އަންނަ އާދީއްތަ ދުވަހުން ފެށިގެން ސަރުކާރު އިދާރާތައް އާންމުކޮށް ހުޅުވައިގެން މަސައްކަތްކުރަން ނިންމައިފިއެވެ.
ރައީސް އޮފީހުން ބުނީ، ކޮވިޑުން ރައްކާތެރިވުމުގެ ގޮތުން މާޗު މަހުގެ 19 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ އިދާރާތައް އާންމުކޮށް ނުހުޅުވާގޮތަށް ހަމަޖައްސާފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ޖުލައި 5 ވާ އާދީއްތަ ދުވަހުން ފެށިގެން، ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުއްވައިގެން މަސައްކަތްކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.
ސަރުކާރުގެ އިދާރާތައް ހުޅުވާފައި ހުންނާނީ ކުރިއެކޭވެސް އެއްގޮތަށް ކޮންމެ ހަފުތާއެއްގެ އާދީއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން މެންދުރުފަހު 2:00 އަށެވެ.
ސަރުކާރުގެ އިދާރާތައް އާންމުކޮށް ހުޅުވައިގެން ދޭން ޖެހޭ ހިދުމަތްތަކާއި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ހަމަޖެއްސުމާ ގުޅިގެން އިދާރާތަކުން އަމަލުކުރަން ޖެހޭނެ އުސޫލުވެސް މިއަދު މިއަދު ވަނީ އާންމުކޮށްފައެވެ. އެގޮތުން އައު އާންމު ހާލަތު ނުވަތަ ނިއު ނޯމަލްގެ ހާލަތުގައި ސަރުކާރުގެ އިދާރާތައް ހިންގުމާއި އިދާރާތަކުގައި މަސައްކަތްކުރުމުގައި ސިއްހީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތަކާއި މި ހާލަތުގައި މުވައްޒަފުން އަމަލުކުރަން ޖެހޭ ގޮތާއި މަސައްކަތުގެ މާހައުލުގެ ސާފުތާހިރުކަމުގެ އިރުޝާދުތައް ވަނީ އެ އުސޫލުގައި ބަޔާންކޮށްފައެވެ.
މީގެ އިތުރުން، ރަސްމީ މަސައްކަތު ގަޑީގެ ތެރޭގައި މަސައްކަތް ނިންމުމަށް މުވައްޒަފުންނަށް ބާރުއެޅުމާއެކު ނުރަސްމީ ގަޑީގައި މުވައްޒަފުން މަސައްކަތްކުރަން ނުޖެހޭގޮތަށް އޮފީހުގެ މަސައްކަތްތައް ރޭވުމާއި ދަންފަޅި އުސޫލުން މަސައްކަތް ކުރާ އިދާރާތައް ފިޔަވައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި މެނުވީ މެންދުރުފަހު 2:00ގެ ފަހުން ހުޅުއްވައިގެން މަސައްކަތް ނުކުރުމަށާއި ސަރުކާރުގެ އިދާރާއަކުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި، ނުރަސްމީގަޑީގައި އިދާރާ ހުޅުވާފައި ބަހައްޓަންޖެހޭ ހާލަތްތަކުގައިވެސް އެންމެ ލަސްވެގެން ހަވީރު 4:00 ގެ ފަހުން އިދާރާ ހުޅުވާފައި ނުބެހެއްޓުމަށް އޮފީސްތަކަށް ވަނީ އަންގައިފައެވެ.
އޮފީސްތައް ހުޅުވި ނަމަވެސް އޮންލައިންކޮށް ދެވެން ހުރި ހިދުމަތްތަައް އޮންލައިންކޮށް ދިނުމަށްވެސް އެ އުސޫލުގައި ބާރު އަޅާފައިވެއެވެ.
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު
ކުއްލި ޚަބަރު