ޑާކް ރެއިން އެންޓަޓައިމެންޓުގެ ޕްރޮޖެކްޓްތަކުން މަޝްހޫރު ފިލްމީ ތަރި ޖުމައްޔިލް ނިމާލު ވަކިކުރަން އެކުންފުނިން ނިންމައިފިއެވެ.
ޖުމައްޔިލް އޭނާގެ ދެބެއިންގެދެދަރި އަންހެން ކޮއްކޮއަކަށް ޖިންސީ ގޯނާކޮށް، ރޭޕްކުރި ކަމުގެ ތުހުމަތުކޮށް އެ ހާދިސާ ހިނގި ގޮތް އަންހެނަކު ވަނީ ސޯޝަލް މީޑިއާއަށް ތިލަކޮށްފައެވެ.
މިދިޔަ ހަފްތާގައި ސޯޝަލް މީޑިއާއަށް ތިލަވި އެ ވާހަކަތަކާ ގުޅިގެން ޑާކް ރެއިންގެ ފަރާތުން ނެރުނު ބަޔާނުގައި ބުނީ، އެ ކުންފުންޏާއެކު ގިނަ ފިލްމުތަކެއް ކުޅެފައިވާ ޖުމައްޔިލުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުތައް އެނގުނީ އެކަން ސޯޝަލް މީޑިއާގައި އާންމުވުމުން ކަމަށެވެ.
ނަމަވެސް ޑާކް ރެއިން އިން ޖުމައްޔިލާއެކު އެންމެ ފަހުން އުފެއްދި ފިލްމު އޭރުވަނީ ހުރިހާ މަސައްކަތެއް ނިމި މި ޖުލައިގައި އަޅުވަން ތައްޔާރުވެފައި ކަމަށާއި މި ތުހުމަތުތަކާއެކު މިހާރު ކުރުމަށް ހަމަޖެހިފައި ހުރި މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
"މިފަދަ އަމަލެއްގެ ތުހުމަތު ކުރެވުމާ ހަމައިން ޖުމައްޔިލް އާއެކު މިހާރު ކުރުމަށް ހަމަޖެހިފައިވާ އެންމެހާ މަސައްކަތްތަކުން އޭނާ ވަކިކޮށްފައިވާކަން އާއްމުކޮށް އަންގަން" ޑާކް ރެއިންގެ ބަޔާނުގައިވެއެވެ.
ޑާކް ރެއިންގެ ބަޔާނުގައި އިތުރަށް ބުނީ، ޖިންސީ ގޯނާ ކުރުމާއި ރޭޕް ކުރުން ފަދަ ކުށްތަކަކީ އެ ކުންފުނިން އެއްވެސް އިރެއްގައި ބަލައިގަންނަ އަދި ހިތްވަރުދޭ ކުށްތަކެއް ނޫން ކަމަށެވެ. އަދި ޖިންސީ ގޯނާ އާއި ރޭޕްގެ ޝިކާރައަށްވާ މީހުންގެ ހައްގުގައި އެކުންފުނި އަބަދުވެސްވާނެ ކަމަށް ބުނެފައިވެއެވެ.
ޑާކް ރެއިންގެ ފިލްމުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި ޖުމައްޔިލް ކުޅެފައިވާ ބައެއް ފިލްމުތަކުގެ ތެރޭގައި "ވާށޭ މަށާ އެކީ" އާއި "ވަކިން ލޯބިން" ހިމެނެއެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން