ކޮވިޑް 19 އާ ގުޅިގެން އިގްތިސާދު ހީނަރުވެފައިވާތީ މިވަގުތު ބައިނަލްއަގުވާމީ މުބާރާތްތައް ނެތް އެސޯސިއޭޝަންތަކުގެ ބަޖެޓް ކުޑަކުރަން ނިންމާފައިވާ ކަމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހްމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީން ގެނެސްދިން ކުޅިވަރު ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މަހްލޫފް ވިދާޅުވީ މިވަގުތަށް ކޮންމެހެން ބައިވެރިވާން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭ ކުޅިވަރުތަކުގެ ބަޖެޓު ކަނޑައި ނުލައި ކުރިޔަށް ގެންދެވޭތޯ ބަލާނެ ކަމަށެވެ.
"ބައިނަލް އަގުވާމީ އެއްވެސް މުބާރާތެއް ނެތް، ނޫންނަމަ މުހިންމު، ނުވަތަ ކޮންމެހެން މުހިންމު މުބާރާތެއް ނެތްނަމަ ކުޅިވަރު އެސޯސިއޭޝަންތަކަށް ކަނޑައެޅިފައިވާ ބަޖެޓް ވަރަށް ބޮޑަށް އަޅުގަނޑުމެންނަށް މިވަގުތަށް ޖެހޭނީ ހަމަ އުނިކުރަން" މަހްލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ ހުރިހާ މިނިސްޓްރީތަކުން ވެސް ބަޖެޓް ކުޑަކުރަމުން އަންނަ ކަމަށާއި އެހެން ކަމުން ޔޫތު މިނިސްޓްރީން ވެސް ބަޖެޓު ކުޑަކުރަން ޖެހޭ ކަމަށެވެ.
މީގެ އިތުރުން މަހްލޫފް ވިދާޅުވީ ކުޅިވަރު ކުޅުންތެރިންނަށް ދެމުން އައި މުސާރަ ކުޑަ ނުކުރާނެ ކަމަށާއި ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރަ ދެމުންދާނެ ކަމަށެވެ. ނަމަވެސް ގައުމީ ޓީމްތަކަށް ދެމުން އަންނަ މުސާރަ ދިނުމުގައި ވިސްނަން ޖެހޭ ކަންކަން އެބަހުރި ކަމަށާއި އެގޮތުން އެއްވެސް އިންޓަނޭޝަނަލް މުބާރާތެއްގައި ބައިވެރި ނުވެ މުސާރަ ނަގާ ކުޅިވަރުތައް ވެސް އެބަހުރި ކަމަށެވެ. އެހެންކަމުން އެފަދަ ކަން ކަން ބަލައި އެކަންކަމަށް އުސޫލުތަކެއް ކަނޑައަޅަން ޖެހޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މަހްލޫފް ވިދާޅުވީ އެކަމާ ގުޅިގެން ކުޅިވަރު ކައުންސިލާ ވެސް ވާހަކަ ދެކެވިފައިވާ ކަމަށެވެ. އަދި ގައުމީ ޓީމް ކިޔާ ނަމަ އިންޓަނޭޝަނަލް މުބާރާތްތަކުގައި ބައިވެރިވާން ޖެހޭނެ ކަމަށާއި ހަމަ ނަމެއްގައި ގައުމީ ޓީމެއް އޮތުމަކީ ގަބޫލު ކުރެވޭ ކަމެއް ނޫން ކަމަށެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު