އަންނަ ސެޕްޓެމްބަރު މަހު އެވިޑް ކޮލެޖުން ފެށުމަށް ކަނޑައަޅަފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެވިޑް ކޮލެޖުން މައުލޫމާތު ދިން ގޮތުގައި "ދަރިވަރުންގެ ކޮލެޖު އެވިޑް ކޮލެޖު"ގެ ނަމުގައި އަންނަ ސެޕްޓެމްބަރު އިންޓޭކު އިއުލާނު ކޮށްދެއްވީ އެ ކޮލެޖުގެ ޗެއާމަން އަބްދުﷲ މުސްތާގް ރަޝާދު ދެއްވި ވީޑިއޯ މެސެޖަކުންނެވެ. އެގޮތުން ޗެއާމަން މި ވީޑިއޯ މެސެޖު ދެއްވީ ޔޫޓިއުބް އަދި ފޭސްބުކް މެދުވެރިކުރައްވައި ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.

ސެޕްޓެމްބަރު މަހު އެވިޑް ކޮލެޖުން ކިޔަވައިދޭން ފަށާ ކޯސްތަކަކީ އެޑިޔުކޭޝަން، ޓީޗިން. ބިޒްނަސް މެނޭޖްމަންޓް، ހިއުމަން ރިސޯސް މެނޭޖްމަންޓް، ޕްރޮޖެކްޓް މެނޭޖްމަންޓް، ކައުންސެލިން، ސައިކޮލޮޖީ، ޝަރީއާ އެންޑް އިސްލާމިކް ސްޓަޑީޒް، އިންފޮމޭޝަން ޓެކްނޮލޮޖީ، ހޮސްޕިޓަލިޓީ އެންޑް ޓުއަރިޒަމް ސްޓަޑީޒް އަދި ގުރުއާނުގެ ދާއިރާގެ އެކި ކޯސްތައް ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

މި ދާއިރާތަކުން ހިންގާ ކޯސްތަކުގެ ތެރޭ ސެޓްފިކެޓް ލެވެލްގެ ކޯސްތަކާއި، ފައުންޑޭޝަން، ޑިޕްލޮމާ، ފަސްޓް ޑިގްރީ އަދި މާސްޓާސް ފެންވަރުގެ 60 އަށް ވުރެ ގިނަ ކޯސް ހިމެނޭ ކަމަށް އެވިޑް ކޮލެޖުން މައުލޫމާތު ދެއެވެ.

ސެޕްޓެމްބަރު މަހު އެވިޑް ކޮލެޖުން ފެށުމަށް ނިންމާފައިވާ ކޯސްތަކާއި ގުޅިގެން އިތުރު މައުލޫމާތު ހޯދަން ބޭނުންވާ ނަމަ އެ ކޮލެޖުގެ ނަންބަރު، 7803228 އަށް ގުޅައިގެން އިތުރު މައުލޫމާތު ސާފު ކުރުމަށް އެވިޑް ކޮލެޖުން އެދެއެވެ.

އެވިޑް ކޮލެޖަކީ ރާއްޖޭގައި ހިންގާ އަމިއްލަ އެންމެ ބޮޑު އެއް ކޮލެޖެވެ. މި ކޮލެޖުގައި މިހާރުވެސް 2000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލު ކުރަމުން އަންނަ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ.