ބޮލީވުޑްގެ އެކްޓަރު އިމްރާން ހާން އިންޑިއާއިން ފައިބަން އެ ގައުމުގެ ފުލުހުންނާއި އިމިގްރޭޝަން އިދާރާތަކުން އަންގައިފިއެވެ. އިންޑިއާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަހުގެ 28 ވަނަ ދުވަހުގެ ކުރިން ގައުމުން ފައިބަން އޭނާއަށް ވަނީ ނޯޓިސް ދީފައެވެ.
އިމްރާން ހާނަށް މި ނޯޓިސް ދީފައިވަނީ، މި މަހުގެ 10 ވަނަ ދުވަހު މުމްބާއީގައި ބޭއްވި ސިޔާސީ މުޒާހަރާއެއްގައި އޭނާ ބައިވެރިވުމާ ގުޅިގެންނެވެ. އިންޑިއާގެ ޗީފް އިލެކްޝަން ކޮމިޝަނަރު ގެނޭޝް ކުމާރުގެ އިސްތިއުފާއަށް ގޮވާލައި ބޭއްވި މި މުޒާހަރާގެ ތެރެއިން ފުލުހުން ވަނީ އިމްރާން ހައްޔަރުކޮށް، ފަހުން ދޫކޮށްލައިފައެވެ. ފޮރިނާސް ރީޖަނަލް ރެޖިސްޓްރޭޝަން އޮފީސް (އެފްއާރުއާރުއޯ) އިން ނެރުނު ނޯޓިހުގައި ބުނެފައިވަނީ، އޭނާ އަމަލުކޮށްފައިވަނީ އިމިގްރޭޝަން ގާނޫނާ ހިލާފަށް ކަމަށެވެ.
އިންޑިއަން އެކްސްޕްރެސް ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އުމުރުން 43 އަހަރުގެ އިމްރާން ހާނަކީ އެމެރިކާގެ ރައްޔިތެކެވެ. އޭނާ އިންޑިއާގައި ދިރިއުޅެނީ އޯވަސީސް ސިޓިޒަން އޮފް އިންޑިއާ (އޯސީއައި) ކާޑެއްގެ ދަށުންނެވެ.
އިންޑިއާގެ ގާނޫނުތައް ބުނާ ގޮތުން، ބިދޭސީންނަށް އެ ގައުމުގެ ސިޔާސީ ހަރަކާތްތަކާއި މުޒާހަރާތަކުގައި ބައިވެރިވުމަކީ މަނާ ކަމެކެވެ. އިމްރާނާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެރިކަންކުރާ ބީޖޭޕީގެ ލީޑަރެއް ކަމަށްވާ ކިރިޓް ސޯމައްޔާ އެވެ. އޭނާ ބުނި ގޮތުގައި ބިދޭސީންނަށް އިންޑިއާގެ ސިޔާސީ ކަންކަމުގެ ތެރެއަކަށް ނުވަދެވޭނެ އެވެ.
މި ނޯޓިހާ ގުޅިގެން އިމްރާން ހާން އަދި ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ. ނަމަވެސް މުޒާހަރާގެ ތެރެއިން އޭނާ ބުނެފައިވަނީ، އެ ތަނަށް ދިޔައީ ވަކި ޑިމާންޑްތަކެއް އޮވެގެން ނޫން ކަމަށާއި، އާންމު ރައްޔިތެއްގެ ހައިސިއްޔަތުން މީހުންގެ އަޑު ކަނޑުވާލަނީ ކީއްވެތޯ ބަލަން ކަމަށެވެ.
މަޝްހޫރު އެކްޓަރު އާމިރް ހާންއަށް ބޮޑުބޭބެ ކިޔާ އިމްރާން ވަނީ 2008 އިން 2015 އަށް ބޮލީވުޑްގެ ގިނަ ފިލްމުތަކެއް ކުޅެފައެވެ. ބައެއް މީޑިއާތަކުން ބުނާ ގޮތުގައި، އިމްރާން އަންނަނީ މި ނޯޓިސްގެ މައްސަލަ ކޯޓަށް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ
ކޮމެންޓް