ކުއްލި ޚަބަރު

ބޮޑުފިނޮޅުގައި ހިންގާ ހަމަނުޖެހުން: ދިވެހިންނަށް އެހީތެރިވި ލަންކާގެ ހަތަރު މީހަކު ހިމާޔަތް ހޯދީ ބާޖަކަށް އަރައިގެން!

1

ބ. ބޮޑުފިނޮޅުގައި ހިންގާ ހަމަނުޖެހުމުގައި ދިވެހިންނަށް އެހީތެރިވި ލަންކާގެ ހަތަރު މީހަކު ހިމާޔަތް ހޯދީ ބާޖަކަށް އަރައިގެންކަން "ވަން"އަށް ކަށަވަރުވެއްޖެއެވެ.

ބ. ތުޅާދޫން "ވަން"އަށް މައުލޫމާތު ދިން މީހަކު ބުނީ ރިސޯޓުގައި ތިބި ހަތަރު މީހުން ހިމާޔަތް ހޯދުމަށް ބޮޑުފިނޮޅުގައި އަޅާފައި އޮތް ބާޖަކަށް އެރި ކަމަށެވެ.

ބޮޑުފިނޮޅު ކައިރީގައި އޮތް ސަފާރީއެއްގައި ތިބި ބަޔަކު ޑިންގީއެއްގައި ގޮސް ބާޖުގައި ތިބި ހަތަރު މީހުން ތުޅާދުއަށް ގެނެސްފައިވާ ކަމަށާއި އެ ހަތަރު މީހުންނަކީ ބޮޑުފިނޮޅުގައި ތިބި ދިވެހިންނަށް އެހީތެރިކަން ފޯރުކޮށްދިން ހަތަރު މީހުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

ރިސޯޓެއް ތަރައްގީކުރަމުން އަންނަ ބޮޑުފިނޮޅުގައި ތިބި 200 އެއްހާ ބިދޭސީ މަސައްކަތްތެރިން ވަނީ މިއަދު ހަވީރުން ފެށިގެން އެރަށުގައި މަސައްކަތްކުރާ 15 ދިވެހިން ރަހީނުކޮށް، ހަމަނުޖެހުން ހިންގަން ފަށައިފައެވެ. އެމީހުން ހަމަނުޖެހުން އެމީހުންގެ ކުންފުނިން މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެފައިވާ ކަމަށް ބުނެއެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލްކޮށް، އެރަށުގައި ތިބި ދިވެހިން ސަލާމަތްކުރަން ފުލުހުން ވަނީ މަސައްކަތްތަކެއް ކޮށްފައެވެ. ނަމަވެސް އެ ސަރަހައްދުގެ ފުލުހުންގެ ޓީމަށް އެ ރަށަށް އެރުމަށް ބިދޭސީން ފުރުސަތު ދީފައެއް ނުވެއެވެ. ޖެޓީގައި ހުރެ، ގަލާއި ދަގަނޑު އުކުމުގެ ސަބަބުން ފުލުހަކަށާއި ފުލުހުންގެ ޓީމު ގޮވައިގެން އެރަށަށް ކައިރި ކުރަން މަސައްކަތްކުރި ދޯނީގެ ކައްޕިއަށް ވަނީ އަނިޔާވެފައެވެ.

އެ ހަމަނުޖެހުންތައް ކޮންޓްރޯލްކުރުމަށް މާލެއިން ވެސް ފުލުހުންގެ ޓީމަކާއި ސިފައިންގެ ޓީމެއް ވަނީ ފުރައިފައެވެ. އޭގެ ތެރެއިން ފުލުހުންގެ ޓީމު މިހާރު ތިބީ ތުޅާދޫގައެވެ.