މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެޓާނީ ޖެނެރަލް (އޭޖީ) ގެ އޮފީހުން 60 މައްސަލައެއްގައި ދައުވާ ކޮށްފައިވާ ކަމަށް އެ އޮފީހުން ބުނެފި އެވެ.
އޭޖީ އޮފީހުން އާންމު ކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން އެއޮފީހުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް 465 އަޑުއެހުމަކަށް ހާޒިރުވެ ވަކާލާތުކޮށްފައި ވެއެވެ. އެގޮތުން 60 މައްސަލައެއްގައި އޭޖީ ދައުވާ ކޮށްފައިވާއިރު، 66 މައްސަލައެއް ވަނީ ދައުލަތަށް ރައްދުވެފަ އެވެ.
އޭޖީ އިން ދައުވާ ކޮށްފައިވާ 60 މައްސަލައިގެ ތެރެއިން 32 މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. ތިން މައްސަލައެއް ހައި ކޯޓަށް 14 މައްސަލައެއް ފެމެލީ ކޯޓަށް އަދި އެއް މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުގައި ވެއެވެ.
ދައުލަތުގެ މައްޗަށް އުފުލާފައިވާ 66 ދައުވާގެ މައްސަލަތަކުގެ ތެރެއިން 46 މައްސަލަ ހުށަހަޅާފައިވަނީ ސިވިލް ކޯޓަށެވެ. 11 މައްސަލައެއް ހައި ކޯޓަށް ހުށަހަޅާފައިވާއިރު ހަތް މައްސަލަ މެޖިސްޓްރޭޓް ކޯޓްތަކަށް އަދި ދެ މައްސަލަ ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުގައި ވެއެވެ.
އޭޖީން ބުނީ އެންމެ ގިނަ މައްސަލަތަކުގައި ކޯޓުގެ އަޑުއެހުންތަކަށް ހާޒިރުވެ ވަކާލާތު ކޮށްފައިވަނީ ޖެނުއަރީ މަހު ކަމަށާއި އެގޮތުން ޖެނުއަރީ މަހު 143 އަޑުއެހުމެއްގައި އޭޖީން ވަކާލާތުކޮށްފައިވާ ކަމަށެވެ. ފެބްރުއަރީ މަހު 125 މައްސަލައެއްގައި އަދި މާޗް މަހު 127 މައްސަލައެއްގެ އަޑުއެހުމުގައި ވަކާލާތުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުގައި ވެއެވެ.
އޭޖީން ބުނީ ކޮވިޑާ ގުޅިގެން މާޗްގެ ފަހުން އަޑުއެހުންތަކަށް ކޮންމެވެސް ވަރަށް މަޑުޖެހުންތަކެއް އައިސްފައިވާ ކަމަށެވެ.
އެޓާނީ ޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވީ ފާއިތުވެދިޔަ މަސްތަކަކީ ހުރިހާ ގޮތަކުންވެސް ދަތި އުނދަގޫ ދުވަސްވަރެއް ކަމަށާއި މަސައްކަތް ކުރުން އާ ގޮތްތަކަކަށް ބައްޓަން ކުރަން ޖެހުނު ކަމަށެވެ. ގާނޫނީ ލަފާ ދިނުމާއި މައްސަލަތަކާ ގުޅިގެން މުވައްޒަފުން ރެޔާއި ދުވާލު ކުރި އިހްލާސްތެރި މަސައްކަތްތަކަށް ޝުކުރާއި ތައުރީފު ހައްގު ކަމަށްވެސް އޭޖީ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު