ކުއްލި ޚަބަރު

ބޮޑުފިނޮޅުގައި ބިދޭސީން ހިންގާ ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް ފުލުހުންގެ ޓީމެއް މާލެއިން ފުރަނީ

އަލީ ޔާމިން

ބ. ބޮޑުފިނޮޅުގައި ބިދޭސީން ހިންގާ ހަމަނުޖެހުން ކޮންޓްރޯލުކުރުމަށް ފުލުހުންގެ ޓީމެއް މާލެއިން ފުރަން ތައްޔާރުވެއްޖެއެވެ.

ބޮޑުފިނޮޅުގައި 200 ވަރަކަށް ބިދޭސީން އަންނަނީ އެރަށުގައި މަސައްކަތް ކުރާ 15 ދިވެހިން ރަހީނުކޮށްގެން ހަމަނުޖެހުންތައް ހިންގަމުންނެވެ. ބިދޭސީން ދިވެހިން ރަހީނުކޮށްފައިވަނީ މުސާރަ ނުދޭތާ ގިނަ މަސްތަކެއްވެފައިވާތީ ކަމަށް ބުނެއެވެ.

ފުލުހުންގެ ޓީމު ހިމެނޭ ދެ ލޯންޗު މިހާރު ވަނީ މާލެއިން ފުރައިފައެވެ. އެ ދެ ލޯންޗުގައި ވެސް ގިނަ އަދަދެއްގެ އެސްއޯ ފުލުހުން ހިމެނެއެވެ.

ބޮޑުފިނޮޅުގައި ހިންގަމުންދާ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރަން ބ. އަތޮޅުގައި ހަރަކާތްތެރިވާ ފުލުހުންގެ ޓީމެއް އެރަށަށް އަރަން މަސައްކަތް ކުރި ނަމަވެސް އެރަށުގައި ތިބި ބިދޭސީންގެ ހަމަލާތަކުގެ ސަބަބުން ފުލުހުންނަށް ވަނީ އެރަށަށް އެރޭ ގޮތް ނުވެފައެވެ. އަދި ބިދޭސީންގެ ހަމަލާތަކުގެ ސަބަބުން ދެ ފުލުހުންނާއި ފުލުހުން ގޮވައިގެން ދިޔަ ދޯނީގެ ކައްޕިއަށް ކޮންމެވެސް ވަރެއްގެ އަނިޔާތަކެއް ވެފައިވެއެވެ.

ރަހީނުކުރި މީހުންގެ ތެރެއިން އެކަކު މިހާރުވަނީ ފަތާފައި ބ. ތުޅާދުއަށް އަރައިފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ބޮޑުފިނޮޅުގެ ހަމަނުޖެހުންތައް ކޮންޓްރޯލް ކުރުމަށް މާލެއިން ފުލުހުންނާއި ސިފައިންގެ ޓީމެއް އަންނަނީ އެރަަށަށް ދިއުމަށް ތައްޔާރުވަމުންނެވެ. ނަމަވެސް އެރަށަށް ދަނީ ކިހާ އަދަދެއްގެ ފުލުހުންނާއި ސިފައިން ކަމެއް އެނގިފައެއް ނުވެއެވެ.