގޮތެއް ނެތެވެ. ދަރިފުޅު ހިތް ހަމަ ޖައްސައިލައިގެން އިށީންނާށެވެ. މާތްކަލާނގެ ދަރިފުޅަށް މަދަދު ކުރައްވާނެއެވެ."
ޝަކުންތަލާ އެއްވެސް އެއްޗެކޭ ވިދާޅުނުވެ އިސް ދަށަށް ޖައްސަވައިގެން އިށީނދެވަޑައިގެންފިއެވެ. ކީދާރުނާތުގެ އަންހެނުން އޭނާގެ އަރިހުގައި އިށީނދެ ޝަކުންތަލާގެ ގައިކޮޅުގައި އޮޅައިފައި ވާ ރަޖާގަނޑު އޭނާގެ އިސްތަށިފުޅާ އެކު އަޅައިފައި ކުރިޔަށް ދަމައިލައި އޭނާގެ މޫނުފުޅު ފޮރުވައިފިއެވެ.
ބައްތެލި އައިސް އައްސޭރިއަށް ލަފައިފިއެވެ. ހަތިޔާރު އެޅި މީހުން ބައްތެލީން ފައިބައި އެބައިމީހުންގެ އަސްތަކަށް ސަވާރު ވެއްޖެއެވެ. އަސްވާރުން ކުރެ އެކަކު އައިސް ކީދާރުނާތާ ސުވާލު ކުރިއެވެ. "ތިޔައީ ކާކު ހެއްޔެވެ؟"
"އަޅުގަނޑަކީ ފަޤީރު ދަނޑުވެރިޔަކީމެވެ."
"ކަލެޔަކީ ކޮން ރަށެއްގެ މީހެއް ހެއްޔެވެ؟ ކަލެޔާ އެކު މިތިބީ ކޮން ބައެއް ހެއްޔެވެ؟"
"މިއީ އަޅުގަނޑުގެ ދަރިފުޅާއި އަންހެނުންނެވެ. އަޅުގަނޑު މި އައީ މިތާ ކައިރީ އަވަށަކުންނެވެ. އަޅުގަނޑުގެ ދަރިފުޅު އޭނާގެ ފިރިމީހާގެ ގެއިން އަޅުގަނޑުމެންގެ އަވަށަށް ގެންދަނީއެވެ."
"ކަލޭމެންގެ ރަށް އޮންނަނީ ކޮން ތަނަކު ހެއްޔެވެ؟"
"އަޅުގަނޑުގެ ރަށް އޮންނަނީ ކޯރުގެ އެ ފަރާތުން ދިހަވަރަކަށް ކޯހުގެ ދުރުގައެވެ."
"ކަލޭމެން މިތާނ ތިބޭތާނ ކިހައި އިރެއް ވެއްޖެހެއްޔެވެ؟"
"އަޅުގަނޑުމެން ބައްތެލީގެ އިންތިޒާރުގައި ތިބޭތާ އިރުކޮޅެއް ވެއްޖެއެވެ."
"ކަލޭމެން އައި މަގުމަތީގައި ޒުވާން ރީތި އަންހެން ކުއްޖަކު ނުދެކެމުހެއްޔެވެ؟"
"ނުދެކެމެވެ."
