މަރުގެ މައްސަލަތައް ތަހުގީގުކުރުމުގައި ރިޔާސީ ކޮމިޝަނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ މާހިރަކު އައްޔަންކޮށްދެއްވުން އެދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުން ވަގަށް ނަގައި މަރާލާފައިވާ ނޫސްވެރިޔާ ރިލްވާން އަހުމަދުގެ އާއިލާއާއި މަރާލާފައިވާ ބްލޮގަރު ޔާމިން ރަޝީދުގެ އާއިލާއިން އެދިއްޖެއެވެ.
ދެ އާއިލާގެ ފަރާތުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ރައީސްގެ އަރިހުން އެގޮތަށް އެދިވަޑައިގަތީ މަރު ކޮމިޝަނުން މައްސަލަތައް ތަހުގީގުކޮށް، ފުރިހަމަކުރުމަށްޓަކައި އިތުރަށް ބޭނުންވާ އެހީތެރިކަން ކަށަވަރުކުރުމަށް އެދި އެމަނިކުފާނާއެކު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ކަމަށެވެ.
އެ ބައްދަލުވުމުގައި ކޮމިޝަންގެ މަސައްކަތްތަކުގައި މިހާތަނަށް ފާހަގަކުރެވިފައިވާ ބައެއް ކަންތައްތައް ރިލްވާނާއި ޔާމީންގެ އާއިލާއިން ވަނީ ރައީސްއާ ހިއްސާކުރައްވައިފައެވެ.
އޭގެ އިތުރުން ކޮމިޝަނުގެ މަސައްކަތްތައް އިތުރަށް ފުރިހަމަކޮށް ތަހުގީގުކުރަމުން އަންނަ މައްސަލަތަކުގައި ހިމެނޭ އެންމެހައި އާއިލާތަކަށް އިންސާފު ގާއިމުކުރެވޭނެކަން ކަށަވަރުކުރުމަށްޓަކައި ރާއްޖެއިން ބޭރުން ތަހުގީގުގެ ދާއިރާގެ މާހިރަކު އައްޔަންކޮށްދެއްމަށް އެދިވަޑައިގެންފައިވާނެ ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި އިތުރަށް ބުނީ، އާއިލާގެ އެދުމަށް ރައީސް އިޖާބަ ދެއްވާފައިވާ ކަމަށެވެ. އަދި އެކަމަށްޓަކައި މަރުހަބާ ކިޔާ ކަމަށާއި ލަސްނުވެ އިންސާފު ލިބުމަށް އުންމީދު ކުރާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު