އައިޖީއެމްއެޗްގައި ފަރުވާދެމުން ދެނިކޮށް މިއަދު މަރުވި އިންޑޮނޭޝިއާ މީހާ މަރުވެފައިވަނީ ކޮވިޑް ބަލީގައި ކަމަށް ބުނެވުނީ އޮޅުމަކުން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.
އެޗްޕީއޭއިން މިރޭ ކުރި ޓުވީޓެއްގައި ބުނީ އިންޑޮނޭޝިއާ މީހާ މަރުވެފައިވަނީ ކޮވިޑް ބަލީގައި ނޫން ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އޭނާ މަރުވެފައިވަނީ ސްޓޭޖް ހަތަރެއްގެ ކެންސަރު ބަލީގައި ކަމަށް ބުނެފައިވެއެވެ.
އުމުރުން 39 އަހަރުގެ އިންޑޮނޭޝިއާ މީހާ މަރުވެފައިވަނީ މިއަދު ހެނދުނު 9:47 ހާއިރުއެވެ.
ކޮވިޑް ބަލީގައި މިހާތަނަސް ރާއްޖެއިން 10 މީހަކު ވަނީ މަރުވެފައެވެ. މި ބަލީގައި ރޭ ވެސް ވަނީ މީހަކު މަރުވެފައެވެ. ކޮވިޑު ޖެހިގެން ރޭ މަރުވެފައިވަނީ 92 އަހަރުގެ ދިވެއްސެކެވެ. އެއީ އެ ބަލީގައި ރާއްޖޭން މަރުވި އެންމެ ދުވަސްވީ މީހާއެވެ.
ކޮވިޑް ޖެހިގެން ރާއްޖޭގައި މަރުވެފައިވަނީ އުމުރުން ދުވަސްވީ ފަސް ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހަކާއި ފިލިޕީންސްގެ މީހެކެވެ.
ރާއްޖޭގައި 2400 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، އޭގެ ތެރެއިން 1969 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 416 މީހެކެވެ.
ޚަބަރު
ޚަބަރު
ޚަބަރު