ހަތިޔާރު އެޅި މީހާ އަދިވެސް ކޮންމެވެސް އެއްޗެކޭ ބުނާން އުޅުނެވެ. ނަމަވެސް ތަންކޮޅެއް ދުރުން އަންހެނުންތަކާއި ފިރިހެނުންގެ ބައިގަނޑެއް ބައްތެއްޔާ ދިމާޔަށް އަންނަތަން އޭނާއަށް ފެނިއްޖެއެވެ. އޭނާ އަހުގައި ހަންމުށި އަޅައިފައި އެދިމާޔަށް ހިނގައްޖެއެވެ. އޭނާ އެމީހުންނާ ސުވާލު ކުރާން ހުއްޓައި އޭނާގެ އެކުވެރީން އޭނާއަށް ވަރަށް ބާރަށް ގޮވައިލައިފައި ބުނެފިއެވެ. "ކަލޭގެ ވަގުތު ނަގައިލަނީއެވެ. އަހަރެމެން ކޯރު ހުރަސް މިކުރީ އެހެން މީހުންނަށް ވުރެ މާ ބޮޑަށް ކުރި އަރައިގެން އައިހެވެ. އޭނާ ކޯރު ހުރަސް ކުރުމާ އެކު މަސައްކަތް ކުރާނީ ކޮންމެވެސް އަވަށެއްގައި ފިލޭތޯއެވެ. އަހަރެމެން ދާން ވީ ފަރުބަދަމަތީގެ އަވަށްތަކާ ދިމާޔަށެވެ. ޕިޔާރޭލާލްމެންނަށް މިހާރު އޭނާ ފެނިފައި ވުން ވެސް އެކަށީގެން ވެއެވެ."
ހަތިޔާރު އެޅި ސަވާރުން ފަރުބަދަތަކާ ދިމާޔަށް އަސް ދުއްވައިލައިފިއެވެ. ޝަކުންތަލާ ކީދާރުނާތާއި އޭނާގެ އަންހެނުންނާ އެކު ބައްތެއްޔަށް އަރައިވަޑައިގެންފިއެވެ. ޝަކުންތަލާ ކޯރު ހުރަސް ކުރެއްވުމަށް ފަހު އަނެއްކާވެސް ޙައިރާންފުޅުކަމާ އެކު، ހައްދަވާނެ ގޮތެއް އެނގިވަޑައިނުގެން، ކީދާރުނާތުގެ ދެމަފިރީންނާ ދިމާޔަށް ބައްލަވާން ހުންނެވިއެވެ.
ކީދާރުނާތު ބުންޏެވެ. "ދަރިފުޅާއެވެ! ހިނގާށެވެ. އަހަރެމެންނާ އެކު ހިނގާށެވެ."
ޝަކުންތަލާ ވިދާޅުވިއެވެ. "އަޅުގަނޑަށް ހީ ވާ ގޮތުގައި މާތް ކަލާނގެ ބޭބެ ފޮނުއްވީ އަޅުގަނޑަށް އެހީ ވެދެއްވާށެވެ. ނަމަވެސް ހަނދާން ކުރައްވައްޗެވެ. ބޭބެ އަޅުގަނޑަކީ ބޭބެގެ ކުއްޖަކު ކަމުގައި ބުނުއްވައިފީމުއެވެ."
"އާއެކެވެ. އަހަރެމެން އަބަދުވެސް ބަލާނީ ތިޔައީ އަހަރެމެންގެ އުފަން ދަރިއެއް ކަމަށެވެ. ހިނގާށެވެ!"
ޝަކުންތަލާ އެބައިމީހުންނާ އެކުގައި ވަޑައިގެންފިއެވެ.
+ + + +
ދުވަސްކޮޅެއްގެ ތެރޭގައި ޝަކުންތަލާއަށް ކީދާރުނާތުގެ ގެއަށް ވަޑައިގެންނެވިއްޖެއެވެ. ކީދާރުނާތު އުޅެނީ ގަވާލިޔާރުގެ ވެރިރަށާ ވަރަށް ކައިރީގައި އޮންނަ ކުޑަ އަވަށެއްގައެވެ. އޭނާއަކީ އާދައިގެ ދަނޑުވެރިއެކެވެ. ނަމަވެސް އޭނާގެ ޚުލުޤު ހެޔޮކަމާއި، ދުރު ވިސްނުމުގެ ސަބަބުން އަވަށުގެ އެންމެން އޭނާއަށް އިޙުތިރާމު ކުރެއެވެ.
އެ އަވަށުގެ ވެރިޔަކީ (ޓާކުރަކީ) ގަވާލިޔާރުގައި ވަރަށް ނުފޫޒު ހުރި ބޭފުޅެކެވެ. ވަށައިގެން ހުރި އެތައް އަވަށެއްގެ ބިމަކީ އޭނާގެ މިލްކެވެ. ގަވާލިޔާރުގެ ރަސްގެފާނުގެ ވަޒީރަކީ އޭނާގެ ތިމާގެފުޅު ބޭފުޅެކެވެ. އެ ހިސާބުގަނޑުގެ މީހުން އޭނާގެ އިޝާރާތަކަށް ވެސް އަމުރެއްގެ ދަރަޖަ ދެއެވެ. ވަށައިގެން ހުރި އަވަށްއަވަށުގެ އަމީރުން އޭނާގެ ކުރިފުޅުމަތީގައި ތިއްބަވަނީ ނޯކަރުންގެ ބީދައިންނެވެ. ނަމަވެސް އޭނާ ވެސް ކީދާރުނާތަށް އިޙުތިރާމު ކުރައްވައެވެ.
ޝަކުންތަލާ ވަޑައިގަތުމުން ކީދާރުނާތާއި އޭނާގެ އަންހެނުން ތިބީ އުފަލުން ފޮޅިފައެވެ. އެބައިމީހުންގެ އެއްވެސް ދަރިޔަކު ނުހުރެއެވެ. އެ ދެ މީހުން އަވަށްޓެރީން ގާތު ބުނެއުޅެއެވެ. "ކެތްތެރިކަމުގެ މޭވާ އަބަދުވެސް ފޮނި ވާނެއެވެ. މާތްރަސްކަލާނގެ އަހަރެމެން މުސްކުޅި ވީ ދުވަހު އަންހެން ދަރިޔަކު ދެއްވައިފިއެވެ. އެއީ ހަނދަށް ވުރެ ވެސް ރީތި، ގަންގާގެ ފެނަށް ވުރެ ވެސް ޠާހިރު ކުއްޖެކެވެ. މި ދުނިޔޭގައި ޝަކުންތަލާގެ އެކަކު ވެސް ނެތެވެ. އަހަރެމެންނަކީ ދަރިޔަކު ލިބުމުގެ އުފަލުން މަޙުރޫމު ވެފައި ތިބި ބައެކެވެ. މާތްކަލާނގެ އަހަރެމެންގެ މައްޗަށް ދީލަތި ވެވޮޑިގެން، އަހަރެމެންނަށް ދަރިޔަކު ދެއްވިއެވެ. އަހަރެމެން އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލު ކުރެއްވީ ގަންގާ ކޯރުގެ އައްސޭރީންނެވެ."
ދުވަސްކޮޅެއްގެ ތެރޭގައި ޝަކުންތަލާގެ ޚަބަރު ޓާކުރުގެ ގަނޑުވަރާ ހަމަޔަށް ވެސް ފޯރައިފިއެވެ. ޓާކުރުގެ އަނބިކަނބަލުން ޝަކުންތަލާ ދެކެވަޑައިގަންނަވާން ބޭނުންފުޅު ވާހަކަ ކީދާރުނާތުގެ އަންހެނުންނަށް އަންގަވައިފިއެވެ. ކީދާރުގެ އަންހެނުން އޭނާ ނަލަ ހައްދައިގެން ޓާކުރުގެ އަނބިކަނބަލުންގެ އަރިހަށް ގެންގޮސްފިއެވެ. އެ ދުވަހުގެ ބައްދަލު ވެވަޑައިގަތުމަށް ފަހު ޓާކުރުގެ ދަރިކަނބަލުން ބާގޫންތީ ޝަކުންތަލާގެ ވަރަށް ގާތް ރަޙުމަތްތެރިޔަކަށް ވެވަޑައިގެންފިއެވެ.
(ނުނިމޭ
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް