(29 ޖޫން ގެ އަދަދާ ގުޅޭ)
"ނޫނެކެވެ." ޒަރުބަޚުތު ވޭނީ ރާގެއްގައި ވިދާޅުވިއެވެ. "ނޫނެކެވެ. އަޅުގަނޑަށް އަނިޔާ ލިބެމުންމިދާ ދިއުމާއި އަޅުގަނޑުގެ އާރެއްނެތްކަން އޭނާއަށް އެނގިވަޑައިގަންނަވާކަށެއް ބޭނުމެއް ނޫނެވެ."
ބަހްމަން މަދާއިނުން ނުކުމެވަޑައިގެންނެވީ ތިރީސްހާސް ސަވާރުންނާއި، ތިންސަތޭކަ އެތާ އެކުގައެވެ. އެ މާސިންގާ ލަޝްކަރުގެ ކުރިމަތީގައި ދުރުފިޝްކާވިޔާނީ ވިހުރުވި ވިހުރުވި ހުއްޓެވެ. އެ ދިދަޔަކީ އީރާނީން އެބައިމީހުންގެ ފަތަޙައިގެ ޖާމިނެއްކަމުގައި ދެކޭ ދިދައެކެވެ.
ދާދިކުޑަދުވަސްކޮޅެއްގެ ތެރޭގައި ޢަރަބީންނާއި އަޖަމީން ތިބީ ބާބިލުގެ ކައިރިން ފުރާތުކޯރުގެ އައްސޭރީގައި އެއްބަޔަކު އަނެއްބަޔަކާ ކުރިމަތިވާގޮތަށް ބަނޑަހަ ޖަހައިގެންނެވެ. ބަހުމަން أبو عبيدة رضـى اللّـه عنـــه އަށް ޚަބަރު ފޮނުއްވިއެވެ. "ކަލޭގެފާނު އަޅުގަނޑަށް ކޯރު ހުރަސްކުރުމުގެ ފުރުސަތު ދެއްވާނީތޯއެވެ؟ ނުވަތަ ކަލޭގެފާނު އަޅުގަނޑުމެންނާވީ ފަރާތަށް ވަޑައިގަންނަވާނީތޯއެވެ؟" مثــنّـى بــن حــارثـــة رضى اللّـه عنــه އާއި މުސްލިމުންގެ ތަޖުރިބާކާރު ކޮމާންޑަރުން أبو عبيدة އަށް ވިސްނައިދެއްވޭތޯ މަސައްކަތްޕުޅު ކުރެއްވިއެވެ. "އަޅުގަނޑުމެން ކޯރު ހުރަސްކުރުމުގެ ބަދަލުގައި ދުޝްމިނުންނަށް މިފަރާތަށް އައުމުގެ ފުރުސަތު ދެއްވާށެވެ." އިސްލާމީ ލަޝްކަރުގެ ތަޖުރިބާކާރު ކޮމާންޑަރުން ބޭނުންފުޅުވެވަޑައިގެންނެވީ މުސްލިމުންގެ އަދަދު މަދުކަމާއެކު އިސްލާމީ ލަޝްކަރުގެ ފަހަތް ޙިމާޔަތް ކުރެވުމުގެ ޔަޤީންކަން ހޯއްދަވާށެވެ. ނަމަވެސް أبو عبيدة رضـى اللّـه عنـــه އެކަން ޤަބޫލެއް ނުކުރެއްވިއެވެ. މުސްލިމުންގެ ފަރާތުން އެއްވެސްކަހަލަ ބަލިބުރަކަމެއް ދައްކަވާކަށެއް އެކަލޭގެފާނުގެ ޣީރަތު ހުއްދައެއް ނުދިނެވެ. أبو عبيدة އެކަލޭގެފާނުގެ މުޝީރުންގެ ބަސްފުޅު ހުއްޓުވީ "ތިޔަބެއިކަލުން އެމީހުންނަށްވުރެ ބޮޑަށް މަރުދެކެ ބިރުފުޅުގެން ވަޑައިގަންނަވަނީތޯއެވެ؟" ވިދާޅުވެ ސުވާލުކުރައްވައިގެންނެވެ.
