ބޮލީވުޑްގެ މަޝްހޫރު ތަރި ޝާހްރުކް ހާން އިސްވެ ހުރެ، "ޔުނިފައިޑް" ގެ ނަމުގައި ބައިނަލްއަގުވާމީ މިޔުޒިކް ފެސްޓިވަލެއް އަންނަ އަހަރު އަބޫދާބީގައި ބާއްވަން ނިންމައިފިއެވެ. ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ފެސްޓިވަލް އޮންނާނީ އަންނަ އަހަރުގެ މާޗު މަހުގެ 20 ގައި އަބޫދާބީގެ ޔާސް އައިލެންޑްގައި ހުންނަ އިއްތިހާދު ލައިވްގައެވެ.
މި ފެސްޓިވަލްގައި އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިން ކަމަށްވާ އަރިޖިތު ސިންގް، ސޯނޫ ނިގާމް އަދި ޕަންޖާބީ ލަވަކިޔުންތެރިޔާ ކަރަން އައުޖްލާ ޕާފޯމް ކުރާނެކަމަށް ހަބަރުތައް ބުނެއެވެ.
ގަލްފް ނިއުސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެއް ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި އިވެންޓުގައި އެކި ސްޓޭޖުތަކުގައި 15 އަށް ވުރެ ގިނަ ފަންނާނުން ޕާފޯމްކުރާނެ އެވެ. މިއީ ސޯނޫ ނިގާމް އޭނާގެ ކެރިއަރުގައި މިޔުޒިކް ފެސްޓިވަލެއްގައި ޕާފޯމްކުރާ ފުރަތަމަ ފަހަރު ކަމަށް އިންތިޒާމުކުރާ ފަރާތްތަކާ ހަވާލާދީ މީޑިއާތަކުން ބުނެފައިވެއެވެ. މި ފެސްޓިވަލްގެ މައިގަނޑު މަގުސަދަކީ މެދުއިރުމައްޗާއި ބައިނަލްއަގުވާމީ އެހެނިހެން މާކެޓުތަކަށް ދެކުނު އޭޝިއާގެ މިޔުޒިކީ ހުނަރު ދައްކާލުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
މި ފެސްޓިވަލާ ގުޅޭގޮތުން ނެރުނު ބަޔާނެއްގައި ޝާހް ބުނެފައިވާ ގޮތުގައި، އޭނާގެ މުޅި ހަޔާތް ހޭދަކުރީ ސްކްރީނުމަތިން ވާހަކަތައް ކިޔައިދީ، އެ ވާހަކަތަކުގެ ޒަރީއާއިން މީހުން އެއްބައިވަންތަކުރުވުމުގައެވެ. މިޔުޒިކުގައި ވެސް ހަމަ އެފަދަ ބާރެއް އެކުލެވިގެންވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
ޝާހްރުކް އިތުރަށް ބުނި ގޮތުގައި، ޑީޔަވޯލް ލައިވް އާއި ޑިސްޓްރިކްޓް ގުޅިގެން ޕްރޮޑިއުސްކުރާ މި ފެސްޓިވަލްގެ ސަބަބުން އިންޑިއާގެ އެންމެ މޮޅު ފަންނާނުން ފުރަތަމަ ފަހަރަށް އެއް ސްޓޭޖަކުން ފެނިގެންދާނެއެވެ. މީގެ އިތުރުން، އަބޫދާބީގެ ޑިޕާޓްމަންޓް އޮފް ކަލްޗަރ އެންޑް ޓޫރިޒަމް އާއި މިރާލް ކުންފުނިން ވެސް މި އިވެންޓުގައި ބައިވެރިވެއެވެ.
މި ފެސްޓިވަލްގެ ޓިކެޓު ވިއްކަން ފަށާނީ 20 އޮކްޓޯބަރު 2026 ގައި ޑިސްޓްރިކްޓް އެޕް މެދުވެރިކޮށެވެ. އޭގެ ކުރިން އެމިރޭޓްސް އެންބީޑީ ކާޑު ގެންގުޅޭ ފަރާތްތަކަށް 19 އޮކްޓޯބަރުގައި ޓިކެޓު ގަތުމުގެ ފުރުސަތު ހުޅުވާލާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޓިކެޓުގެ އަގުތަކާއި، ފެސްޓިވަލްގައި ބައިވެރިވާ އިތުރު ފަންނާނުންގެ ނަންތައް ރަސްމީކޮށް އަދި ހާމަކޮށްފައެއް ނުވެއެވެ.
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ޝާޚް ރުކްޚާން
ކޮމެންޓް