ފުޓުބޯޅަ އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސް މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް ކޮންގްރެސް ބާއްވާ ތަނާއި ބާއްވާ ގަޑި އަދި ފައިނަލް ނުވާކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.

ނަމަވެސް އިންތިހާބީ ކޮންގްރެސް މިއަދު ބާއްވަން ނިންމާފައިވާ ކަން ކްލަބްތަކަށް އަންގާފައިވާ ކަމަށް ފުރަތަމަ ޑިވިޝަނުގެ ކްލަބުތަކުން "ވަން" އަށް ވަނީ މައުލޫމާތު ދީފައެވެ. ފުރަތަމަ ޑިވިޝަންގެ ކްލަބުތަކުން ބުނީ އެފްއޭއެމް އިން ކްލަބްތަކަށް ފޮނުވާފައިވާ ސިޓީގައި ބުނެފައިވަނީ މިއަދު 16:00 ގައި އެފްއޭއެމްގައި އެއެސޯސިއޭޝަނުގެ އިންތިހާބީ ކޮންގްރެސް ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެކޮންރެސް ކުރިޔަށް ދާނީ ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިނާއި އެއްގޮތަށް ކަމަށްވެސް އެ ސީޓީގައި ބުނެފައިވާ ކަމަށެވެ.

މީގެ ހަފުތާއެއްވަރު ކުރިން އިންތިހާބު މިއަދު އޮންނާނެ ވާހަކަ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ އިންތިހާބު މިއަދު ބާއްވަން ނިންމާފައިވާއިރު އެފްއޭއެމްގެ ކުރީގެ ރައީސް އަދި މެދު ހެންވޭރު ދާއިރާގެ މަޖިލިސް މެންބަރު އަލީ އާޒިމް ވަނީ އެފްއޭއެމްގެ އިންތިހާބު ހުއްޓުވައި އެ އެސޯސިއޭޝަން އާ މެދު ފިޔަވަޅު އަޅުމަށް ސްޕޯޓްސް ކޮމިޝަނާއި ޔޫތު މިނިސްޓަރަށް އެންގުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވައިފައި ފައެވެ. އެގަރާރުގައި ބުނެފައިވަނީ އެފްއޭއެމްގައި ހުރި މައްސަލަތައް ހައްލުކޮށްފައި ނޫނީ އިންތިހާބު ބޭއްވިޔަ ނުދިނުމަށެވެ.

މިގަރާރާއި ގުޅިގެން އެފްއޭއެމްގެ ބަލަދުވެރި ފަރާތް ކަމުގައިވާ ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާ އިން ވަނީ އިންތިހާބަށް ސިޔާސީ ނުފޫޒު ފޯރުވާނަމަ ރާއްޖެ ސަސްޕެންޑް ކުރާނެ ކަމުގެ އިންޒާރު އިއްޔެ ދީފައެވެ. މި މައްސަލައިގައި ސްޕޯސްކޮމިޝަނުން ވެސް އަދި ސްޕޯޓްސް މިނިސްޓްރީން ވެސް ބަހެއް ބުނެފައެއް ނުވެއެވެ.