ކޯރު ހުރަސްކުރުމަށްޓަކައި ބޮއްކުރާތަކުގެ ފައްތިޔައިގެ ފާލަން ތައްޔާރުވުމުން ކޯރު ހުރަސްކުރެއްވުމުގައި އެންމެ ކުރީގައި ތިއްބެވީ ލަޝްކަރުގެ އަމީރުގެ ޚިޔާލުފުޅާ ދެކޮޅު ހެއްދެވި ތަޖުރިބާކާރު ކޮމާންޑަރުންނެވެ. ނަމަވެސް އެބޭކަލުންނަށް ކޯރުގެ އަނެއްފަރާތުގައި ފައިތިލަފުޅު ސާބިތު ނުކުރެއްވެނީސް އީރާނީ ލަޝްކަރު ކުރިޔަށް ހަރަކާތްކުރަން ފަށައިފިއެވެ. ނަތީޖާއަކަށްވީ ކުރީންވެސް މުސްލިމުންނަށް އެކިފަރާތްފަރާތަށް ޖެހިލައި ހަރަކާތްތެރި ވެވޭވަރުގެ ތަނަވަސްކަމެއްނެތް މައިދާނުގައި އިހުނަށްވުރެވެސް ޖާގަ ކުޑަވުމެވެ. މުސްލިމުންގެ ލަޝްކަރުގެ ކުރީ ސަފުތައް ހުރީ ދުޝްމިނުންގެ ދުނިފަށުގައެވެ. ފާރިސީން އިސްލާމީ ލަޝްކަރުގެ ދެފަރާތުގެ އަރިމަތި ފިއްތައިލިވަރުން މުސްލިމުންގެ އަސްވާރުންނަށް ކޮޅުކޮޅުމައްޗަށް ހެލިފެލިވެވޭނެ ޖާގައެއްނެތެވެ. އިސްލާމީ ލަޝްކަރުގެ ފަހަތު ގެމަތަކަށް ކޯރު ހުރަސް ނުކުރެވެނީސް އީރާނީން ފުރިހަމަ ބާރާއެކު ޙަމަލަދީފިއެވެ.
ތިންސަތޭކަ އެތުގެ ކަރުގައި އެލުވައިފައިހުރި ބޮޑެތި ރަނގަބީލުތަކުން ވަރަށް ބިރުވެރި އަޑުފަށްގަނޑެއް އުފެދެއެވެ. އެއަޑުފަށްގަނޑާއެކު އެތްތައް ހޭރެމުން ކުރިޔަށްދާއިރު އެތަކެއް ސަތޭކަ ބެރުތަކަކާއި ސަންގުތަކާއި ލަވަފޮށިތަކުގެ އަޑުވެސް އެހައިމެ ގަދައެވެ. މުސްލިމުން އެހައިތަނަކަށް އެފަދަ ގިނަ އަދަދެއްގެ އެތްތަކަކާ ކުރިމަތިލައިފައެއް ނުވެއެވެ. އެތްތަކުގެ ބުރަކަށިމަތީގައިހުރި މަހްމަލުތަކުގައި ތިބޭ ތީރުވެރީން ގެންދިޔައީ ދުނީގެ ވާރޭ ވެއްސަމުންނެވެ. އެހެންކަމުން މުސްލިމުންގެ އަސްތައް ދިޔައީ ސިހިގެން ދެފަރާތަށް ކެވިއަރަމުންނެވެ. އެކަމަކާހުރެ އިސްލާމީ ލަޝްކަރުގެ މެދުތެރޭގެ ސަފުތައް ދިޔައީ ބުރިބުރިވަމުންނެވެ. އެއާއެކު އިސްލާމީ ލަޝްކަރުގެ ދެފަރާތުގެ އަރިމައްޗަށްވެސް އީރާނީ ސަވާރުންގެ ޙަމަލަތައް ގެންދިޔައީ ވަރުގަދަކުރަމުންނެވެ. މުސްލިމުންނަށް މަޖުބޫރުވީ އެއްދިމާޔަކަށް ބޮނޑިވާށެވެ. މުސްލިމުންނަށް ހަރަކާތްތެރި ވެވޭކަށެއް ނެތެވެ. އޮތީ ކިރިޔާ ކޮޅަށް ތިބެލެވޭވަރުގެ ތަންކޮޅެކެވެ.
أبو عبيدة رضـى اللّـه عنـــه ގޮވައިލެއްވިއެވެ. "މުސްލިމުންނޭވެ! އަހަރެންގެ ފަހަތުން އަންނާށެވެ." އެކަލޭގެފާނު އެހެން ވިދާޅުވެފައި އަސްމަތީން ފުންމައިލައްވައިފައި އެތަކަށް ޙަމަލަ ދެއްވިއެވެ. އޭގެ ބުރަކަށިމަތީގައިހުރި މަހްމަލުގެ ވާތައް އެއްފަރާތަކުން ކޮށްޓަވައިލައްވައި އެއްފަރާތަކަށް އެލިފައި އޮންނަގޮތް ހައްދަވައިލެއްވިއެވެ. މުސްލިމުން އެބައިމީހުންގެ ހިތްވަރުފުޅުގަދަ ކޮމާންޑަރާ ތަބާވިއެވެ. އަސްތަކުން ފުންމައިލައިފައި އެތްތަކަށް ޙަމަލަދިނެވެ. އެތްތައް ޒަޚަމުކޮށް މަހްމަލުތައް ވައްޓައިލައި ފާރިސީންނާ ދިމާޔަށް އެތްތައް އަނބުރައިލިއެވެ. ހަމައެއާއެކު ދުޝްމިނުންގެ ލަޝްކަރުގެ ދެފަރާތުގެ އަރިމައްޗަށް ވަރުގަދަ ޙަމަލަތަކެއްދީ ކުރީސަފުތައް އެފުށްމިފުށަށް ޖަހައިލިއެވެ. ނަމަވެސް މުސްލިމުންގެ އެވަރުގަދަ ޙަމަލައިންވެސް ހަނގުރާމައިގެ ނަތީޖާ ބަދަލުކޮށެއް ނުލެވުނެވެ. މުސްލިމުންގެ ވަރުގަދަ ޙަމަލަތަކުގެ ސަބަބުން އީރާނީންނަށް އެއްވެސް ދިމާޔަކުން ފަހަތަށް ޖެހިލަން ބޭނުންވެއްޖެނަމަ އެބައިމީހުންގެ ފަހަތުގައި ތަނަވަސް މައިދާނެއް އޮތެވެ. އެބައިމީހުންގެ އަދަދު ގިނަކަމާއެކު އަލުން ސަފުތައް އަތުރައިލައި ޖަވާބީ ޙަމަލަ ދޭކަށެއް ލަހެއްނުވެއެވެ. ނަމަވެސް މުސްލިމުން ތިބޭންޖެހުނީ ކުޑަކުޑަ ތަންކޮޅަކަށް ބޮނޑިވެގެންނެވެ. އީރާނީންގެ ގޮންޏެއްގެ ތެރޭގައެވެ. އީރާނުގެ އެތްތައް މިސްރާބުޖަހާ ކޮންމެ ދިމާއެއް ސުންނާފަތިކޮށްލައެވެ.
ހުދުކުލައިގެ ވަރަށްބިޔަ އެތެއް ވަރަށް ބާރަށް ހޭރެމުން ހޮނޑު އަނބުރަމުން ކުރިޔަށް އަންނާން ފަށައިފިއެވެ. އެސޮރުގެ ހައިބަ ބޮޑުކަމުން އެހެނިހެން އެތްތައްވެސް އެސޮރަކާ ކައިރިޔެއް ނުވެއެވެ. أبو عبيدة رضـى اللّـه عنـــه، اللّـه أكبــر ގެ ނަޢުރާ ކުރައްވަމުން ކުރިޔަށް އަރައިވަޑައިގެން އެސޮރާ ޙަމަލަ ދެއްވައިފިއެވެ. އެކަލޭގެފާނުގެ ކަނޑިކޮޅުން ޖައްސައި އެސޮރުގެ ހޮނޑު ނިތާ ހަމައިން ބުރިކޮށްލައްވައިފިއެވެ. ހަމައެޔާއެކު އެބިޔަ ޖަނަވާރު ރުޅިއައިސްގެން أبو عبيدة އެސޮރުގެ ފައިދަށުލައި ޗިސްކޮށްލައިފިއެވެ.
ހަނގުރާމަ ފެއްޓެވުމުގެކުރީން أبو عبيدة رضـى اللّـه عنـــه ވަނީ އެކަލޭގެފާނު ޝަހީދުވެއްޖެނަމަ އެކަލޭގެފާނުގެ ޤަބީލާގެ ހަތްމީހަކަށް އެކަކަށްފަހު އަނެކަކަށް ލަޝްކަރުގެ ވެރިކަން ދިނުމަށް ވަޞިއްޔަތް ކުރައްވައިފައެވެ. އެހެންކަމުން އެކަލޭގެފާނު ޝަހީދުވެވަޑައިގެންނެވުމާއެކު އެކަލޭގެފާނު ޢައްޔަންކުރެއްވި އަމީރުންގެ ތެރެއިން ޒުވާނެއް ދިދަ އުފުލައިލެއްވިއެވެ. އޭނާވެސް ވަރަށް އަވަހަށް ޒަޚަމުވެގެން ވެއްޓިވަޑައިގެންފިއެވެ.
أبو عبيدة ޢައްޔަން ކުރައްވައިފައިވާ ހަތް އަމީރުންވެސް އެއްބޭކަލަކަށްފަހު އަނެއް ބޭކަލަކު ޝަހީދުވެއްޖެއެވެ. އޭރު އިސްލާމީ ލަޝްކަރަށް ވަނީ ޤިޔާމަތެއްފަދަ ނުސިޔާނު ޙާލަތެއް ކުރިމަތިވެފައެވެ. أبو عبيدة ގެ ހަތްވަނަ ޤާއިމުމަޤާމު ޝަހީދުވުމާއެކު އިންތިހާދަރަޖައިގެ މާޔޫސްކަމާއެކު މުސްލިމުން ކޯރު ހުރަސްކުރަން ފާލަމާ ދިމާޔަށް ފަހަތަށްޖެހޭން ފަށައިފިއެވެ. އެވަގުތު މީހަކު (ޘަޤީފުވަންހައިގެ މީހެއް ކަމުގައިވާ ޢަބްދު اللّـه ބިން މަރްޘަދު ޘަޤަފީ) ގޮވައިލިއެވެ. "މުސްލިމުންނޭވެ! ތިޔަބައިމީހުންގެ އަމީރުންނެކޭ އެއްގޮތަށް ފުރާނަ ޤުރްބާންކޮށްލާށެވެ. ނުވަތަ ފަތަޙަ ހޯދާށެވެ. ތިޔަބައިމީހުންގެ ކުރިމައްޗަކު ތިންވަނަ ގޮތެއް ނެތެވެ." އޭނާ އެހެން ގޮވައިލުމާއެކު ދުވެފައިގޮސް ބޮއްކުރާތަކުގެ ފަތްތިޔަ ކަނޑައިލައިފިއެވެ. ފާލަން ހަލާކުވި ޚަބަރު ބަސްބުނާހައި ހިނދުކޮޅެއްގެ ތެރޭގައި އިސްލާމީ ލަޝްކަރުގެ ތެރޭގައި ފެތުރިއްޖެއެވެ. ފާލަމާ ކައިރިޔަށް އާދެވުނު ގެމަތައް ސިހިގެން ހައިރާންކަމާއެކު ކޯރަށް ފުމޭންފަށައިފިއެވެ. މުސްލިމުންގެ ހަތަރު ފަރާތުން މަރުގެ ހިޔަނި ފެންނާން ފެށުމާއެކު مثــنّـى بــن حــارثـــة رضى اللّـه عنــه އަވަސްއަވަހަށް ލަޝްކަރުގެ މެދުތެރެޔަށް ވަޑައިގެންފިއެވެ. އޭގެކުރީން އެކަލޭގެފާނު ހުންނެވީ ފާރިސީ ލަޝްކަރު އަރިމައްޗާ ޙަމަލަދެއްވައި ހަނގުރާމަ ކުރައްވާށެވެ.
مثــنّـى ވަޑައިގެން ދިދައިގައި ހިއްޕެވުމާއެކު ގޮވައިލެއްވިއެވެ. "މުސްލިމުންނޭވެ! އަމިއްލަޔަށް ހަލާކުގެ ތެރެޔަށް ނުވެއްޓޭށެވެ. ފާލަން މަރާމާތުކޮށްގެން ހަމަޖެހިލައިގެންތިބެ ކޯރު ހުރަސްކުރާށެވެ. ތިޔަބައިމީހުންގެ އެންމެފަހު މީހާއަށް ކޯރު ހުރަސްކުރެވެންދެން އަހަރެން ތިޔަބައިމީހުން ޙިމާޔަތް ކުރާނަމެވެ." އެހެން ވިދާޅުވުމަށްފަހު ބަހުރައިނުގެ ސިންގާ މުޖާހިދުންގެ މަދު ބޭކަލުންކޮޅަކާއިގެން ދުޝްމިނުންގެ ކުރިމަތީގައި ފަރުބަދައެއް ފަދައިން ސާބިތުކަމާއެކު ހުއްޓިވަޑައިގެންފިއެވެ. އެކަލޭގެފާނުގެ އަރިހުގައި ސާބިތުވެ ތިބި ފަހުލަވާނުންގެ ތެރޭގައި ޠައްޔުވަންހައިގެ ޢީސާއީ ޒުވާނުންކޮޅެއްވެސް ހިމެނެއެވެ. އޭރު މުސްލިމުންގެ އެތައްސަތޭކަ ބަޔަކު ދިޔައީ ފުރާތު ކޯރަށް ފުމެމުންނެވެ. ފުރާތު ކޯރުގެ ޠޫފާނީ އޮއިވަރާއި ބިޔަ ރާޅުތަކުގެ ތެރޭގައި ޣަރަޤުވަމުންނެވެ.
مثــنّـى بــن حــارثـــة رضى اللّـه عنــه އެކަލޭގެފާނުގެ ވަށައިގެން އެތްތައް ހޭރެމުން ދުވިއިރުވެސް އިސްލާމީ ދިދަ އުފުއްލަވައިގެން ހުންނެވިއެވެ. ދުޝްމިނުންގެ ލޮންސި އެތިއެތިފަހަރުގެ ސަބަބުން އެކަލޭގެފާނުގެ ދަހަނާކޮޅުގެ އުޅައްތައް މޭފުޅަށްހެރި ދަހަނާކޮޅާއި ހެދުންކޮޅު ލޭފޮދުން ފޯވަމުން ދިޔައިރުވެސް އެދިދަ ވެއްޓުނަކަ ނުދެއްވައެވެ. އިރުކޮޅެއްގެ ކުރީން މާޔޫސްކަމާއެކު ކޯރާ ދިމާޔަށް ދުވަމުންދިޔަ މުސްލިމުން އެކަލޭގެފާނުގެ ދެފަރާތްޕުޅުގައި ސަފުހަދައިފިއެވެ. ދުޝްމިނުންނާ ވަރުގަދަޔަކަށް ޙަމަލަދޭން ފަށައިފިއެވެ. އިރުކޮޅެއްގެތެރޭ ފާލަންވެސް ގުޅައިލެވިއްޖެއެވެ. މުސްލިމުން ފުރިހަމަ ރޭވުންތެރިކަމާއެކު ހަމަޖެހިގެންތިބެ ފާލަން ހުރަސްކުރާން ފަށައިފިއެވެ. حسّان ހިމެނިވަޑައިގެންނެވީ އިސްލާމީ ލަޝްކަރުގެ އަމީރުގެ އަރިހުގައި އެންމެފަހުން ފާލަން ހުރަސްކުރެއްވި ހިތްވަރުފުޅުގަދަ އެގާރަ މުޖާހިދުންގެ ތެރެއިންނެވެ. އެބޭކަލުން ފާލަން ހުރަސްކުރެއްވުމަށްފަހު ފައްތިޔަ ކަނޑުއްވައިލައްވައިފިއެވެ. ނާކާމިޔާބު ކުރިމަތިލާންޖެހުނު އިސްލާމީ ލަޝްކަރުގެ ސިފައިން އެބައިމީހުންގެ އަމީރުގެ އަރިހަށް ޖަމާވާން ފަށައިފިއެވެ. އެންމެންގެވެސް ވާހަކަޔަކީ އެއްވާހަކައެކެވެ. ޖިސްރުގެ މައިދާނުގައި ހަށިކޮޅުތައް ވިހުރުވިފައިހުރި ޝަހީދުންގެ ވާހަކައެވެ. އެބައިމީހުން ފެންކަޅިވެފައިވަނީ އެބައިމީހުންގެ އެކުވެރީންގެ ތެރެއިން ފުރާތު ކޯރުގެ ބިޔަ ރާޅުތައް އޭގެ ބަނޑުދަށު ލައިފައިވާ މުޖާހިދުންނާ މެދުގައެވެ.
މިހަނގުރާމައިގައި (ޖިސްރުގެ ހަނގުރާމައިގައި) މުސްލިމުންނަށް ލިބުނު ގެއްލުން މުޅި ޢިރާޤާއި އީރާން ފަތަޙަކުރުމުގައި ލިބުނު ގެއްލުމަށްވުރެ ބޮޑެވެ. މިހަނގުރާމައިގެ ޝަހީދުންގެ އަދަދަކީ ޖުމުލަ ހަތަރުހާހެވެ. أبو عبيدة رضـى اللّـه عنـــه ގެ އަރިހުގައި އައި މުޖާހިދުންކުރެ ގާތްގަނޑަކަށް ދެހާސް މީހުން ވަނީ މިހަނގުރާމައިގައި ލިބުނު ގެއްލުމުގެ ސަބަބުން ހިތްވަރު އެލިގެން އެނބުރިގޮސްފައެވެ.
+ + + + +
مثــنّـى بــن حــارثـــة رضى اللّـه عنــه އެދުވަހުގެ އިރުއޮއްސުމުގެކުރީން އެކަލޭގެފާނުގެ ޤާސިދެއްގެ އަތަށް ސިޓީފުޅެއް ދެއްވައިފައި أميـرالمؤمنـين ގެ އަރިހަށް ފުރުއްވައިލެއްވިއެވެ. ހަމައެފަދައިން ޢިރާޤުގެ ސަރަޙައްދާ ގުޅޭ ޢަރަބި ޤަބީލާތަކުގެ ޝައިޚުންގެ ތެރެއިން އަވަސް އެހީފުޅެއް ދެއްވައިފާނެކަމުގައި ދެކެވަޑައިގަންނަވާ ޝައިޚުންގެ އަރިހަށްވެސް مثــنّـى ސަފީރުން ފުރުއްވައިލެއްވިއެވެ. مثــنّـى رضى اللّـه عنــه އިރުއޮއްސި އެއްގަޑިއިރުވުމުން އެކަލޭގެފާނުގެ ލަޝްކަރުގެ ބާކީތިބި މީސްކޮޅައިގެން މަރުދަމާގެ ސަރަޙައްދީ ޢަސްކަރުގާހަށް މިސްރާބު ޖައްސަވައިފިއެވެ. ދުޝްމިނުން ހަރަކާތްތެރިވާގޮތުގެ މަޢުލޫމާތު ހޯއްދެވުމަށްޓަކައި ޖާސޫސުން ފޮނުއްވިއެވެ. ޖާސޫސުންގެ ފަރާތުން މަޢުލޫމާތު ލިބިވަޑައިގެންނެވި ގޮތުގައި ބަހުމަން ކުރިޔަށް ވަޑައިގެންނެވުމުގެ ބަދަލުގައި އެނބުރި މަދާއިނަށް ދަތުރު ފައްޓަވައިފިއެވެ. އޭނާގެ ލަޝްކަރުގެ ބައެއް ޖާބާނާއި މަރުދާންޝާހުގެ ވެރިކަމުގައި މުސްލިމުންގެ ފަހަތުން އެބައާދެއެވެ. مثــنّـى ފޮނުއްވި މެސެޖަށް އުއްލައިސުގެ ޤަބީލާތަކުން ވަނީ ފައްސި ޖަވާބެއް ލިބިވަޑައިގެންފައެވެ. އެހެންކަމުން مثــنّـى އެކަލޭގެފާނުގެ ލަޝްކަރާއިގެން މަރުދަމާއިން ފުރައިވަޑައިގެން އުއްލައިސަށް ވަޑައިގެންފިއެވެ. ބަހުމަން ކުއްލިގޮތަކަށް މަދާއިނަށް ވަޑައިގެންނެވީ ކީއްވެގެންކަން مثــنّـى އަށް އެނގިވަޑައިގެންނެވީ އުއްލައިސަށް ވަޑައިގެންނެވުމުންނެވެ. އޭގެ ސަބަބަކީ މަދާއިނުގެ އަމީރުންކުރެ ނުފޫޒުހުރި ބޭފުޅުންތަކެއް ފީރޯޒާނުގެ ވެރިކަމުގައި ރުސްތުމާ ދެކޮޅަށް ބަޣާވަތުގެ ދިދަ ނެންގެވުމެވެ. ރުސްތުމުގެ ޤާސިދު ބަހުމަންގެ އަރިހަށްއައި ޖިސްރުގެ މައުރިކާ އޭގެ އެންމެފަހު މަރުޙަލާއަށް ވަންތަނާއެވެ.
ޢިރާގުގައި ދެފުށުއެޅިފައިތިބި ޤަބީލާތައްވެސް މަދާއިނަށް އައު އިންޤިލާބެއް އައުމުގެ ކޮޅުމަތި ފެންނާން ފެށުމުން މުސްލިމުންނާ ގުޅެން ތައްޔާރުވެއްޖެއެވެ. އެ ޤަބީލާތަކަކީ ތަންކޮޅެއް ކުރީން އީރާނާ އެއްކޮޅަށް ތިލަފަތް ބަރުވާހެން ހީވެގެން މުސްލިމުންނާ ދުރަށް މޫނު އަނބުރައިލި ޤަބީލާތަކެވެ. مثــنّـى بــن حــارثـــة رضى اللّـه عنــه ދުވަސްކޮޅެއްފަހުން ޖާބާނާއި މަރުދާނުޝާހުއާ ހަނގުރާމަ ކުރައްވަން ދަތުރުފުޅު ފެއްޓެވިއިރު އުއްލައިސުގެ ވަރަށްގިނަ މީހުން އިސްލާމީ ލަޝްކަރުގައިވަނީ ބައިވެރިވެފައެވެ. مثــنّـى رضى اللّـه عنــه ވަޑައިގެން ޖާބާނާއި މަރުދާންޝާހު ވަރަށް ޢިބްރަތްތެރި ގޮތަކަށް ބަލިކޮށްލެއްވިއެވެ.
އެދުވަހުގެ ހަނގުރާމަ ހުއްޓުމާއެކު مثــنّـى بــن حــارثـــة رضى اللّـه عنــه، حسّان ބަލައިފޮނުއްވައިފިއެވެ. مثــنّـى ވިދާޅުވިއެވެ. އަޅުގަނޑު ވަރަށް ޚާއްޞަ މުހިންމަތަކަށް ކަލާ ފޮނުވަން ބޭނުމެވެ. އީރާނުގެ އެތެރޭގައި ކަންތައްތައް ހިނގަމުންދާގޮތް އޮޅުންފިލުން އަޅުގަނޑުމެންނަށް ވަރަށް މުހިންމެވެ. އެހެންކަމުން ކަލާ ހަމަ މިރޭ ހީރަތަށް ވަޑައިގަންނަވަން ދަތުރު ފައްޓަވާށެވެ. ވީހައިވެސް އަވަހަކަށް އެރަށަށް ވަޑައިގެންނެވޭތޯ ބައްލަވާށެވެ. އެބައެއްގެ ވަފާތެރިކަމާމެދު އިތުބާރުކުރެވޭފަދަ މީހުން ހީރަތުގައި ތިބޭނެއެވެ. އެމީހުން މެދުވެރިކުރައްވައި މަދާއިނުގެ ޙާލަތު އޮޅުންފިލުއްވާށެވެ. ދުޝްމިނުން ފުޅާދާއިރާއެއްގައި ހަރަކާތްތެރިވާކަން އެނގިވަޑައިގެންފިނަމަ އަވަހަށް އެނބުރިވަޑައިގަންނަވާށެވެ. ކަލާއަށް އެންމެ ރައްކާތެރިވާނީ އީރާނީ އޮފިސަރެއްގެ ހެދުންކޮޅުގައި ދަތުރު ކުރެއްވުމެވެ. އަޅުގަނޑު ދެދުވަހެއްގެ ފަހުން މިތަނުން ދަތުރު ފަށާނަމެވެ. އަޅުގަނޑުގެ އެންމެ ފުރަތަމަ މަންޒިލަކަށްވާނީ ޚައްފާނުގެ ކައިރީން ކޮންމެވެސް ރަނގަޅު ތަނެކެވެ. އުއްލައިސަށްވުރެ ސަހަރާއާ ކައިރި ތަނެކެވެ."
އިރުއޮއްސުމުގެ ތަންކޮޅެއްކުރީން ކާއޫސް حسّان ގެ ފޭލިގެކޮޅަށް ވަދެއްޖެއެވެ. އޭނާ ހައިރާންވެގެން حسّان އާ ދިމާޔަށް ބަލާން ފަށައިފިއެވެ. އޭނާ ޝަކުވާގެ ރާގުގައި ބުންޏެވެ. "ކަލާ މަދާއިނަށް ވަޑައިގަންނަވާ ވާހަކަ ވިދާޅުނުވީ ކީއްވެތޯއެވެ؟ އަޅުގަނޑުގެ އެހީއާނުލައި ކަލާއަށް މަދާއިނުން އޭނާ ހޯއްދެވިދާނެހެން ހީފުޅުވޭތޯއެވެ؟"
حسّان ހިނިފުޅުވަޑުވައިލެއްވިއެވެ. "އަހަރެން މަދާއިނަށްދާނަމަ ކާއޫސް އަހަންނާއެކު ހުރީސްކަން ކަށަވަރެވެ. މަދާއިނަށް ދާންވީ ވަގުތު އަދިޔެއް ނާދެއެވެ."
"އެހެންވީއިރު ތިޔަ ހެދުންކޮޅު.......؟"
"އީރާނީން ތިބެނީ ހަމައެކަނި މަދާއިނަކު ނޫނެވެ. އީރާން ވަރަށް ބޮޑެވެ."
"އެކަމަކު މިބޮޑުސިންގާ ޤައުމުގެ ކޮންމެ ރަށެއްގައިވެސް ކަލާއަށް އަޅުގަނޑުގެ ބޭނުން ޖެހިވަޑައިގަންނަވާނެއެވެ. އެބައިމީހުން ކަލާ ތިޔަ ހެދުންކޮޅުގައި ފެނިފައިވެސް ޝައްކު ކުރާނެއެވެ. އެކަމަކު އަޅުގަނޑާމެދު ޝައްކެއް ނުކުރާނެއެވެ."
حسّان ޖަވާބު ދެއްވިއެވެ. "ކާއޫސަށް ބޭނުންވާނެނަމަ އަހަންނާއެކު ކާއޫސް ގެންދިޔައިމުހެވެ."
"ކަލާ ތިޔަ ވަޑައިގަންނަވަނީ ނުރައްކާތެރި މުހިންމަތެއްގައި ތޯއެވެ؟"
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު