މިދިޔަ މަހުގެ ކަރަންޓް ބިލުންވެސް 40 ޕަސެންޓްގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ސަރުކާރުން މި ނިންމުން ނިންމާފައިވަނީ ޖޫން މަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވެފައިވާ ކަމުގެ ޝަކުވާ އާންމުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިއަދު ނޫސްވެރިންނާއެކު ސްޓެލްކޯގައި ބޭއްވި ބައްދަލުވުމުގައި އެ ކުންފުނީގެ މެނޭޖިން ރެކްޓަރު ހަސަން މުގުނީ ވިދާޅުވީ ޖޫން މަހުގެ ކަރަންޓު ބިލުތައް ސަބްސިޑީ ހިމަނައިގެން އިސްލާހުކުރުމަށްފަހު އަނެއްކާވެސް ފޮނުވާނެ ކަމަށާއި އެގޮތުން ޖޫން މަހުގެ ކަރަންޓް ބިލަށްވެސް 40 ޕަސެންޓުގެ ޑިސްކައުންޓެއް ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން މުގުނީ ވިދާޅުވީ، ފާއިތުވި ހަތަރު މަހަކީ ރައްޔިތުންގެ ދިރިއުޅުމަށް ބަދަލުތަކެއް އައި ހަތަރު މަސް ކަމަށެވެ. އަދި ބަލިމަޑުކަމާ ގުޅިގެން ރައްޔިތުންނަށް ދިމާވި ދަތިތަކާ ހުރެ، ކަރަންޓު ބިލު ދައްކަން ދަތިވާ ރައްޔިތުންނަށް ބަހާލައިގެން ބިލު ދެއްކޭނެ ގޮތްތައްވެސް ހަމަޖެހިފައިވާނެ ކަމަށެވެ.

"މާޗް، އެޕްރީލް، މެއި، ޖޫން، މި ހަތަރު މަހުގެ ބިލުގެ ތެރެއިން ބިލެއް ނުދެއްކިވާނަމަ އަދި ބިލު ދައްކަން ދަތިވާ ފަރާތްތަކަށް އަޅުގަނޑުމެންގެ ކުންފުންޏަށް ފޯމެއް ފުރާފައި ލީމާ އެކަން ހަމަޖެހޭނެ. މި ފުރުސަތަކީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ދެ ހަފްތާއަށް ހުޅުވާލެވޭ ފުރުސަތެއް." މުގުނީ ވިދާޅުވިއެވެ.

މުގްނީ ވިދާޅުވީ، ޖޫން މަހުގެ ބިލުން 40 އިންސައްތަ ޑިސްކައުންޓް ދޭނީ ހަމައެކަނި ޑޮމެސްޓިކް ކަސްޓަމަރުންނަށް ކަމަށާއި ނަމަވެސް ޑޮމެސްޓިކް އަދި ވިޔަފާރި ކަސްޓަމަރުންނަށްވެސް އިންސްޓޯލްމެންޓަށް ބަހާލައިގެން ބިލު ދެއްކުމުގެ އިންތިޒާމު ހަމަޖެހޭނެ ކަމަށެވެ.

މިދިޔަ މަހުގެ ކަރަންޓް ބިލް ބޮޑުކަމުގެ ޝަކުވާ ގިނަ ބަޔަކު ކުރަމުން އަންނައިރު ކަރަންޓް ބިލް ބޮޑުވީ ޖޫން މަހުގެ ބިލަކީ ޑިސްކައުންޓް ނުލައި ދިން ބިލަކަށް ވުމުން ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން އެކުންފުނީގެ ޖެނެރަލް މެނޭޖަރު އަލީ މުޖުތަބާ ވިދާޅުވީ، ކޮވިޑުގެ ހާލަތާ ގުޅިގެން އޭޕްރީލް އަދި މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓުގެ ޑިސްކައުންޓު ދިންއިރު ޖޫން މަހުގެ ބިލަކީ ޑިސްކައުންޓު ލިބުމަށްފަހު، ޑިސްކައުންޓު ނުލައި ފޮނުވި ފުރަތަމަ ބިލު ކަމަށެވެ. އެހެންކަމުން ޑިސްކައުންޓު ނުހިމެނުމުން ކަރަންޓު ބިލު ބޮޑުކަމަށް ފާހަގަވެދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން އޭޕްރީލް އަދި މެއި މަހުވެސް ވަނީ ކަރަންޓް ބިލުން 40 ޕަސެންޓްގެ ޑިސްކައުންޓެއް ދީފައެވެ. އެގޮތުން ސްޓެލްކޯ މެދުވެރިކޮށް 92،588 ގޭބީސީއެއްގެ ކަރަންޓް ބިލުން 50 މިލިއަން ރުފިޔާގެ ޑިސްކައުންޓެއް ދިނެވެ. އަދި ފެން ކުންފުނި މެދުވެރިކޮށް 33،198 ގޭބީސީއަކަށް 9.8 މިލިއަން ރުފިޔާގެ ޑިސްކައުންޓާއި ފެނަކަ މެދުވެރިކޮށް 12،661 ގޭބީސީއަކަށް 0.3 މިލިއަން ރުފިޔާގެ ޑިސްކައުންޓްވެސް ސަރުކާރުން ވަނީ ދީފައެވެ.