ކަރަން ޖޯހަރް ހުށަހަޅައިދޭ މަޝްހޫރު ޗެޓް ޝޯ "ކޮފީ ވިތު ކަރަން" ގެ 9 ވަނަ ސީޒަނުގައި ބައިވެރިވާ ބައެއް ތަރިންގެ ނަންތައް ކަށަވަރުވެއްޖެއެވެ.

ހިންދުސްތާން ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ސީޒަނުގައި ބައިވެރިވާނެ ކަމަށް މިހާތަނަށް ކަށަވަރުވެފައިވާ ތަރިންގެ ތެރޭގައި އާލިއާ ބަޓް، ސައިފް އަލީ ހާން އަދި ކަރީނާ ކަޕޫރު ހިމެނެއެވެ. މީގެ ތެރެއިން ސައިފް އަދި ކަރީނާ ޝޯގައި ބައިވެރިވާނީ އެކުގައެވެ. އަދި އާލިއާ ބަޓް ފެނިގެންދާނީ އޭނާގެ ދައްތަ ޝާހީން ބަޓްއާ އެކުގައި ކަމަށް އެ ނޫހުން ބުނެފައިވެއެވެ.

މި ސީޒަނަކީ މި ޝޯގެ އެންމެ ފަހު ސީޒަން ކަމަށް މީޑިއާތަކުން ރިޕޯޓުކުރާއިރު، ޝޯގެ އެންމެ ފަހު އެޕިސޯޑުގެ މެހެމާނަކީ ޝާހްރުކް ހާން ކަމަށް ވަނީ އަޑުފެތުރިފައެވެ.

ހިންދުސްތާން ޓައިމްސްއާ ހަވާލާދީ ޓައިމްސް ނައު އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ޝާހްރުކް ހާން ވަނީ ފަހު އެޕިސޯޑުގެ ބައެއް މަންޒަރުތަކާއި ޕްރޮމޯއެއް މުމްބާއީގެ ޔާޝް ރާޖް ސްޓޫޑިއޯގައި ޝޫޓްކޮށްފައެވެ. ނަމަވެސް، ޝޯ އުފައްދާ ފަރާތުން މިކަން އަދި ރަސްމީކޮށް ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ޝާހްރުކް ހާނަކީ 2004 ވަނަ އަހަރު މި ޝޯ ފެށިއިރު އެންމެ ފުރަތަމަ ގެނައި މެހެމާނެވެ. އެހެންކަމުން، ޝޯގެ އެންމެ ފަހު އެޕިސޯޑުން އޭނާ ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށް މީޑިއާތަކުން ލަފާކުރެއެވެ.

މީގެ އިތުރުން، ކިއާރާ އަދުވާނީ އާއި ސިދާތު މަލޯތުރާ، އަދި ރަޝްމިކާ މަންދާނާއާއި ވިޖޭ ދޭވަރަކޮންޑާ ވެސް މި ސީޒަނުން ފެންނާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެހެންނަމަވެސް، މިއީ އަދި ރަސްމީކޮށް ކަށަވަރުވެފައިވާ ނަންތަކެއް ނޫނެވެ.

މި ޝޯގެ 9 ވަނަ ސީޒަން ޖިއޯ ހޮޓްސްޓާ އިން ދައްކަން ފަށާނީ 14 އޮކްޓޯބަރު 2026 ގައެވެ.