މާދަމާ އިން ފެށިގެން ހުއްދަ ނެތި ރޭގަނޑު 11:00އާ ހަމައަށް ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސައިފިއެވެ.
ކޮވިޑުގެ ބަލިމަޑުކަމާ ގުޅިގެން މާލޭ ސަރަހައްދުގައި އަދިވެސް ވަނީ ފިޔަވަޅުތައް އަޅައިފައެވެ. ނަމަވެސް މިދިޔަ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ބައެއް ލުއިތައް ދީފައިވެއެވެ. އަދި މާދަމާއިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭން ވަނީ ނިންމައިފައެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، މާދަމާ އިން ފެށިގެން ހުއްދަ ނެތި ރޭގަނޑު 11:00އާ ހަމައަށް ބޭރުގައި އުޅެވޭ ގޮތަށް ހަމަޖައްސައިފައިވާ ކަމަށެވެ.
މީގެ ކުރިން ކަސްރަތު ކުރުމާއި އުމުރުން ދުވަސްވީ މީހުންނާއި ކުޑަކުދިންނަށް ހާއްސަ ވަގުތެއް ކަނޑައަޅާފައިވީ ނަމަވެސް މިރޭ ފަތިހު 5:00 އިން ފެށިގެން ހުރިހާ އުމުރެއްގެ މީހުންނަށްވެސް ރޭގަނޑު 11:00އާ ހަމައަށް ބޭރުގައި އުޅެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.
"މާދަމާއިން ފެށިގެން ހުރިހާ އުމުރެއްގެ ބޭފުޅުންނަށްވެސް ފަތިހު 5:00 އިން ރޭގަނޑު 11:00އާ ހަމައަށް ހުއްދައަކާ ނުލައި ބޭރުގައި އުޅެވޭނެ،" މަބްރޫކް ވިދާޅުވިއެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ، އެއްތަނަކަށް 30 މީހުންނަށްވުރެ އިތުރު ނުވާ ގޮތެއްގެ މަތިން އެއްވެ އުޅެވޭނެ ކަމަށެވެ. އަދި ފިހާރަތަކާއި، ކެފޭ ރެސްޓޯރެންޓްތައްވެސް މާދަމާއިން ފެށިގެން ރޭގަނޑު 10:00އާ ހަމައަށް ހުޅުވާފައި ބަހައްޓައިގެން ހިދުމަތް ދެވޭނެ ކަމަށް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ވެސް މާދަމާއިން ފެށިގެން ވަނީ ދީފައެވެ. ނަމަވެސް އުމުރުން 12 އަހަރުން ދަށުގެ ކުދިންނަށް ކުޅިވަރުގެ ހަރަކާތްތައް ހިންގާ އެކަޑަމީތަކަށް އަދި ހުއްދަ ދީފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު