(2 ނޮވެމްބަރުގެ އަދަދާ ގުޅޭ)
އާދެ، މިއީ އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅުގެ ވާހަކައެވެ. އަރަހުށި މާތް اللّــــه އެ ދަތުރުފުޅެއްގެ ޒަރީޢާއިން އެކަލާނގެ އަޅާ އަދި ރަސޫލާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ســـدرة المـنــتــهـــى އާ ހަމަޔަށް ހަތް އުޑުގައިވާ އެކަލާނގެ ކުޅަދުންވަންތަކަމުގެ ބޮޑެތި ހެކިތައް ދެއްކެވި ދަތުރުފުޅުގެ ވާހަކައެވެ.
اَقُـــولُ قَـــولِــــى هَـــذَا وَاَسْـتَـــغُـــفِـــــرُ اللَّــــهَ لِــــى وَلَــكُـــمْ وَلِـسَــائِــــرِ المُـسْــلِــمِــيْـــنَ وَالْــمُسْـلِــمَــاتِ
މަދީނަތުލް މުނައްވަރާއާއި އަންޞާރުން
ޔަޘްރިބާއި އެރަށުގެ ވަޒަންވެރީން
އިރުގެ ފާންކަން އިތުރުވަނީ މައްޗަށް އިރުއަރަމުން ދިޔަވަރަކަށެވެ. މާމެލާމެލީން އަތަރު އުފެއްދެނީ ބަގީޗާގެ ގަސްގަހުން ބިނދެވިގެންނެވެ. އިސްލާމީ ރިސާލަތުގެ އިރު ފެނުންތޮޅިލީ މައްކާގެ އުދަރެހުންނެވެ. އެކަމަކު އެ އިރުގެ ދޯދިތަކުން އެންމެފުރަތަމަ ރަންކުރުވީ މަދީނާގެ ފަޒާއެވެ.
މަދީނާގެ އަސްލު ނަމަކީ ޔަޘްރިބެވެ. ކައުނަބިއްޔާ صــلّـــــى اللّــــه عــلـيــــه وســلّـــــم އެރަށަށް ގެމަށްވޮޑިގެން އެރަށުގައި ވަޒަންވެރިވެވަޑައިގެންނެވުމުން އެރަށުގެ ނަމަކަށްވީ مـــديــنــــة الــنّــبـــى އެވެ. ނަބިއްޔާގެ ރަށެވެ. އެނަން ކުރުކޮށްލައިފައި ޢާންމު ނަމަކަށްވީ މަދީނާއެވެ. އެރަށަކީ އާބާދުވިފަހުން ޒަމާނުން ގިނަދުވަސްވީ ރަށެކެވެ. އެރަށް އެންމެފުރަތަމަ އާބާދުކުރީ ޔަހޫދީންނެވެ. މަދީނާގައި އެބައިމީހުންގެ ނަސްލު ވަރަށްބޮޑަށް ފެތުރުނެވެ. މުޅި ޔަޘްރިބާއި އެރަށުގެ ވަށައިގެންހުރި ސަރަޙައްދުތަކުގައި އެބައިމީހުން ވަޒަންވެރިވިއެވެ. ކުދިކުދި ކިއްލާތަކާއި ކޯއްޓޭތައް ބިނާކުރިއެވެ.
ޢާންމުކޮށް މުއައްރިޚުން ލިޔުއްވާގޮތުގައި އަންޞާރުން ނިސްބަތްވަނީ ޔަމަނުކަރައިގެ ގަޙްޠާނީ ޤަބީލާއަކަށެވެ. (ނަމަވެސް ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އަންޞާރުންނަކީ (ގެއްލިފައިވާ) إسمــــاعــيـــلــــى ޤަބީލާއަކަށް ނިސްބަތްވާ ބަޔެކެވެ. - أرض الــقـــرآن: سـيّـــد ســلـيـمــان نــــدوى) އެބައިމީހުން ޔަމަންކަރައިން ޙިޖާޒުކަރަޔަށްއައީ ޔަމަނުކަރަޔަށް އައި މަޝްހޫރު ފެންބޮޑުވުމުގެ ހާދިސާއަކާ (ސައިލުލް އަރިމް) ގުޅިގެންނެވެ. ޢަންޞާރުންގެ އޮތީ ދެ ވަންހައެކެވެ. أوس ވަންހައާއި خـــــزرج ވަންހައެވެ. أوس އާއި خـــــزرج އަކީ އެއްބަނޑުއެއްބަފާ ދެބެއިންނެވެ. މަޝްހޫރު ޢަރަބި މުއައްރިޚު إبـــن عــبـــد ربّــــه ލިޔުއްވާގޮތުގައި އެއީ حـــارث بـــن عــمـــــرو بـــن عــامــــــــر ގެ ދެދަރީންނެވެ. އެ ދެވަންހަ މަދީނާގައި ވަޒަންވެރިވިއިރު މަދީނާގައި ޔަހޫދީންގެ ބާރާއި ނުފޫޒު އޮތީ އިންތިހާޔަށެވެ. މަދީނާގެއާއި މަދީނާގެ ވަށައިގެންހުރި އަވަށްތައް ހުރީ ޔަހޫދީންގެ ނުފޫޒުގެ ދަށުގައެވެ. މަދީނާގައި އެބައިމީހުންގެ އާބާދީ އިތުރުވެ ވިއްސަކަށް އެކާވީހަކަށް ވަންހަ ވަނީ އުފެދިފައެވެ. އެހުރިހައި ވަންހަތަކެއް މައިގަނޑު ގޮތެއްގައި ގުޅެނީ ތިން ވަންހައަކާއެވެ. އެ ތިން ވަންހައަކީ قيــنــقــــاع ވަންހައާއި قـــــريـظــة ވަންހައާއި نـضـيــــر ވަންހައެވެ. މަދީނާގެ ވަށައިގެންހުރި ހުރިހައި ތަނެއްގައި ހުރީ އެބައިމީހުންގެ އަވަށްތަކެވެ.
އަންޞާރުން (أوس ވަންހައާއި خـــــزرج ވަންހައިގެ މީހުން) ޔަހޫދީންގެ ވަކިތަކުގެ ދަށުން ސަލާމަތްވެތިބެ ދިރިއުޅޭން ގަސްދުކޮށްގެން އުޅުނެވެ. ނަމަވެސް ޔަހޫދީންގެ ބާރާއި ނުފޫޒާހުރެ އެންމެފަހުން މަޖްބޫރުވީ ޔަހޫދީންނާ އެކުވެރިކަމުގެ މުޢާހަދާ ކުރާށެވެ. ޔަހޫދީންގެ ޙަލީފުން ކަމުގައި ވާށެވެ. ނަމަވެސް ޒަމާނާއެކު އަންޞާރީ ދެ ވަންހައިގެ ބައިހެޔޮވެ އެބައިމީހުންގެ ޢަދަދު އިތުރުވެ މަނަސް ހިނގާން ފަށައިފިއެވެ. ޔަހޫދީން މުސްތަޤްބަލަށް ވިސްނައި އަންޞާރުންނާއެކު ސޮއިކޮށްފައިވާ ޢާންމު މުޢާހަދާ އުވައިލިއެވެ. ނަމަވެސް ވަކިވަކި ވަންހަތަކާއެކު ޙަލީފީ ގުޅުން ބޭއްވިއެވެ.
ޔަހޫދީންގެ ތެރޭގައި فِـطِــيُــــوْن އެވެ ކިޔުނު ރައީސަކު އުފެދުނެވެ. އޭނާއަކީ އިންތިހާދަރަޖައިގެ ޢައްޔާޝީ މީހެކެވެ. ދެވަނައެއް ނެތްފަދަ ފާސިދު މީހެކެވެ. އޭނާ އަމުރުކުރިއެވެ. އަލަށް ކާވެނިކުރާ ޒުވާން ކޮންމެ އަންހެންކުއްޖަކަށްވެސް އެކުއްޖެއްގެ ޒަވާޖީ ޙަޔާތު ފަށައިގަނެވޭނީ އޭނާގެ ނިދާކޮޓަރީގައި އޭނާއާއެކު އެއްރޭ ހޭދަކޮށްފައެވެ. ޔަހޫދީން އެ ޙުކުމް ޤަބޫލުކުރިއެވެ. ނަމަވެސް އަންޞާރީ ޤަބީލާތަކުން އެކަން ޢާންމުކޮށް ބަލައެއް ނުގަތެވެ. فِـطِــيُــــوْن އާ ދެކޮޅުވެރިވާން ފަށައިގަތެވެ.
އެދުވަސްވަރު އަންޞާރީ ޤަބީލާތަކުގެ ބޮޑުންކުރެ އެންމެ އުރައްޕުހުރި އެއްރައީސަކީ مــالـك بـــن عـجـلان އެވެ. އޭނާގެ އަންހެންކޮއްކޮގެ ކާވެނީގެ ދުވަހު އެކުއްޖާ ކާވެނީގެ މަހެފިލުގައި ފަރުދާޔަކާ ނުލައި އޭނާގެ ކުރިމައްޗަށް ނުކުތެވެ. ކާވެނީގެ ރަސްމިއްޔާތަށްފަހު ކޮއްކޮ ގެޔަށް އައުމުން مــالـك އެކަމާ ބެހޭގޮތުން އޭނާގެ ކޮއްކޮޔަށް އެއްޗެހިގޮވާން ފެށުމުން އެކުއްޖާ مــالـك އާ ދިމާޔަށް ބުންޏެވެ. "ބޭބެއެވެ. މިރޭ އަޅުގަނޑަށް ކުރިމަތިލާންޖެހޭނީ މިޔަށްވުރެވެސް މާހުތުރު މާލަދުވެތި ކަމަކާއެވެ. ބޭބެއަށް އެކަން އެނގޭހެއްޔެވެ؟" مــالـك އަށް އޭނާގެ ކޮއްކޮގެ ވާހަކަ އަޑުއިވުމުން އޭނާގެ ހިތުގައި ވަރަށްބޮޑަށް ޣީރަތު އުފެދިއްޖެއެވެ. އޭނާގެ ކޮއްކޮ فِـطِــيُــــوْن ގެ ގެޔަށް ދިޔައިރު އޭނާވެސް ކޮއްކޮގެ ވިލީގެ އަންހެންކުދީންނާއެކު އަންހެން ހެދުން އަޅައިގެން فِـطِــيُــــوْن ގެ ގެޔަށް ހިނގައްޖެއެވެ. އޭނާ فِـطِــيُــــوْن ޤަތުލުކޮށްލައިފައި ފިލައިގެން ޝާމުކަރަޔަށް ހިނގައްޖެއެވެ. مــالـك ދިޔަ ސަރަޙައްދުގައި އޮތީ ޣައްސާނީންގެ ވެރިކަމެވެ. ރަސްކަލަކަށް ހުންނެވީ أبــــو جــبـــلّــة އެވެ. އޭނާ مــالـك އަށް ޙިމާޔަތް ދެއްވިއެވެ. أبــــو جــبـــلّــة، مــالـك ގެ ކިބައިން ޚަބަރުތައް އޮޅުންފިލުއްވުމަށްފަހު مــالـك ގޮވައިގެން ލަޝްކަރަކާއެކު ޔަޘްރިބަށް ވަޑައިގެންނެވިއެވެ. އޭނާ أوس ވަންހަޔާއި خـــــزرج ވަންހައިގެ ރައީސުން ގެންނަވައި އެބައިމީހުންނަށް އިނާމާއި ހަދިޔާ ބަދިޔާ ދެއްވިއެވެ. އެއަށްފަހު ޔަހޫދީންގެ ރައީސުންނަށް ދަޢުވަތު ދެއްވައިގެން ގެންނަވައި އެ އެންމެން ޤަތުލުކޮށްލެއްވިއެވެ. ނަތީޖާއެއްގެގޮތުން ޔަޘްރިބުގައި ޔަހޫދީންގެ އާރާއި ބާރު ކެނޑިއްޖެއެވެ. އަންޞާރުންނަށް މަދީނާގައި ބާރު ލިބިއްޖެއެވެ. (ســيــرة الــنـّـبــيّ صــلّـــــى اللّــــه عــلـيــــه وســلّـــــم: عــلاّمــــة شـبـــلـــى نـعــمـــانـــى، عــلاّمــــة سـيّـــد ســلـيـمــان نــــدوى، محسن إنسـانـيـّت: نــعــيـــم صــدّيــقــــى)
ޔަޘްރިބުގައި (މަދީނާގައި) އެދުވަސްވަރު ވަޒަންވެރިވެގެންތިބީ ޖުމުލަގޮތެއްގައި ބަލާއިރު ދެނަސްލެއްގެ މީހުންނެވެ. ކުރީންވެސް ދެންނެވި ފަދައިން ޔަހޫދީންނާއި ބުދަށް އަޅުކަންކުރާ މުޝްރިކު ޢަރަބީންގެ ދެވަންހައެއް ކަމުގައިވާ أوس ވަންހަޔާއި خـــــزرج ވަންހައިގެ މީހުންނެވެ. އެ ޢަރަބި ދެ ވަންހައިގެ މީހުންނަކީ ބުދަށް އަޅުކަންކުރާ ބަޔަކު ކަމުގައިވިޔަސް، މައްކާގެ قـــــريـش ންނާ ތަފާތު ބަޔެކެވެ. އިމްތިޔާޒީ ރަނގަޅު ސިފަތަކެއްހުރި ބަޔެކެވެ. މަދީނާގެ މީހުންނަކީ ހައްދުފަހަނަޅައިދާބައެއް ނޫނެވެ. ތަކައްބުރާއި ޙައްޤަށް އިންކާރުކުރުމާ ދުރު ބަޔެކެވެ. މަޑުމައިތިރި ބަޔެކެވެ. ހިތްތިރި ބަޔެކެވެ. ޤައުމީ ޣީރަތާއި، އަމިއްލަވަންތަކަމަށް އިންތިހާޔަށް ލޯބިކުރާ ބަޔެކެވެ. މުލައްދަނޑީގައި ފިސާރި ބާރާއި އުރައްޕުހުރި ފިރިހެންވަންތަ ބަޔެކެވެ. އެބައިމީހުން އެއްވެސް ބަޔެއްގެ ބާރަކަށް ބޮލެއް ނުލަނބައެވެ. އެއްވެސް ޤަބީލާއަކަށް ނުވަތަ ސަރުކާރަކަށް އެއްވެސްއިރަކު ވާރު ދައްކައެއް ނުއުޅެއެވެ. ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم މަދީނާގައި އިސްލާމީ ދައުލަތް ޤާއިމުކުރެއްވިފަހުން އިސްލާމީ ދައުލަތާއި قـــــريـش ންގެ އިއްތިހާދީ ލަޝްކަރަކާ ދެމެދު ހިނގި އަޙްޒާބު ހަނގުރާމައިގެ ދުވަސްވަރު މަދީނާގެ ރައީސުންކުރެ ســعـــد بــــن مــعــــاذ رضـــــى اللّــــه عــنــــه ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم އަށް ދެންނެވި ދެންނެވުމަކުން އެކަން ޞަރީޙުކޮށް އެނގެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. "އޭ މާތް اللّــــه ގެ ރަސޫލާއެވެ! އަޅުގަނޑުމެން އިހަކަށް މާތް اللّــــه ގެ ރަސްކަންފުޅެއް ނުދަންނަމުއެވެ. އެކަމަކު އޭރުވެސް އަޅުގަނޑުމެން މެހްމާނަކަށް ކާންދީގެން ނުވަތަ އަގުދީފައި ގަނެގެން މެނުވީ މަދީނާގެ އެންމެ ކަދުރެއްވެސް ބޭރުބަޔަކު ކެއުމަކީ ލާހިކު ކަމެއް ނޫނެވެ." (نـــبـــى رحـمت: مـــولانــا سيّــد أبـــوالحســن عــلــــى نــــدوى)
ޔަޘްރިބުގެ މަސައްކަތްތެރިކަމާއި، ވިޔަފާރިއާއި، ދީނާއި، އިޤުތިޞާދިއްޔަތާއި މިފަދަ ހުރިހައި ކަމެއްގައިވެސް ޔަހޫދީން ތިބީ އެބައިމީހުންގެ ވާދަވެރީންނަށްވުރެ މާކުރީގައެވެ. ޔަހޫދީން ވާދަކުރަމުން ގެންދިޔައީ ޔަޘްރިބުގެ ޢަރަބި ވަޒަންވެރީންކަމުގައިވާ أوس ވަންހަޔާއި خـــــزرج ވަންހައިގެ މީހުންނާއެވެ. އެ ދެވަންހަޔަކީވެސް ހަނގުރާމަވެރި ދެވަންހައެވެ. އެ ދެވަންހައިގެ މީހުން އެންމެކުރީން އުޅެމުންއައީ އެކުވެރިކަމުގައެވެ. އެއްބަނޑުއެއްބަފާ ކަމުގައެވެ. ނަމަވެސް ދުވަސްތައް މާޒީވަމުންއައިސް ޢަރަބީންގެ އާދައިގެމަތީން އެއްބަޔަކު އަނެއްބަޔަކާ ޢަދާވަތްތެރިވެ ހަނގުރާމަކުރާން ފަށައިފިއެވެ. އެ ދެވަންހަ އެކުވެރިވެ އެކަތިގަނޑަކަށްވެއްޖެ ކަމުގައިވާނަމަ އެކަންވާނީ ޔަހޫދީންނަށް ކުރިމަތިވާ ވަރަށްބޮޑު ނުރައްކަލެއްކަމުގައެވެ. އެހެންކަމުން ޔަހޫދީންގެ މަޤުޞަދަކަށް ހަދައިފައިވަނީ އެ ދެވަންހައިގެ ދެމެދުގައި އަބަދުވެސް ހަމަނުޖެހުން އުފެއްދުމެވެ. އަރައިރުންވުމާއި، ދެކޮޅުވެރިކަމުގައި ބައިތިއްބުމެވެ. އެއީ ޔަހޫދީންގެ ޙިކުމަތުޢަމަލީއެކެވެ. أوس ވަންހަޔާއި خـــــزرج ވަންހައަކީ ޔަހޫދީންގެ އެހީތެރިކަމަށް އަބަދުމެ އެދޭން މަޖުބޫރުވެފައިވާ ފަޤީރު ބަޔެއްގެ ގޮތުގައި ބައިތިއްބާންވެސް ޔަހޫދީން ގެންދިޔައީ މަކަރުވެރި ރޭވުންތައް ރާވަމުންނެވެ. އެގޮތުން ޔަޘްރިބުގެ ވިޔަފާރިއާއި މަސައްކަތްތެރިކަމާއި ހުނަރުވެރިކަމުގެ މައްޗަށް ޔަހޫދީން ތިބީ ވެރިވެގަނެގެންނެވެ. ހަމައެއާއެކު ރިބާގެ ޒަރީޢާއިން ޔަހޫދީންވަނީ أوس ވަންހަޔާއި خـــــزرج ވަންހައިގެ އިޤުތިޞާދު ވާކޮށްފައެވެ. ނަތީޖާއެއްގެގޮތުން އެ ދެވަންހައިގެ ތަޤުދީރުކަމުގައި ވެފައިވަނީ ޖާހިލުކަމާއި ހަސްފަސްނެތުމެވެ.
ޔަހޫދީންގެ އިސްވެދެންނެވި މަކަރުވެރިކަމާއި ހުއްދަނޫން ފައިދާ ނެގުމާއި ފިތުނަވެރި ރޭވުންތައް أوس ވަންހަޔާއި خـــــزرج ވަންހައިގެ މީހުންނަށްވެސް ރަނގަޅަށް ވިސްނެއެވެ. ނަމަވެސް އެބައިމީހުންނަކަށް އެއްގަލަކަށް ނޭރެއެވެ. އެކުވެރިކަމެއް ނުއުފެއްދެއެވެ. ވަންހައިގެ ޢަޞަބިއްޔަތާއި ޖާހިލުކަމުގެ ސަބަބުންނެވެ. ޔަހޫދީންގެ ކެހިވެރި ރޭވުންތަކުގެ ނަތީޖާއެއްގެގޮތުންނެވެ. އެ ދެވަންހައިގެ މީހުންގެ އާދަޔަކަށްވެފައިއޮތީ ދާޚިލީ އަރައިރުމާއި ތަޅައިފޮޅުމެވެ. އެހެންކަމުން ދެބައިމީހުންނަށް ލިބެމުންދިޔަ ޖާނީ އަދި މާލީ ގެއްލުންތައް ދުވަހެއް ދުވަހަކަށް އައީ އިތުރުވަމުންނެވެ.
ދުވަސްވަރަކީ އަނެއްކާވެސް މަދީނާގެ މަސްރަޙަށް ނާމާންކަން ވެރިވެފައިއޮތް ދުވަސްވަރެކެވެ. ނުރައްކައުތެރި ދުވަސްވަރެކެވެ. ވަރުގަދަ ދާޚިލީ ހަނގުރާމައެއްގެ ކަޅުވިލާގަނޑެއް މަދީނާގެ ހަތަރު އުދަރެސް ބައްދައިލައިފައިއޮތް ދުވަސްވަރެކެވެ. އެއީވެސް ޔަހޫދީންގެ މަކަރުވެރި ރޭވުމުގެ ސަބަބުން އުފެދުނު ވަރުގަދަ ކޮޅިގަނޑެކެވެ. އޭގެކުރީން ހިނގައިފައިހުރި ދާޚިލީ ހަނގުރާމަތަކުގައި أوس ވަންހަ ވަނީ خـــــزرج ވަންހައިގެ މީހުންގެ އަތުން ބަލިވެފައެވެ. أوس ވަންހަޔަށް ވަނީ ޖާނީ އަދި މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. އެހެންކަމުން أوس ވަންހައިގެ މީހުން ގަސްތުކުރީ މައްކާގެ قـــــريـش ންނާ ވާހަކަދައްކައިގެން ދެބައިމީހުންގެ ދެމެދުގައި އެކުވެރިކަމާއި އެހީތެރިވެދިނުމުގެ މުޢާހަދާއެއް ކުރެވޭތޯ ބަލާށެވެ. މަޤުޞަދަކީ ބާރުގެ ތިލަފަތް އެއްވަރުކުރުމެވެ. أوس ވަންހައިން އެކަމަށްޓަކައި މައްކާއަށް ވަފުދެއް ފޮނުވިއެވެ. أبـــوالحـيــسر أنس بـــن رافـــع ގެ ވެރިކަމުގެ ދަށުގައެވެ. އެވަފުދު މައްކާއަށް އައީ ނަބީކަމުގެ އެގާރަވަނަ އަހަރުގައެވެ. ބުޢާޘު ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރީންނެވެ.
އިސްލާމީ ތަޙުރީކުގެ ދުރުވިސްނައިވަޑައިގަންނަވާ ޤާއިދު ގެންދެވީ މަދީނާގެ މަސްރަޙު ވަރަށްބޮޑަށް ދިރާސާކުރައްވަމުންނެވެ. އެމާތް ސާހިބާ ހުންނެވީ ޔަޘްރިބުގެ ބަޔަކު މައްކާއަށް އާދޭތޯ ބައްލަވަބައްލަވައެވެ. އެހެންކަމުން أوس ވަންހައިގެ ވަފުދު މައްކާއަށް އައުމާއެކު އެބައިމީހުންގެ ގާތަށް ފައިންޕުޅު ބީއްސެވިއެވެ. އެބައިމީހުންނާ ބައްދަލުކުރައްވައި އިސްލާމީ ތަޙުރީކުގެ މުހިންމަތާއި ތަޞައްވުރާއި އަމާޒުފަތްގަނޑުތައް އެބައިމީހުންނަށް ވިދާޅުވެދެއްވިއެވެ. އިސްލާމީ ތަޙުރީކުގައި ބައިވެރިވުމަށް ދަޢުވަތު ދެއްވިއެވެ. ކީރިތި ޤުރްއާނުގެ ބައެއް އާޔަތްތައްވެސް ކިޔަވައިވިދާޅުވެދެއްވިއެވެ.
ކައުސާހިބާ صــلّـــــى اللّــــه عــلـيــــه وســلّـــــم ގެ އަސަރުގަދަ ވާހަކަފުޅުން أوس ވަންހައިގެ ވަފުދުގެ މެންބަރުންގެ ތެރެއިން އެއްބޭކަލެއްގެ ހިތްޕުޅަށް ހެޔޮ އަސަރުތަކެއް ފޯރިއެވެ. އެބޭކަލަކީ ތެދު ގަބޫލުކުރެއްވުމުގެ އެކަށޭނަކަން ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. ޙައްޤަށް ލޯބިކުރައްވާ ބޭކަލެކެވެ. މިދެންނެވި ތަނަވަސް ފިކުރުފުޅުގެ ވެރިޔަކީ إيــــاس بـــن مـعـــــاذ رضــــــى اللّــــه عــــنـــــه އެވެ. إيــــاس އެކަލޭގެފާނުގެ އެކުވެރީންނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މާތް اللّــــه ގަންދެމެވެ. އަހަރުމެން އެބޭނުމެއްގައި މިއައި ބޭނުމަށްވުރެ މި ދަޢުވަތު ގަބޫލުކުރުން މާހެޔޮކަން ބޮޑެވެ." ނަމަވެސް ވަފުދުގެ ވެރިޔާ أبـــوالحـيــسر أنس بـــن رافـــع އެކަން ގަބޫލެއް ނުކުރިއެވެ. އޭނާ إيــــاس ގެ މޫނުފުޅަށް ވެލިމުށެއް އުކައިލުމަށްފަހު ޖަވާބުދިނެވެ. "އަހަރެމެން މައްކާއަށް މިއައީ މުޅީން އެހެން މުހުތާދެއްގައެވެ. ތިޔަކަންތައް ދޫކޮށްލާށެވެ."
ޔަޘްރިބުގެ ވަފުދު އެނބުރި ރަށަށް ދިޔައީ އެވަފުދުގެ މުރާދު ހާސިލު ނުވެއެވެ. ހުސްއަތާއެވެ. إيــــاس بـــن مـعـــــاذ رضــــــى اللّــــه عــــنـــــه ފިޔަވައެވެ. އެކަލޭގެފާނު އެނބުރި ވަޑައިގެންނެވީ އީމާންކަމުގެ އަގުބޮޑު ނިޢުމަތުން އެކަލޭގެފާނުގެ ދާވަނިކޮޅު ފުރައިލައްވައިގެންނެވެ. ނަމަވެސް އެކަލޭގެފާނު މައްކާއިން އެނބުރި ޔަޘްރިބަށް ވަޑައިގެންނެވިތާނ މާކަގިނަ ދުވަސްތަކެއް ނުވަނީސް އެކަލޭގެފާނު އަވަހާރަވެއްޖެއެވެ. އެކަލޭގެފާނު އަވަހާރަވި ވަގުތުވަނީ އަރަހުށި މާތް اللّــــه ގެ ޙަޟްރަތަށް ޙަމްދާއި ޘަނާ ވިދާޅުވެފައެވެ. އަސްތަޣުފާރު ކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނު އިސްލާމްވެވަޑައިގެންނެވިކަން ވަނީ ކަށަވަރުވެ ބަޔާންވެފައެވެ. إيــــاس އަވަހާރަވިތާނ މާގިނަދުވަސްތަކެއް ނުވަނީސް ބުޢާޘް ހަނގުރާމަ ފެށިއްޖެއެވެ. އެހަނގުރާމައިގައި ދެފަރާތަށްމެވަނީ ވަރަށްވެސް ބޮޑެތި ޖާނީ އަދި މާލީ ގެއްލުންތަކެއް ލިބިފައެވެ. އެހަނގުރާމައިގައިވެސް ބަލިވީ أوس ވަންހައެވެ. خـــــزرج ވަންހަޔަށްވުރެ أوس ވަންހައިގެ ބައިމަދުވުމުގެ ސަބަބުންނެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
ކޮމެންޓް