މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ މައްޗަށް ނުފޫޒެއް އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޕީޖީ އާއި އައިޖީއެމްޗާއި ޖެންޑާ މިނިސްޓްރީން ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމީމް ވިދާޅުވީ ޕޮލިހުގައި ހުރި މައްސަލަތައް ނިމުމާއެކު ޕީޖީއާ މައްސަލަތައް ހަވާލުކުރަމުން އަންނަ ކަމަށެވެ. އަދި ޕީޖީގައި މައްސަލަ ލަސްނުވާ ކަމަށާއި މައްސަލަ ބަލައި ގަންނަނީ އެކަށީގެންވާ ވަރަށް ހެއްކާއި ގަރީނާ ލިބުމުން ކަމަށެވެ.

"ދެން އަޅުގަނޑަކަށް ހަމަ ހިއެއް ނުވޭ ފުލުހުންނަކަށް ނުފޫޒެއް ފޯރުވާފައި އޮވެދާނެ ކަމަކަށް. ފުލުހުން އެބަ ވިދާޅުވޭ ނުފޫޒެއް ނުފޯރުވައޭ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ސަފާރީގައި ރޭޕް ކުރިކަމަށް ބުނެ ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަށް ނުފޫޒު ފޯރުވާފައިވޭތޯ ބަލާނެ ކަމަށާއި ބެލުމަށްފަހުު އެކަމުގެ މައުލޫމާތު ހިއްސާކުރާނެ ކަމަށެވެ.

ސަފާރީ މައްސަލައަށް ވަރަށް ހާއްސަ ސަމާލުކަމެއް ދީގެން ބަލާނެ ކަމަށާއި އެމައްސަލައަކީ މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ތެރޭގައި ހިމެނޭ މައްސަލައެއް ކަމަށް ވެސް ޕީޖީ ވިދާޅުވިއެވެ.