ޚަބަރު

މުވައްޒަފުންނަށް ދޭން ޖެހޭ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑާ ގުޅިގެން ވަނީ ނުދެވި: ރިޒާ

އަލީ ޔާމިން

ބ. ބޮޑުފިނޮޅުގައި މަސައްކަތް ކުރަމުން އަންނަ މީހުންގެ ހަތަރު މަސް ދުވަހުގެ މުސާރަ ކޮވިޑް 19އާ ގުޅިގެން ނުދެވި ވާ ކަމަށް އެތަނުގައި މަސައްކަތް ކުރާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވިދާޅުވެއްޖެއެވެ.

ބޮޑުފިނޮޅުގައި 200 އެއްހާ ބިދޭސީން ވެގެން އެރަށުގައި މަސައްކަތް ކުރާ 15 ދިވެހިން ރަހީނުކޮށް ހަމަނުޖެހުން ހިންގަމުންދާތީ ފުލުހުން ވަނީ ހަރަކާތްތެރިވާން ފަށައިފައެވެ. ބިދޭސީން ހަމަނުޖެހުން ހިންގަނީ މުސާރަ ނުދޭތީކަމަށް ބުނެއެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު ރިޒާ ވިދާޅުވީ މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 31 ވަނަ ދުވަހާ ހަމައަށް މުވައްޒަފުންނަށް ނުދޭ މުސާރައެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ޖެނުއަރީ މަހުން ފެށިގެން މެއި މަހާ ހަމައަށް ބައެއް މުވައްޒަފުންނަށް މުސާރަ ނުދެވިވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

މުސާރަ ނުދެވިފައިވަނީ އޭނާގެ ކުންފުންޏާ މަސައްކަތް ހަވާލުކުރި ސީލް މޯލްޑިވްސްއިން ދޭން ޖެހޭ ފައިސާ ނުދީގެން ކަމަށް ރިޒާ ވިދާޅުވިއެވެ.

"އެބޭފުޅުން ޕޭ ކުރަން ޖެހޭ ޕޭމެންޓްތައް ޑިލޭވެގެން އައި ޑިލޭއެއް މިއުޅެނީ. އަނެއްހެން ކޮވިޑާ އެކީގައި އައި ޑިލޭއެއް ހަގީގަތުގައި،" ރިޒާ ވިދާޅުވިއެވެ.

މީގެ އިތުރުން ރިޒާ ވިދާޅުވީ، އެރަށުގައި މަސައްކަތްކުރާ އޭނާގެ ކުންފުނީގެ މެޖޯރިޓީ މުވައްޒަފުންނަށް ނުދެވި ހުންނާނީ ދެމަސް ނުވަތަ ދެމަހާއި ބައިގެ މުސާރަ ކަމަށާއި މަސައްކަތް ކުރަމުން އަންނަނީ ވީހާވެސް އަވަހަށް މުސާރަތައް ދީ ނިންމުމަށް ކަމަށެވެ.

އެރަށުގައި މަސައްކަތް ކުރާ މީހުން މަސައްކަތް ހުއްޓާލައިގެން ތިބޭތާ 43 ދުވަސް ވެފައިވާ ކަމަށް ރިޒާ ވިދާޅުވިއެވެ.

ރިޒާ ވިދާޅުވީ، މުސާރަ ނުދިނުމުން ކަމަށް ބުނެ އެރަށުގައި ހިންގަމުންދާ ހަމަނުޖެހުންތަކުގައި އެންމެ ދިވެއްސެއް ފިޔަވައި އެހެން ދިވެއްސަކަށް އަނިޔާއެއްވެފައިވާކަން އެނގިފައި ނުވާ ކަމަށެވެ. އަދި އެރަށުގައި ތިބި މީހުންނާ ވާހަކަދައްކައިގެން މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.